ޖަންނަތު (03)

(ދެވަަނަ އަދަދާއި ގުޅޭ)

ޖަންނަތު އޭލެވެލް ފަހު އިމްތިޙާން ފެށެން އުޅެނިކޮށް ޖަދުވާ ބަނޑުބޮޑުވިކަމުގެ އުފާވެރި ޚަބަރު ލިބުނެވެ. އެހިސާބުން ހުސްނާއަށް ޖެހުނީ ކޮންމެވެސް އެއްކޮޅެއް ޚިޔާރުކުރާށެވެ. ކޮންމެ ގޮތެއްވިޔަސް ޖަދުވާއަށް ވަޒީފާއަށް ދެވޭނީ އޭނާއަށް އެހީވާނެ ކޮންމެވެސް މީހަކު ގޭގައި ހުރެގެންނެވެ. އެކަންވެސް ގުޅިފައި އޮތީ ޖަންނަތުގެ ކުރިމަގާއެވެ. އެހެންކަމުން ވަރަށް ގިނަ ގޮތްގޮތަށް ވިސްނުމަށްފަހު ހުސްނާ ނިންމީ ޖަންނަތު އެކަނި ބަހައްޓާފައި ރަށަށް ބަދަލުވާށެވެ. ސީމާއަށް އިތުބާރުކުރެވޭތީއާވެސް އެކުގައެވެ.

އެއްވެސް މީހަކަށް ނޭނގުނުކަމުގައިވީނަމަވެސް އެކަން ވެގެންދިޔައީ ޖަންނަތުގެ ޙަޔާތުގެ މުޅިން އައު ބާބެއްގެ ފެށުންކަމުގައެވެ.

ހުސްނާ ރަށަށް ގޮސް މާ ގިނަ ދުވަހެއް ނުވެ ޖަންނަތުގެ އޭލެވެލް އިމްތިޙާން ނިމުނެވެ. އެހެންކަމުން ނަތީޖާ ލިބެންދެން އެދުވަސްކޮޅު ޖަންނަތުވެސް ރަށަށް ބަދަލުވިއެވެ. އެތައް ދުވަހެއް ފަހުން ތިން މައިން އެއްތަންވުމުން އުފާވެރި ދުވަސްތަކެއް ހޭދަކުރުމުގެ ފުރުސަތު ލިބިގެންދިޔައެވެ.

އޭރު ޖަންނަތުގެ އުމުރުން ނަވާރަ އަހަރެވެ. ކުޑަކުއްޖެއްގެ ސިފަތައް ގެއްލި ޖަންނަތު ހުރީ ޒުވާންކަމުގެ ކުލަވަރު ޖެހެން ފަށާފައެވެ. އިސްކޮޅުން ދިގުވެފައި ބައްޓަން ރީއްޗެވެ. ފަންފަން، ދިގު އިސްތަށިގަނޑެކެވެ. ކަޅުކަން ގަދަ ކަޅިރަވައިގައި ދަމާ ބާރެއް އެކުލެވިފައިވެއެވެ. އައިބެއް ނުވާ، ސާދާ، ދޮން މޫނު ފެންނަ ކޮންމެ ފިރިހެނެއްގެ ހިތް ލެނބިގެންދާހާވެއެވެ.

ރަށުގައި ހުރި ދުވަސްވަރު ފިރިހެން ކުދިންގެ ފަރާތުން ޖަންނަތަށް ވަރަށް ގިނަ ހުށަހެޅުންތައް ލިބެމުންދިޔައެވެ. ނަމަވެސް އޭރު ޖަންނަތުގެ ހިތުގައި އެފަދަ ކަމަކަށް އެއްވެސް ޝައުޤުވެރިކަމެއް ނެތެވެ. އޭނާގެ އެންމެ މުހިންމު މަޤުސަދަކީ ކިޔަވައިގެން މަންމައާއި ދައްތަ ފަޚުރުވެރިވާފަދަ މޮޅު ކުއްޖަކަށްވުމެވެ. އެދެމީހުން ވަމުންދާ ޤުރުބާނީގެ އަގު ކޮންމެވެސް ސިފައެއްގައި އަދާކޮށްދިނުމެވެ. އެހެންކަމުން ޖަންނަތު ދިޔައީ ލިބެމުންދިޔަ ހުރިހާ ހުށަހެޅުމަކަށްވެސް ބީރު ކަންފަތެއް ދެމުންނެވެ.

އޯލެވެލްއެކޭ އެއްފަދައިން އޭލެވެލްއިންވެސް ޖަންނަތަށް ވަރަށް ފުރިހަމަ ކާމިޔާބީއެއް ލިބުނެވެ. މިފަހަރުވެސް ނޭޝަނަލް ޓޮޕް ޓެންގެ ހަތަރު ވަނައިގައި ޖަންނަތުގެ ނަން ހިމެނުނެވެ. މޮޅު ޑޮކްޓަރަކަށްވުމަކީ ޖަންނަތު އެންމެ ކުޑައިރުއްސުރެވެސް ދެކެމުން އައި ހުވަފެނެކެވެ. އެހެންކަމުން ޖަދުވާ ބޭނުންވީ އިތުރަށް ކިޔެވުމަށްޓަކައި ޖަންނަތު ރާއްޖެއިން ބޭރަށް ފޮނުވާށެވެ. ނަމަވެސް ވަގުތުން ޖަންނަތު އެކަމާ ދެކޮޅުހެދިއެވެ. ޢާއިލާއާ އެހާ ދުރަށް ދާކަށް އޭނާ ހަމަހިލާ އެއްބަހެއް ނުވިއެވެ. އަމުދުން ދަރިއަކު ލިބެން އުޅޭއިރު ޖަދުވާ އަތުން އިތުރު ޚަރަދުތަކެއް ކުރުވާކަށް ޖަންނަތު އެއްވެސް ޙާލެއްގައި ބޭނުމެއްނޫނެވެ. މާލެއިންވެސް އެމް.ބީ.ބީ.އެސް ހެދުމުގެ ފުރުސަތު އެބައޮތެވެ. އެހެންކަމުން ޖަންނަތު އިޚްތިޔާރުކުރީ މާލޭގައި ހުރެގެން އޭނާގެ ހުވަފެންތަކުގައި ކުލަ ޖައްސާށެވެ.

ކޯހަށް އެޕްލައިކޮށްގެން ކޯސް ލިބުމާއެކު ޖަންނަތު އަނެއްކާވެސް މާލެ ބަދަލުވިއެވެ. ހުސްނާ ނެތެއްކަމަކު ސީމާވީ ޖަންނަތުގެ ދެވަނަ މަންމައެއްކަމުގައެވެ. ސީމާގެ ދެ ދަރިންނާ ޖަންނަތާ އެއްވެސް ތަފާތެއް ނުކުރެއެވެ. އެކުދިންވެސް ދެކެނީ ޖަންނަތަކީ އެއްބަނޑު އެއްބަފާ ކުއްޖެއްގެ ގޮތުގައެވެ. އެއްކުއްޖަކު އަނެއް ކުއްޖަކަށް ކިޔެވުމުގައިވެސް އެހީތެރިވެދީ ހަދައެވެ.

ކުރިންވެސް ހީކުރެވިފައި އޮތް ގޮތަށް ކޯސް ފެށުމާއެކު ދުވަސްތައް ދާ ގޮތްވެސް ޖަންނަތަށް ނޭނގެއެވެ. ދަސްކުރަންޖެހޭ ފިލާވަޅުތައް ގިނަވެފައި ހަދަންޖެހޭ އެސައިމެންޓްތަކާއި ޓިޔުޓޯރިއަލްތައް ގިނަކަމުން ގިނަ ފަހަރު އެހެން ކަމެއް ކުރާނެ ވަގުތެއް ނުލިބެއެވެ. އަދި އޭގެ މައްޗަށް ކޮންމެ ހަފްތާއަކުހެން އެކި ފެންވަރުގެ ޓެސްޓުތައް ނަގައެވެ. ގިނަފަހަރު ޖަންނަތަށް ނިދެނީވެސް ކޮންމެވެސް ފޮތެއް ނަގައިގެން އޮއްވައެވެ.

ކޮލެޖަށް ދާންފެށިތާ މާ ގިނަ ދުވަހެއްނުވެ ޖަންނަތަށް ވަރަށް ރަނގަޅު ދެ ރަޙްމަތްތެރިން ލިބުނެވެ. ޖީނާއާއި ޒަހާ ވެގެންދިޔައީ ޖަންނަތާ ވަރަށް ގުޅޭ ދެކުދިންކަމުގައެވެ. އޭގެތެރެއިން ޖީނާއަކީ ޖަންނަތުހެން ވަރަށް މަޑުމަޑުން ހުންނަ ކުއްޖެކެވެ. ނަމަވެސް ޒަހާ އޭގެ އިދިކޮޅެވެ. އެއީ ވަރަށް ސަކަ މިޒާޖެއްގެ އަނގަ ގަދަ ކުއްޖެކެވެ. ނަމަވެސް ދެކުދިންނަކީވެސް ޖަންނަތުފަދައިން ކިޔެވުމަށް ގަދައަޅާ މަސައްކަތްކުރާ ދެކުދިންނެވެ.

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ދުވަހަށް ތާވަލްކުރެވިފައިވާ ގަޑިތައް ނިމުމުން ގެއަށް ދިއުމުގެ ކުރިން އައިސްކްރީމެއް ބޯލުމަށްޓަކައި ޖަންނަތު އޭނާގެ ދެއެކުވެރިންނާއެކު ދިޔައީ ކޮލެޖް ކައިރީގައި ހުރި ރެސްޓޯރެންޓަކަށެވެ. އެތަނަކީ އެމީހުން ވަރަށް ގިނައިން ސައިބޯށާއި ކާން ގޮސް އުޅޭ ތަނެކެވެ. އާދައިގެމަތިން އެދުވަހުވެސް އެތަނުގައި ވަރަށް މީހުން ގިނައެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންވެސް ގިނަ އަދަދަކަށް ތިއްބެވެ. ޖަންނަތުމެންވެސް ހުސް މޭޒެއް ހޯދާލުމަށްފަހު ގޮސް ގޮނޑިތަކުގައި ހަމަޖެހިލިއެވެ. އެމީހުން އެކި ވާހަކައިގައި ތިއްބާ ނަސީބަކުން މާ ގިނަ އިރެއްނުވެ އޯޑަރު ނެގުމަށްޓަކައި ވެއިޓަރަކު އައެވެ. އެހެންކަމުން ތިންކުދިންވެސް އޯޑަރު ދިނުމަށްފަހު އަނެއްކާވެސް ކުރިން ދައްކަމުން ދިޔަ ވާހަކަ ފެށިއެވެ.

"އޭތް! ކުއްލިއަކަށް ނުބަލައްޗޭ އިނގޭ. ކުރިމަތީ ޓޭބަލްގަ އެތިބަ ބޯއީސް މިދިމާއަށް ވަރަށް އެބަ ބަލާ." ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލުމަށްފަހު ޖަންނަތުގެ ކަނާތްފަރާތުގައި އިން ޒަހާ ސިއްރު ސިއްރުން ބުނެލިއެވެ.

"އަހަރެމެން ދޮރުން އެތެރެއަށް ވަނީއްސުރެ ހަމަ ކަޅިވެސް ޖަހާނުލާ ބަލާ އެބަ."  ޒަހާ އިތުރުކޮށްލިއެވެ.

ޒަހާ އެހެން ބުނުމާއެކު ޖަންނަތު ވަރަށް ނޭނގޭ ކަމަށް ހަދާފައި އެބުނާ މޭޒާ ދިމާއަށް ބަލާލިއެވެ. އެވަގުތު ޖަންނަތާ ސީދާވާގޮތަށް އެމޭޒުގައި އިން ފިރިހެން ކުއްޖާއާ ހަތަރުކަޅި ބައްދަލުވިއެވެ. ދެން ވެގެންދިޔަ ގޮތް ޚުދު ޖަންނަތަށްވެސް ނޭނގުނެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
31
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ