ސީޕްލޭން ޕައިލެޓުން މިއަދު ކުރި މުޒާހަރާއަށްފަހު އެނބުރި މަސައްކަތަށް ނިކުމެއްޖެއެވެ.
މޯލްޑިވިއަންއިން ވިދާޅުވީ ސީޕްލޭންގެ ބައެއް ޕައިލެޓުން މިއަދު ކުރި އިހުތިޖާޖާއި ގުޅޭގޮތުން މެނޭޖްމަންޓާއި ކަންކަން ހިއްސާކޮށް ކަންބޮޑުވުންފާޅުކުރުމަށްފަހު މަސައްކަތަށް އެނބުރި ނިކުމެފައިވާކަމަށެވެ.
"ޕައިލެޓުންގެ ފަރާތުންވަނީ ޙައްލުކުރަން ހުރިކަންކަން ޙައްލުކޮށްދިނުމަށް އެދިފައި" މޯލްޑިވިއަންއިން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން މޯލްޑިއިއަންއިން ވިދާޅުވީ އެތަނުގެ މެނޭޖްމަންޓުންވަނީ ސީޕްލޭން ޕައިލެޓުންގެ ކަންބޮޑުވުންތައް އަޑުއަހާ ޙައްލުކުރަންހުރި ކަންކަން ޙައްލުކޮށްދޭނެ ކަމުގެ ޔަޤީންކަން އެފަރާތްތަކަށް ދީފައިކަމަށެވެ.
މޯލްޑިވިއަންގެ ސީޕްލޭ ޕައިލެޓުން ވަނީ މިއަދު ހެނދުނުން ފެށިގެން މަސައްކަތަށް ނުކުންނަން ދެކޮޅު ހަދާފައެވެ. މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މޯލްޑިވިއަން ސީޕްލޭންގެ ޕައިލެެޓުން މުޒާހަރާ ކޮށްފައިވަނީ، ޗީފް ޕައިލެޓަކަށް ކުރިން ހުރި ކެޕްޓަން މުސްތަފާ މަންސޫރު އެއްވެސް ސަބަބަކާއި ނުލައި ވަޒީފާއިން ވަކިކުރުމާއި ގުޅިގެންނެވެ.
މޯލްޑިވިއަންގެ ޕީއާރް އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމް ވިދާޅުވެފައި ވަނީ ޗީފް ޕައިލެޓްގެ މަގާމުން ކެޕްޓަން މުސްތަފާ މަންސޫރު ވަކިކޮށްފައި ވަނީ ހިންގުމުގެ އޮނިގަނޑަށް ގެނައި ބަދަލެއްގެ ދަށުން ކަމަށެވެ.




