ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުން ރިސޯޓްތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް ކަރަންޓީން ނުވެ އައިލާ ކައިރިޔަށް ދެވޭނެ ކަމުގައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެެއްޖެއެވެ.
މިނިސްޓަރ މަޢުޞޫމް މިހެން ވިދާޅުވީ ފަތުރުވެރިކަމުގެ ރަންޔޫބީލްގެ ގޮތުގައި 2022 ވަނަ އަހަރު ބޭނުންކުރާނެ ލޯގޯ އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން ޑރ. މަޢުޞޫމް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާޔަތުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް ކޮވިޑް ވެކްސިން ދިނުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުން އަންނަ ކަމަށާއި، ވެކްސިންގެ ޑޯޒް ހަމަ ކުރުމާއެކު ރިސޯޓް މުވައްޒަފުންނަށް އެބޭފުޅުންގެ އާއިލާ ކައިރިޔަށް ކަރަންޓީން ނުވެ ދެވޭނެކަމަށެވެ.
"އިރާދަކުރެއްވިއްޔާ ސެކަންޑް ޑޯޒްއަށްފަހު އެބޭފުޅުންނަށް ކަރަންޓީނު ުނުވެ ތަންތަނަށް ދިއުން މަގުފަހި ވެގެން ދާނެ" ރިސޯޓްގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވަނީ ރިސޯޓްތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުން ވަމުން ދަނީ ވަރަށް ބޮޑު ގުރުބާނީއެއްކަމަށް ވިދާޅުވެފައެވެ. އެގޮތުން އަނބިދަރިން ކައިރިޔަށް ނުދެވި އަހަރު ދުވަސް ހޭދަ ކޮށްފައިވާ މުވައްޒަފުން އެބަތިބި ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.
އެޗްޕީއޭގެ އުޞޫލުތައް އޮންނަ ގޮތުން ރިސޯޓްތަކުންނާއި މާލެ ސަރަހައްދުން އަތޮޅު ތެރޭގެ ރަށްރަށަށް ދަތުރު ކުރާ ފަރާތްތަކުން 10 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރަންޖެހެއެވެ.
ނަމަވެސް ކޮވިޑް ވެކްސިނާއެކު އެޗްޕީއޭގެ ގިނަ އުޞޫލުތަކަކަށް ބޮޑެތި ލުއިތަކެއް ލިބިގެން ދާނެކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ޖަހާ ވެކްސިން ރާއްޖޭގައި މިހާތަނަށް 165،675 މީހުންނަށް ވަނީ ދީފައެވެ.
ރާއްޖޭގައި މިހާތަނަށް 21،034 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، 2،535 މީހުން މިހާރު ދަނީ މި ބައްޔަށް ފަރުވާ ހޯދަމުންނެވެ. އަދި 64 މީހަކު މި ބަލީގައި ވަނީ ނިޔާވެފައެވެ.




