2014 ގައި މާލޭ ސިޓީ ކައުންސިލުން ގެއްލުނު މުދާތަކުން ބައެއް ފެނިއްޖެ

2014 ގައި މާލޭ ސިޓީ ކައުންސިލުން ގެއްލުނު މުދާތަކުން ބައެއް ފެނިއްޖެއެވެ.

މާލޭ ސިޓީ މޭޔަރ ޝިފާ މުޙައްމަދު މި ނޫހަށް މަޢުލޫމާތު ދިން ގޮތުގައި އެ މުދާތައް ފެނިފައި ވަނީ ހޯދަމުން ދަނިކޮށް ދިވެހި ބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު ހުރި އިމާރާތުންކަމަށާއި އެއީ ސިޓީ ކައުންސިލުން ގެއްލުނު މުދާތަކުން އެއްބައިކަމަށެވެ.

މުދާތައް ފެނިފައިވާ ތަނަކީ މިއޮތް ހުރިހާ ދުވަހު އެއިމާރާތުގައި ބޭނުން ކުރަމުން އައިސްފައިވާ ބައެއް ނޫންކަމަށާއި އެތަނަކީ ތަޅުލެވިފައި ހުރިތަނެއްކަމުގައި ޝިފާ ވިދާޅުވިއެވެ. ޝިފާ ވިދާޅުވީ އެތަކެތި ފެނިފައިވަނީ މީގެ ހަތަރު ފަސްމަސް ކުރިން ކަމަށެވެ.

ބިއްލޫރިޖެހި ގޭގައި މާލޭ ސިޓީ ކައުންސިލް ހިންގަމުން ދަނިކޮށް 2014 ވަނަ އަހަރުގެ ތެރޭގައި ސިޓީ ކައުންސިލް ވަނީ އެތަނުން ނެރެފައެވެ. އަދި އެތަނުގައި ހުރި ލިޔެކިޔުުންތަކާއި މުދާތަށް އޭރު ސަރުކާރުން ގެންގޮސްފައިވާކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުޙައްމަދު ވަނީ މި ނޫހަށް ވިދާޅުވެފައެވެ.

ޝިފާ ވިދާޅުވީ އޭރު ބިއްލޫރިގެއިން ނެރުމަށްފަހު މުދާތައް ގެންގޮސް ހައުސިން މިނިސްޓްރީން ދެއްކިތަނަކަށް ވައްދާފައި ވަނިކޮށް އެ މުދާތަކަށް ވީނުވީގޮތް ނޭންގިފައިވާކަމަށެވެ.

މުދާތަށް ނުފެނި އެތައް ޒަމާންތަކެއް ވުމަށްފަހު މުދާތަކުން ބައެއް ފެނިފައިވާއިރު، އެތަކެތި ވަނީ ބޭނުން ކުރެވޭވަރަށްވުރެ ބޮޑަށް ހަލާކުވެފައި ކަމަށް ޝިފާ ވިދާޅުވިއެވެ.

ޝިފާ އިތުރަށް ވިދާޅުވީ ސިޓީ ކައުންސިލުން ގެއްލުނުތަކެތި ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް އޭގެ ތެރެއިން ބައެއް ތަކެތި ބާ ޖަމާލުއްދީނުންވެސް ފެނިފައިވާކަމަށެވެ.

"އެތަންތަނަކީ އެއްގޮތަކަށްވެސް ބަޔަކު ބަލާނެ ތަންތަނެއް ނޫން، އެއީ ކައުންސިލްގެ ތަންތަނެއްވެސް ނޫން" ޝިފާ ވިދާޅުވިއެވެ.

ޝިފާވިދާޅުވީ މިތަކެތީގެ އިންވެންޓްރީ ނެގުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށާއި، ނަމަވެސް މިތަކެތި ފެނުނުއިރުވެސް ހުރީ ކުދިކުދިވެ ހަލާކުވެފައިކަމަށެވެ.

މިވަގުތު ދެތަނަކުން މާލޭ ސިޓީ ކައުންސިލުން ގެންދިޔަ ތަކެތި ފެނިފައިވާއިރު، އަދިވެސް ނުފެނި ބައިވަރު މުދާ ހުންނާނެކަމުގައި ޝިފާ ވަނީ ވިދާޅުވެފައެވެ.

"ފެނުނުތަކެތި ނެރެގެން ބޭނުންކުރެވޭނެ ހާލަތެއްގައި ނުވެސްނެތް" ޝިފާ ވިދާޅުވެފައިވެއެވެ.

ޝިފާ ވިދާޅުވީ ޑރ. މުއިއްޒު މާލޭ ސިޓީގެ މުދާތަށް ގެންދިޔައީ މުޅިވެސް ޤަވާއިދާއި ޚިލާފަށްކަމަށާއި، ނަމަވެސް އެއިން އެއްވެސް މައްސަލައެއް ބަލާފައި ނުވާކަމަށެވެ. ފުލުހުންނަށް ތަކުރާރުކޮށް ސިޓީ ފޮނުވައި މި މައްސަލަ ބަލައި ދިނުމަށް އެދިފައިވާނެކަމަށާއި ނަމަވެސް ފުލުހުން އެއްވެސް މައްސަލައެއް ބަލާފައި ނުވާކަމުގައި ޝިފާ ވިދާޅުވިއެެވެ.

މާލޭ ސިޓީގެ މުދާތައް ގެއްދިޔައީ މުއިއްޒު ހުއްނަވައިގެން ކަމަށާއި އޭރުގެ ކެބިނެޓުން މާލޭގެ ބިންތައް ނަގަންވެސް ނިންމާފައިވާކަމުގައި ޝިފާ ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
221
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ