"ފަތުރުވެރިކަމުގެ ރަން އަހަރު" ގެ ލޯގޯ އިފްތިތާޙް ކޮށްފި

ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރޭ ރަން ޔޫބީލް ކުލަގަދަކޮށް ފާހަގަކުރުމަށް ޓަކައި އެކަމަށް ޚާއްސަ ކުރެވިގެން ތައްޔާރުކުރެވުނު ލޯގޯ
މިނިސްޓްރީ އޮފް ޓޫރިޒަމް އިން މިއަދު ވަނީ އިފްތިތާޙްކޮށްފައެވެ

2022 ވަނަ އަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރޭ ރަން ޔޫބީލް އަހަރެވެ. އެހެން ކަމުން މިއަދު އިފްތިތާޙު ކޮށްފައި ވަނީ އެ އަހަރު ކުލަގަދަކޮށް ފާހަގަކުރުމަށް ކަނޑައަޅައި، 2022 ވަނައަހަރު "ފަތުރުވެރިކަމުގެ ރަން އަހަރު" ގެ ގޮތުގައި ބްރޭންޑްކޮށް ޕްރޮމޯޓް ކުރުމަށްޓަކައި، އަހަރަށް ޚާއްސަ ކުރެވިގެން ތައްޔާރުކުރެވުނު ލޯގޯއެވެ.

ފަތުރުވެރިކަމުގެ ރަންއަހަރު ފާހަގަކުރުމަށް ތައްޔާރު ކުރެވުނު ލޯގޯ ފަރުމާކުރަށްވާފައިވަނީ ރާއްޖޭގެ ދެ އާރޓިސްޓުން ކަމުގައިވާ ޢަބްދުﷲ ނަޝާތު އާއި މުޙައްމަދު އަޒްލިފްއެވެ. ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި މުއްސަނދިކަން އަދި ޘަގާފަތާއި ތަރިކަ ރަމްޒުކޮށްދޭ ގޮތަށް ފަރުމާކުރެވިފައިވާ މިލޯގޯ 2022 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި ބްރޭންޑް އިމޭޖެއްގެ ގޮތުން ބޭނުން ކުރެވިގެންދާނެވެ.

އެގޮތުން މިލޯގޯ ބޭނުންކުރާ އިރު ބޭނުންކުރާނީ މިހާރު ރާއްޖޭގެ ޑެސްޓިނޭޝަން އިމޭޖް ގެގޮތުގައި "ސަނީ ސައިޑް އޮފް ލައިފް" ލޯގޯ އާއި އެކުއެކީގައެވެ.

ފަތުރުވެރިކަމުގެ ރަން އަހަރު" ގެ ލޯގޯ އިފްތިތާޙް ކޮށްފައިވަނީ މިއަދު ވާރޗުއަލްކޮށް ބޭއްވުނު އިވެންޓުގައި ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފް ކުރެއްވުމުގައި އާއި ފަތުރުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމުގައި އިސް ދައުރެއް އަދާކުރަށްވާފައިވާ، މިހާރުވެސް ފަތުރުވެރިކަމުގެ ސިނާއަތަށް ޙިދުމަތްކުރައްވަމުން ގެންދަވާ އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ޗެއަރމަން އަލްފާޟިލް މުޙައްމަދު ޢުމަރު މަނިކެވެ.

މިރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން މުޙައްމަދު ޢުމަރު މަނިކު ވިދާޅުވީ ދިވެހި ރާއްޖެގައި ފަތުރުވެރިކަން ފެށިގެން ދިޔައީ ވަރަށް އާދައިގެ ގޮތަކަށްކަމަށާއި، ނަމަވެސް އަހަރުން އަހަރަށް ރާއްޖޭގެ ފަތުރުވެރިކަމަށް އަންނަމުންދާ ބަދަލާއި އެކު ފަތުރުވެރިކަން ކުރިއަރައި އާ ހަރުފަތަކަށް ގެނެވިފައިވާ ކަމަށެވެ.

ލޯގޯ އިފްތިތާޙް ކުރުމަށް މިއަދު ބޭއްވުނު ބައްދަލުވުމުގައި، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފް ކުރެއްވުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ދެ ފަރާތެއް ކަމުގައިވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ މިހާރުގެ ވައިސް ޗެއަރމަން އަލްފާޟިލް ހުސެއިން އަފީފް އާއި މިހާރުގެ މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް އަހުމަދު ނަސީމު ގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ވުޒާރާގެ އެންމެ ފުރަތަ ވަޒީރު އަލްފާޟިލް އަހުމަދު މުޖުތަބާ ވެސް ބައިވެރިވެ ވަޑައިގެން ވަނީ ވާހަކަފުޅު ދެއްކަވާފައެވެ.

މީގެ އިތުރުން، މި ބައްދަލުވުމުގައި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ރައީސް އަލްފާޟިލް ޢަބްދުﷲ ނަޝީދާއި، މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ އަލްފާޟިލް ތޮއްޔިބު މުޙައްމަދުވެސް ވާހަކަފުޅުދައްކަވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ