14 އަހަރަށް ފަހު ޖަރުމަނު ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށްލަން ޔަކީމް ލޯ ނިންމއިފިއެވެ.
ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފައިވަނީ ލޯ ޖަރުމަނުގެ ކޯޗުކަން ދޫކޮށްލަން ނިންމާފައިވަނީ މި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހުކަމަށެވެ. އުމުރުން 61 އަރުގެ ލޯ ޖަރުމަނުގެ ކޯޗުކަމާއި ޙަވާލުވެފައިވަނީ 2006 ވަަނަ އަހަރުގައެވެ. އޭރުގެ ކޯޗު ޔާގެން ކްލިންސްމަން ވަކިވުމުން ޖަރުމަނުގެ ކޯޗުކަމާއި ލޯ ޙަވާލުވިއިިރު، 2004 އިން ފެށިގެން 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ނިޔަލަށް ޖަރުމަނު ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ލޯ މަސައްކަތްކޮށްފައިވެއެވެ.
2014 ވަނަ އަހަރު ޖަރުމަނަށް ވޯލްޑްކަޕް ކާމިޔާބުކޮށްދިން ލޯ ބުނީ، ޖަރުމަނުގެ ކޯޗުކަމުން ވަކިވާން އޭނާ ނިންމާފައިވަނީ ވަރަށް ވިސްނާފައިކަމަށާއި، ޓީމު ދޫކޮށްމިދަނީ ވަރަށް ފަޚުރުވެރިކަމާއެކުގައި ކަމަށެވެ.
"ޖަރުމަނުގައި އުފެދުނު އެންމެ މޮޅެތި ކުޅުންތެރިންނާއެކު މަސައްކަތްކޮށް އެކުޅުންތެރިންގެ ހުނަރު އިތުރަށް ތަރައްޤީކުރަން ފުރުޞަތު ލިބުނީތީ އަހަރެން ފަޚުރުވެރިން." ލޯ ބުންޏެވެ.
އަދި ޖަރުމަނު ޤައުމީ ޓީމާއެކު ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާއިރު، އެހާމެ ހިތްދަތި ނަތިޖާތަކާއި ކުރިމަތިވެފައިވކަންވެސް ލޯވަނީ ހާމަކޮށްފައެވެ.
ޔޫރޯއަށްފަހު ޖަރުމަނުގެ ކޯޗުކަމުން ވަކިވާން ނިންމާފައިވީނަމަވެސް، ޔޫރޯގައި ސަޕޯޓަރުން އުފާވާނެވަރުގެ ކާމިޔާބެއް ހޯދަން ކުރެވުނުހާ މަސައްކަތެއް ކުރާނެކަމަށްވެސް ލޯވަނީ ބުނެފައެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޖަރުމަނު އޮތީ ގްރޫޕް އެފް ގައެވެ. ޖަރުމަނުގެ އިތުރުން އެގްރޫޕްގައި ދެން ހިމެނެނީ ފްރާންސް، ހަންގޭރީ އަދި ޕޯޗުގަލްއެވެ.
ކޮވިޑް-19 އާއި ގުޅިގެން ޔޫރޯ 2020 އެއްއަހަރުގެ މުއްދަތަކަށް ލަސްކުރެވިފައިވާއިރު، މިމުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫން 11 އިން ޖުލައި 11 އަށެވެ.




