ބާސެލޯނާއަށް އެންމެ ގިނަ މެޗު ކުޅެދީ ލެޖެންޑް ޒަވީ ހާނަންޑޭޒް ހަދާފައިވާ ރެކޯޑާއި، ކެޕްޓަން ލިއޮނަލް މެސީ ހަމަހަމަ ކޮށްފިއެވެ.
ބާސެލޯނާގެ ކުރީގެ ކެޕްޓަން ޒަވީ ބާސެލޯނާއަށް 767 މެޗު ކުޅެދީ ހަދާފައިވާ ރެކޯޑާއި މެސީ ހަމަހަމަކުރީ ސްޕެނިޝް ލަލީގާގައި ރޭ ހުއެސްކާއާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. ބާސެލޯނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި މެސީވަނީ ހިތްގައިމު ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ.
މެޗުގެ ފުރަތަމަ ލަނޑު މެސީ ކާމިޔާބުކޮށްދީފައިވަނީ މެޗުގެ 13 ވަނަ މިނަޓްގައެވެ. އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މެސީ ކާމިޔާބުކުރި ހިތްގައިމު މިލަނޑު ގޯލްގެ ތެރެއަށް ވަދެފައިވަނީ ގޯލްގެ މަތީ ދަނޑީގައި ޖެހުމަށްފަހުގައެވެ. އަދި މެސީގެ ދެވަނަ ލަނޑު މެޗުގެ ފަހުކޮޅު ފެނިގެން ގޮސްފައިވާއިރު، މިލަނޑުވެސް މެސީ ޖަހާފައިވަނީ އޭރިއާގެ ބޭރުންނެވެ. ޑީ އޭރިއާގެވެސް ބޭރުން ތިރި ތިރިން މެސީ ފޮނުވާލި ހަމަލާ ވަދެގެން ގޮސްފައިވަނީ ގޯލުގެ ކަނަށެވެ.
Messi's touch before the Goal. pic.twitter.com/9LpWSy7gFs
— Ryan (@RyanDMi) March 15, 2021
މި ދެލަނޑާއެކު މެސީ މިސީޒަންގައި ކާމިޔާބުކޮށްދިން ލީގު ލަނޑުގެ އަދަދުވަނީ 21 އަށް އަރާފައެވެ. އަދި ލަލީގާގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި އޮތީވެސް މެސީއެވެ. 18 ލަނޑާއެކު ސުއަރޭޒް މި ލިސްޓުގެ ދެވަނާގައި އޮތްއިރު، މިހާތަނަށް ކާމިޔާބުކޮށްދިން 15 ލަނޑާއެކު މިލިސްޓްގެ ތިންވަނަ ލިބެނީ ބެންޒެމާއަށެވެ.
ބާސެލޯނާގެ އަަނެއް ދެލަނޑު ކާމިޔާބުކޮށްދިނީ ގްރިޒްމަން އަދި މިންގޭޒާއެވެ. ގްރިޒްމަންގެ ލަނޑު މެޗުގެ 35 ވަނަ މިނަޓްގައި ފެނިގެންގޮސްފައިވާއިރު، މިލަނޑަކީވެސް ޑީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއްގައި ގްރިޒްމަން ކާމިޔާބުކޮށްދިން ލަނޑެކެވެ. މިންގޭޒާ ލަނޑު ޖަހާފައިވަނީ މެސީ ހުރަސްކޮށްދިން ބޯޅައަކުން ބޮލުންނެވެ.
ހުއެސްކާގެ ހަމައެކަނި ލަނޑު މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ރަފާ ކާމިޔާބުކޮށްދީފައިވަނީ ކީޕަރު ސްޓެގަންގެ ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެއްގައެވެ.
މި މޮޅާއެކު ބާސެލޯނާއިންވަނީ އެއްވަނާގައި އޮތް އެތުލެޓިކޯއާއި 4 ޕޮއިންޓް ގާތަށް ޖެހިލާފައެވެ. 63 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައި އެތުލެޓިކޯ އޮޮތްއިރު ބާސެލޯނާ ދެވަނާގައި އޮތީ 59 ޕޮއިންޓާއެކުގައެވެ. އަދި ތިންވަނާގައި އޮތް ރެއަލްމެޑްރިޑަށް ލިބިފައިވަނީ 57 ޕޮއިންޓެވެ.




