ދެވަނަ މެޗުން މޮޅުވެ، ކޮޕަޑެލްރޭ ފައިނަލަށް ބާސެލޯނާ ދަތުރުކޮށްފިއެވެ.
ސެވިއްޔާއާއި ދެކޮޅަށް ބާސެލޯނާ ކުޅުނު ފުރަތަމަ ސެވިއްޔާއިން 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނިކޮށް ބާސެލޯނާ ސެމީ ފައިނަލްގެ ދެވަނަ މެޗު ކާމިޔާބުކުރީ 3-0 ގެ ނަތީޖާ އަކުންނެވެ. އެހެންކަމުން ރޭގެ މޮޅާއެކު ބާސެލޯނާ ކޮޕަޑެލްރޭ ފައިނަލަށް ދަތުރުކޮށްފައިވަނީ 3-2 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ.
ކޭމްޕްނޯގައި ރޭ ކުޅުނު މިމެޗުގައި ބާސެލޯނާއަށް ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ޑެމްބެލޭ، ޕީކޭ އަދި ބްރެއިތުވެއިޓެވެ.
We're back in the final, again! #BarçaSevillahttps://t.co/3rxuNF6O2r
— FC Barcelona (@FCBarcelona) March 4, 2021
މެޗުގެ ފުރަތަމަ ލަނޑު 12 ވަނަ މިނަޓްގައި ޑެބްލޭ ކާމިޔާބުކޮށްދިނީ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބޯޅައަކުންނެވެ. އަދި ޑެމްބެލޭގެ މިލަނޑަށްފަހު ނަތީޖާ ހަމަހަމަކުރަން ސެވިއްޔާއަށް ރަނުގެ ފުރުޞަތެއް ލިބުނުނަމަވެސް، ލޫކަސް އޮކަމްޕޯސް ފޮނުވާލި ޕެނަލްޓީ ބާސެލޯނާގެ ކީޕަރު ޓާ ސްޓެގެން ވަނީ މަތަކޮށްފައެވެ.
އިތުރު ލަނޑެއް ނުފެނި މެޗު ނިމެންދަނިކޮށް ބާސެލޯނާއަށް ފައިނަލްގެ އުންމީދު އާކޮށްދިނީ މެޗުގެ އިތުރު ވަގުތުގައި ގްރިޒްމަން ހުރަސްކޮށްދިން ބޯޅައަކުން ޖެރާޑު ޕީކޭ ބޮލުން ކާމިޔާބުކޮށްދިން ލަނޑަކުންނެވެ. އަދި މިލަނޑާއެކު މެޗުން ނަތީޖާ ނެރެން 30 މިނަޓްގެ އިތުރު ދެ ހާފުވަނީ ކުޅެފައެވެ. ސެވިއްޔާ އިން މެޗުގެ ފުރިހަމަ ވަގުތު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ ދެ ވަނަ ރީނދޫ ކާޑާ އެކު ފެނާންޑޯ އަށް ރަތް ކާޑެއް ދެއްކުމުންނެވެ.
ބާސެލޯނާގެ ތިންވަނަ އަދި ފައިންލަ ޔަޤީންކުރި ލަނޑު މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ޑެންމާކުގެ ފޯވާޑް މާޓިން ބްރެތުވެއިޓްއެވެ.
އަދި މެޗުގައި ފެނިގެންދިޔަ ދެވަނަ ރަތްކާޑު ސެވިއްޔާގެ ފޯވާޑް ލޫކް ޑީ ޔޯން އަށް ދައްކާފައިވަނީ، ބެންޗުގައި އިނދެ ރެފްރީގެ ނިންމުންތަކާ މެދު ތަކުރާރުކޮށް ފާޑުކިޔާފައިވާތީއެވެ.
ކޮޕަޑެލްރޭގެ އެންމެ ކާމިޔާބު ޓީމަކީ ބާސެލޯނާއެވެ. ބާސެލޯނާއިން މިމުބާރާތް 30 ފަހަރު މަތިން ކާމިޔާބުކޮށްފައިވާއިރު، މިއީ މިމުބާރާތުގެ ފައިނަލަށް ބާސެލޯނާ ދަތުރުކުރި 42 ވަނަ ފަހަރެވެ.
ފައިނަލްގައި ބާސެލޯނާ ބައްދަލުކުރާނެ ޓީމެއް ކަށަވަރުވާނީ މިރޭ ކުޅެވޭ ސެމީ ފައިނަލްގެ އަނެއް މެޗުގައި ލެވެންޓޭއާއި އެތުލެޓިކް ކްލަބު ބައްދަލުކުރާ މެޗަށް ފަހުގައެވެ. އެތުލެޓިކްގައި ކުޅެވުނު މިމެޗުގެ ފުރަތަމަ ލެގު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ.



