ގައުމީ ޔުނިވާސިޓީގެ އިސްލާމިކް ފެކަލްޓީގެ އެސިސްޓެންޓް ޕްރޮފެސަރު، މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު އާއިމެދު އެ ޔުނިވަރސިޓީން އަޅާފައިވާ ފިޔަވަޅަކީ ސިޔާސީ ތަޢައްސުބުން ފުރިގެންވާ ފިޔަަވަޅެއްކަމަށް، ރާއްޖޭގެކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކާއި ގުޅިގެން ކަމަށްބުނެ، ޑރ. އިޔާޒު ސަސްޕެންޑް ކޮށްފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަކަށެވެ.
މިކަމާއި ގުޅިގެން ޑރ.ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކިތަންމެ ޚިޔާލުތަފާތުވިޔަސް ޑރ.އިޔާޒަކީ އިސްލާމްދީނުގެ ޢިލްމު ފަތުރުއްވަވަން ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ ޢިލްމުވެރިއެއް ކަމަށެވެ. އަދި ޤައުމީ ޔުނިވަރސިޓީން އަޅާފައިވާ ފިޔަވަޅަކީ ސިޔާސީ ތަޢައްސުބުން ފުރިގެންވާ ފިޔަަވަޅެއްކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.
އަދި މީގެ އިތުރުން ޑރ.ޖަމީލް ވަނީ ޢިލްމުވެރިންނަށް ފިޔަވަޅު އެޅުމުން ލާދީނީ ފިކުރު ފެތުރުން ފުޅާވުމުގެ ފުރުސަތު ބޮޑުކަން ވެސް ފާހަގަކުރައްވާފައެވެ.
ކިތަންމެ ޚިޔާލުތަފާތުވިޔަސް ޑރ. @dr_iyaz އަކީ އިސްލާމްދީނުގެ ޢިލްމު ފަތުރަން ބުރަކޮށް މަސައްކަތްކުރައްވާ ޢިލްމުވެރިއެއް. @MNUedu ގެ ފިޔަވަކީ ސިޔާސީ ތަޢައްސުބުން ފުރިގެންވާ ފިޔަަވަޅެއް. ޢިލްމުވެރިންނަށް ފިޔަވަޅުއެޅުމުން ލާދީނީ ފިކުރު ފެތުރުން ފުޅާވުމުގެ ފުރުޞަތު ބޮޑު. pic.twitter.com/lRrlGR634S
— Mohamed Jameel Ahmed (@MJameelAhmed) March 7, 2021
ޑރ. އިޔާޒައް ފިޔަވަޅު އެޅުމާއި ގުޅިގެން ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ދަނީ އެކަމަށް ފާޑު ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޑރ. އިޔާޒް ވިދާޅުވީ އެބޭފުޅާއާއި ގުޅިގެން މީހަކު ޝަކުވާއެއް ހުށައެޅިނަމަވެސް އެބޭފުޅާއަކީ އެމްއެންޔޫގެ މެނޭޖްމަންޓްގައި މަސައްކަތް ކުރާ މީހެއްނޫންކަމަށާއި އެހެންކަމުން އެ ޝަކުވާ ތަޙްޤީޤު ކުރުމަށް އެބޭފުޅާއަކަށް ނުފޫޒު ނުފޯރުވޭނެކަމަށާއި، ބާރެއްވެސް ނުފޯރުވޭނެކަމަށެވެ. އަދި ކިޔަވައި ދިނުމަށް ހުރަސް ނޭޅިނަމަވެސް މައްސަލަ ތަޙްޤީޤު ކުރެވިދާނެކަމަށާއި އަދި ތަޙްޤީޤު ކުރުމަށްފަހު ފިޔަވަޅެއް އަޅަންޖެހޭނަމަ އެޅުން އެންމެ ރަނގަޅު ކަމުގައި ޑރ. އިޔާޒް ވިދާޅުވިއެވެ.
އެ މައްސަލަ ތަޙްޤީޤު ކުރުމަށް އެބޭފުޅާ ކިޔަވައި ދެއްވާ ކުދިންގެ ކިޔެވުމަށް ހުރަސްއެޅުމަށް އެފަދަ ތަޢުލީމީ މުއައްސަސާއަކުން މަސައްކަތް ކޮށްގެން ނުވާނެކަމުގައި ޑރ. އިޔާޒް ވަނީ ވިދާޅުވެފައެވެ.



