މާފަންނު ދެކުނު ދާއިރާއަށް ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓް ޢަބްދުﷲ ނާސިރު (އައްލޮ) މުޒާހަރާ ތެރެއިން ހައްޔަރުކޮށްފިއެވެ.
ޕީޕީއެމްގެ ކެންޑިޑޭޓް އައްލޮ ހައްޔަރުކޮށްފައިވަނީ ސަރުކާރާ އިދިކޮޅު ސިޔާސީ ފަރާތްތަކުން މިއަދު ހަވީރު ކުރި މުޒާހަރާގައި، އަޑުއުފުލަމުން ދަނިކޮށް މަޖީދީމަގު މަޒާޑާ ކެފޭ ސަރަހައްދުންނެވެ.
ކުރިއަށް އޮތް ސިޓީ ކައުންސިލްގެ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ އައްލޮއަކީ، ޕީޕީއެމްގެ މުޒާހަރާތަކުގައި ޢާއްމު މޫނެކެވެ. އައްލޮ ހައްޔަރުކުރުމާއި ގުޅިގެން މީސްމީޑީއާގައި މިހާރު ދަނީ "ފްރީ އައްލޮ"ގެ ނަމުގައި އޭނާ ދޫކޮށްލުމަށް ގޮވާލާ އިހްތިޖާޖު ކުރަމުންނެވެ.
އިދިކޮޅު ފަރާތްތަކުން މިއަދު ބޭއްވި އެއްވުމުގެ ތެރެއިން އައްލގެ އިތުރުން37 މީހަކު ހައްޔަރުކޮށްފައިވެއެވެ. އެ އެންމެންގެ ކޮވިޑް-19 ސާމްޕަލް ދިނުމަށް ފުލުހުން އެދިފައިވާކަން ފާހަގަކޮށްލެވެއެވެ.
މިއަދުގެ މުޒާހަރާގެ ތެރެއިން ގިނަ ބަޔަކު ހައްޔަރުކޮށްފައި ވީނަމަވެސް، އިޙްތުޖާޖުތައް ހުއްޓާ ނުލާނެކަމަށް މިރޭ އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ. އިދިކޮޅު ފަރާތްތަކުގެ އެއްވުންތަކުގައި ސަރުކާރާ ގުޅުންހުރި ގިނަ ކަންތައްތަކަކަށް ދަނީ ފާޑުކިޔަމުންނެވެ.