ދީނީ އެއްބައިވަންތަކަން އާލާކުރުމާއި ގުޅޭގޮތުން ޢިލްމުވެރިންނާއިއެކު ނައިބު ރައީސް މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ރާއްޖޭގައި ދީނީ އެއްބައިވަންތަކަން އާލާކޮށް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ހަވީރު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ދީނީ ހޭލުންތެރިކަން އިތުރުކޮށް ދީނީ ޢިލްމު ފެތުރުމަށް ޢިލްމުވެރިން ކުރަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ. ޚާއްޞަ ގޮތެއްގައި ކޯވިޑް19 ގެ ބަލިމަޑުކަމުގެ ހާލަތުގައި ދީނީ ކަންކަމާއިމެދު ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ޢިލްމުވެރިން ކުރެއްވި ބުރަ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މުޖުތަމަޢަށް ކުރިމަތިވެފައިވާ އަޚްލާޤީ އަދި އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމާއި އަދި މުޖްތަމަޢުގެ ފަރުދުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ދީނީ ޢިލްމުވެރިންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ޤުރުއާނާއި އިސްލާމް މާއްދާގެ ކިލާސްތަކެއް އޮންލައިންކޮށް ހިންގުމާއި ގުޅޭ ގޮތުންނާއި، ޤައުމީ ޤުރުއާން މުބާރާތް މި އަހަރު އޮންލައިންކޮށް ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާ، ޚިޔާލު ބަދަލުކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ ޢަޙްމަދު ޒާހިރު ވަނީ ދީނީ ކަންކަމަށް ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އުފެއްދުމާއި، އެ މިނިސްޓްރީން އިސްނަގައިގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ. އަދި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ޢިލްމުވެރިން ވަނީ، ދީނީ ކަންކަން ކުރިއެރުވުމަށް އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ޚިޔާލުފުޅުތައް ބައްދަލުވުމުގެ ބައިވެރިންނާއި ޙިއްޞާކުރައްވާފައެވެ. މީގެ އިތުރުން، ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ ޝިޢާރު ފާޅުކޮށް މަތިވެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެއްބާރުލުން އިތުރުކުރުމަށް ތައްޔާރަށް ތިއްބެވިކަން ޢިލްމުވެރިން ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވައިލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދީނާއިމެދު ލޯބި އިތުރުކުރުމުގެ ގޮތުން ކުރެވޭ ކަންތައްތައް ލާމަރުކަޒީކޮށް ކުރިއަށްގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި، މިފަދަ ކަންކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމާއި، އެކަކު އަނެކަކަށް އިޙްތިރާމުކުރުން ފަދަ ސިފަތައް މުޖުތަމަޢުގެ އަފްރާދުންގެ ތެރޭގައި އަށަގެންވުމަށް ޢިލްމުވެރިން ވެސް ބާރުއަޅުއްވައި މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢިލްމުވެރިންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ