ސްޕެއިންގެ ފުޓްބޯލް ކުލަބް ބާސެލޯނާގެ ރައީސްކަމަށް މީގެ އަހަރުތަކެއް ކުރިން އެމަގާމު ފުރުއްވި ޖޮއާން ލަޕޯޓާ އިންތިހާބުވެއްޖެއެވެ.
އުމުރުން 58 އަހަރުގެ ލަޕޯޓާ ކުލަބު ބާސެލޯނާގެ ރައީސްގެ މަޤާމަށް ހޮވިވަޑައިގަތީ ޖުމްލަ 30،184 ވޯޓާއެކުއެވެ. ދެ ވަނަ އަށް ދިޔައީ 16،679 ވޯޓު ހޯދި ވިކްޓަ ފޮންޓް އެވެ. އަދި ތިންވަނަ އަށް ދިޔަ ޓޯނީ ފްރެއިޒާ އަށް ލިބުނީ 4769 ވޯޓެވެ.
ލަޕޯޓާ މީގެކުރިންވެސް ކުލަބް ބާސެލޯނާގެ ރައީސްކަން އަދާކޮށްފައިވާއިރު، ލަފޯޓާ ރައީސްކަން އަދާކުރި އަހަރުތައް ފާހަގަ ކޮށްލެވެނީ ކާމިޔާބު އަހަރުތަކެއްގެ ގޮތުގައެވެ. ލަފޯޓާ މީގެކުރިން ރައީސްކަން އަދާކޮށްފައިވަނީ 2003-2010 ގެ ނިޔަލަށެވެ.
ލަޕޯޓާގެ ފުރަތަމަ ދައުރުގައި ބާސެލޯނާ އިން ސްޕެނިޝް ލީގު ހަތަރު ފަހަރު، ޗެމްޕިއަންސް ލީގު ދެ ފަހަރު އަދި ސްޕެނިޝް ކަޕާއި ފީފާ ކްލަބް ވޯލްޑް ކަޕް އެއް ފަހަރު އުފުލައިލިއެވެ.
ލަޕޯޓާ ކުލަބުގެ ރައީސްކަމާއި ހަވާލުވެ އެންމެ ބޮޑު އިސްކަމެއް ދޭނެ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ކުލަބުގެ މާލީ ހާލަތު ހަމަޔަކަށް އެޅުވުމާއި މެސީ ކުލަބުގައި ބެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ.



