ފެމިލީ ކޯޓްގެ އިސް ގާޒީ ސަސްޕެންޑް ކޮށްފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައި ފެމިލީ ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު، މަގާމުން ސަސްޕެންޑް ކުރަން ނިންމައިފި އެވެ.

ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމާއި ގުޅޭގޮތުން މީޑިއާ އަށް މައުލޫމާތު ދެއްވަމުން އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތާ ހަވާލުވެގެން ހުންނެވި ހަސަން ޒަހީން ވިދާޅުވީ، ގާޒީ ހަސަން ސައީދު ސަސްޕެންޑް ކުރަން ނިންމީ އެ ކޮމިޝަނަށް ހުށަހެޅި ބަލަމުން އަންނަ މައްސަލައެއްގައި ކަމަށެވެ. 

"މިހާރު މައްސަލަ ގޮސް އޮތް ހިސާބުން، ތަހުގީގު ކުރާ ކޮމިޓީގައި ތިއްބެވި ބޭފުޅުންނަށް ފާހަގަ ކުރެވުނީ އިތުރަށް ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި އެ ބޭފުޅާ ސަސްޕެންޑް ކުރަން ޖެހޭ ކަމަށް،" ޒަހީން ވިދާޅުވި އެވެ.

ޒަހީން ވިދާޅުވީ އެ މައްސަލަ މިއަދުގެ ޖޭއެސްސީގެ ބައްދަލުވުމަށް ހުށަހެޅުމުން އެކަމަށް ބަހުސް ކުރުމަށް ފަހު، ގާޒީ ހަސަން ސައީދު ސަސްޕެންޑް ކުރަން ނިންމީ މިއަދުގެ ޖަލްސާ އަށް ހާޒިރުވި ނުވަ މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.

ޖޭއެސްސީން ބެލި މައްސަލައަކާއި ގުޅިގެން މީގެ ކުރިން ވެސް ގާޒީ ހަސަން ސައީދު ސަސްޕެންޑް ކުރި އެވެ. ނަމަވެސް ފަހުން ޖޭއެސްސީން ވަނީ އެ ސަސްޕެންޝަން އުވާލައިފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ