އިލްމުވެރިންގެ ދިފާޢުގައި، ޢިލްމުވެރިންގެ ގުޅުމުން ތެދުވެއްޖެ

ދީނީ ޢިލްމު ފޯރުކޮށްދެއްވުމުގެ މަސައްކަތްކުރައްވާ ޢިލްމުވެރިންގެ ދިފާޢުގައި، ޢިލްމުވެރިންގެ ގުޅުމުން ތެދުވެއްޖެއެވެ.

ޢިލްމުވެރިންގެ ގުޅުމުން މިއަދު ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ ﷲތަޢާލާގެ ރިސާލަތު މީސްތަކުންނަށް ފޯރުކޮށްދެއްވައި، ދީނުގެ ހަމަތައް ޢާންމުންނަށް ބަޔާންކޮށްދެއްވުމުގެ މަސައްކަތް ދިވެހިރާއްޖޭގައި ކުރައްވާ ދީނީ ޢިލްމުވެރިންނަށް ތަފާތު އެކިގޮތްގޮތުން ދަތިކުރުމާއި އެބޭފުޅުންގެ އަނގަ ބަންދު ކުރުމުގެ ސިޔާސަތު، މެދުނުކެނޑި އެކި ދުވަސްވަރު އެކި ސިފަސިފާގައި ދެމިއޮންނަކަމީ ހިތާމައާއެކު ގަބޫލުކުރަންޖެހޭ ޙަޤީޤަތެއްކަމަށެވެ.

އެގޮތުން ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކޮށް ދީނީ ޢިލްމު ފޯރުކޮށްދީ އުޅޭނެބަޔަކު މުޖުތަމަޢުގައި ތިބުމަކީ، އިސްލާމްދީނުގެ އަސާސްތަކުގެ ތެރޭގައި ހިމެނޭ އަސާސެއްކަމަށާއި އަދި އެއީ ﷲތަޢާލާގެ ކޯފާ މުޖުތަމަޢުގެ މައްޗަށް ޢާންމުވެގެން ނުގޮސް އޮތުމަށް މެދުވެރިކުރައްވާ ސަބަބެއްކަމަށްވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އެހެންކަމުން އެ ފަރުޟު އަދާކުރުން ދޫކޮށް، އެކަމުން އެންމެން އެއްފަރާތްވެއްޖެނަ އާންމުވެގެންވާ ކޯފާ އެ މުޖުތަމަޢެއްގެ މައްޗަށް އައުމަށް ދޮރުހުޅުވިގެން ދިއުމަކީ ދުރުކަމެއްނޫންކަމަށާއި، އަދި ދީނީ ޢިލްމު މީސްތަކުންނަށް ފޯރުކޮށްދިނުމާއި ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރުމަކީ، ދައުލަތުގެ ފަރާތުން އެންމެ އިސްކަމެއް ދީގެން ކުރަންޖެހޭނެ ކަމެއްކަމަށް ވީހިނދު، ދީނީ ޢިލްމުވެރިންގެ ވާޖިބު އަދާކުރުމަށް ހުރަސްތައް ކުރިމަތިނުވާނެ ގޮތުގެމަތިން ކަންކަން
ކުރައްވަމުން ގެންދެވުމަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ޢިލްމުވެރިންގެ ގުޅުމުން މި ބަޔަން ނެފެރައިވާ އިރު ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓްތަކާއި ގުޅިގެން ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް ވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވާ ސިޓީ އިން 14 ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކޮށްފައެވެ.

މި ބަޔާނުގައި ވަނީ މީސްމީޑިއާ އާއި އެނޫން ތަންތަނުގައި އެއްވެސް ކަހަލަ ޖެހިލުންވުމެއްނެތި އަދި ދައުލަތުގެ އެއްވެސް އިދާރާއަކުން އެއްވެސް ހުރަހެއް އެބަޔަކަށް ކުރިމަތި ކުރުމެއްނެތި، މާތްވެގެންވާ އިސްލާމްދީނާ ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފު ބޮޑެތި ޖަރީމާތައް ހިންގަމުންދާކަން، ފާހަގަކޮށްފައެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ހިންގާ އެފަދަ ޖަރީމާތައް ހުއްޓުވުމުގައި ދައުލަތުގެ މައްޗަށް ޒިންމާއޮތް މިންވަރާ ގާތަށްވެސް ފިޔަވަޅެއް އަދި ހުރަހެއްވެސް އެޅިފައި ނުވާކަމުގައި އެ ގުޅުމުން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އިޖުތިހާދީ މައްސަލައެއްގައި ދައުލަތުން ކަނޑައަޅާގޮތާ ޚިލާފަށް، ޝަރުޢީ ދަލީލުތަކުގެ އަލީގައި އެކަމުގައި އޮތް ދީނީ ރައުޔެއް ހާމަކުރެއްވުމާ ގުޅުވައިގެން ދައުލަތުގެ އިސް މަޤާމުތަކުގައި ތިބޭ ފަރާތްތަކުންނާއި މުއައްސަސާތަކުން އިސްވެ ޢިލްމުގެ އަހުލުވެރިން އަދާކުރައްވާ ވަޒީފާއާ މެދު ފިޔަވަޅުތައް އަޅައި ވަޒީފާއިން ވަކިކުރެވިދާނެކަމުގެ ބިރާއި، ހައްޔަރުކޮށް ބަންދުކުރާނެކަމުގެ އިންޒާރު ކުރިމަތި ކުރުވުމަކީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ކަމެއްނޫންކަމުގައި އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. މ

މީގެ އިތުރުން އެފަދަ ކަންކަމަކީ އިސްލާމް ދީނާއި މުސްލިމުންނާ ޢަދާވާތްތެރި ޤައުމުތަކުގައި އިސްލާމްދީނާ ދެކޮޅަށް ހިންގޭފަދަ ޢަމަލެއްކަމުގައިވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ