ގދ. ތިނަދޫ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަނުން ނިންމަވައިފިއެވެ.
މިގޮތަށް ނިންމަވާފައިވަނީ މިއަދު ބޭއްވި ޖޭއެސްސީގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މަގާމުން ވަކިކުރަން ނިންމީ ބަދުއަހުލާގީ މައްސަލައެއްގައި ކަމަށް އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތާ ހަވާލުވެގެން ހުންނެވި ހަސަން ޒަހީން ވިދާޅުވިއެވެ.
ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމާއި ގުޅޭގޮތުން ޒަހީން ވިދާޅުވީ، މިއީ ޖޭއެސްސީގެ ތާރީހުގައި ފަނޑިޔާރަކު މަގާމުން ވަކި ކުރަން މަޖިލީހަށް ހުށަހަޅަން ނިންމި ފުރަތަމަ ފަހަރު ކަމަށެވެ.
ޒަހީން ވިދާޅުވީ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅަން ނިންމީ، އެ ކޮމިޝަނުގެ ގާނޫނުގައި ބުނާ ހުރިހާ ޕްރޮސީޖާއެއް ފުރިހަމަކުރުމަށްފަހު މިއަދު ބޭއްވި ބައްދަލުވުމުގައި އެކަމަށް ބަހުސްކޮށް، މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ފާސްކޮށްގެން ކަމަށެވެ.
ޖޭއެސްސީން މިއަދު އެގޮތަށް ފާސްކުރުމުގެ ކުރިން، އެ މައްސަލައިގެ ތަހުގީގު ނިންމުމަށް ފަހު ދޭންޖެހޭ ހުރިހާ މުއްދަތެއް ދީފައިވާނެ ކަމަށް ވެސް ޒަހީން ވިދާޅުވި އެވެ.



