ޖަންނަތު (04)

(ތިންވަނަ އަދަދާއި ގުޅޭ)

"އަހަރެމެން ދޮރުން އެތެރެއަށް ވަނީއްސުރެ ހަމަ ކަޅިވެސް ޖަހާނުލާ ބަލާ އެބަ."  ޒަހާ އިތުރުކޮށްލިއެވެ.

ޒަހާ އެހެން ބުނުމާއެކު ޖަންނަތު ވަރަށް ނޭނގޭ ކަމަށް ހަދާފައި އެބުނާ މޭޒާ ދިމާއަށް ބަލާލިއެވެ. އެވަގުތު ޖަންނަތާ ސީދާވާގޮތަށް އެމޭޒުގައި އިން ފިރިހެން ކުއްޖާއާ ހަތަރުކަޅި ބައްދަލުވިއެވެ. ދެން ވެގެންދިޔަ ގޮތް ޚުދު ޖަންނަތަށްވެސް ނޭނގުނެވެ.

ކުއްލިއަކަށް ޖަންނަތަށް ހީވީ އެހެން ދުނިޔެއަކަށް ދައުރުކުރެވުނު ހެންނެވެ. ވަށައިގެންވާ މާޙައުލުގައި އޭރު އެއްވާނަކަށް އިވެމުންދިޔަ މީހުންގެ އަޑުތައްވެސް ކުއްލިއަކަށް މަޑުވިއެވެ. އެ ފިރިހެން ކުއްޖާގެ މުށި ކުލައިގެ ކަޅީގެ ތެރެއަށް ގެނބިގެންދިޔަފަދަކަމުގެ އިޙުސާސެއް ޖަންނަތަށް އެވަގުތު ކުރެވުނެވެ. އެކުއްޖާއަށް ލިބިފައިވަނީ ޢާންމު ދިވެހިންނަށް ލިބިފައި ހުންނަ މަޑު މުށިކުލައިގެ ހަންގަނޑެކެވެ. ބޮލުގައި ހުރީ އެންމެ ބުޅި، ކަޅުކަންގަދަ އިސްތަށްޓެވެ. އިސްތަށިތައް ހީވަނީ ވަރަށް ބޮޑަށް އޮޅިފައި ހުރި ނޫޑްލްސް ތަކެއް ހެންނެވެ. އާދައިގެ ވަރަކަށް ތުނބުޅި މަތިމަސް ހުރުމުން ފިރިހެންވަންތަކަން އިތުރުކަމަށް ދައްކައެވެ.

"ޖަންނަތު!!!" ވާހަކަތަކެއް ދައްކަދައްކާފައި ޖަންނަތު އަނގައިން ނުބުނުމުން ޒަހާ ޖަންނަތުގެ ނަމުން ގޮވާލާފައި ގައިގައި ކޮށްޓާލިއެވެ.

"ކީކޭ؟" ޖަންނަތަށް ހީވީ ގަދަ ނިންޖަކުން ހޭލެވުނުހެންނެވެ. ފާޑަކަށް ސިހިފައި ޒަހާއާ ދިމާއަށް ބަލާލެވުނެވެ.

"އެތަނުން ކުއްޖެއް ކަމުދިޔައީތަ؟" ދިމާކޮށްލާފަދަ ރާގެއްގައި ޖީނާ ބުންޏެވެ. އެވަގުތު ޖަންނަތު ލަދު ގަންނަ ގޮތްވިއެވެ.

"ހަހަހަ. ނޫން. އަހަރެން އެބައުޅެންދޯ މޮޔަވެގެން؟" ނޫންކަމަށް ހަދާފައި އަނެއްކާވެސް އެ ފިރިހެން ކުއްޖާއާ ދިމާއަށް ބަލާލަމުން ޖަންނަތު ބުންޏެވެ. އޭރު އެޒުވާނާ އިނީ އޭނާ ކައިރީގައި އިން ކުއްޖަކަށް ފޯނުން އެއްޗެއް ދައްކާށެވެ.

"އެކަމެއް ނޭނގެ ދެންމެ ގޮސް ކަޅި ހުއްޓިފަ އިން އިރަކު. ދޯ ޒަހާ." ފާޑަކަށް ހީގެންފައި ޖީނާ ޒަހާއަށް ދޯ ދިނެވެ.

ޖަންނަތުމެން އެ މަޢުޟޫއަށް ވާހަކަ ދައްކަދައްކާފައި ސަކަރާތްޖަހަން ތިއްބާ އެ މޭޒުގައި ތިބި ތިން ފިރިހެން ކުދިން އެތަނުން ދާންވެގެން ތެދުވިތަން ފެނުނެވެ. ގޮނޑިން ތެދުވެފައިވެސް އެފިރިހެން ކުއްޖާ ޖަންނަތާ ދިމާއަށް ބަލާލިއެވެ. އޭރު އެ ރީތި ތުންފަތުގައި ފަނޑު ހިނިތުންވުމެއްވިއެވެ. އަދި ހަމައެއާއެކު އެކުއްޖާގެ ކަނާތްފަރާތު ކޮލަށް އެޅިފައި އިން އަޑިކޮޅުވެސް ޖަންނަތުގެ ހިތުގައި އެވަގުތު ބިންވަޅުނެގިގެންދިޔައެވެ. ހިނގާފައި ދިޔައިރު އޭނާގެ ފުޅާ ބާ މައްޗާއި ހަށިގަނޑުގެ އެކި ހިސާބުގައި ރީއްޗަށް އެތުރިފައި ހުރި މަސްތަކުގައިވެސް ޖަންނަތު އަޅައިގަތެވެ. ފެންނަ ފެނުމަށް ޤަވައިދުން ކަސްރަތު ކުރާ ޒުވާނެއްހެން ހީވެއެވެ.

ގެއަށް ދިއުމަށްފަހުވެސް ޖަންނަތުގެ ހިތުން އޭރު ފެނުނު ޒުވާނާގެ ރީތި ސޫރަ ފުހެވިގެން ނުދިޔައެވެ. އެހެންކަމުން އެހެން ދުވަސްދުވަހާ ޚިލާފަށް އޭނާއަށް އޮވެވުނީ އެނދު މައްޗަށް ވެއްޓިގަތް ގޮތަށް ފޮތެއްގައިވެސް އަތް ނުލާ ޚިޔާލީ ދުނިޔެއަކަށް ގެއްލިފައެވެ. އެހެން އިރުގަނޑަކު އޮއްވާ ކުއްލިއަކަށް ހަމަބިމަށް ފޭބުނީ ފޯނަށް މަންމަ ގުޅާ ތަން ފެނިފައެވެ. ކުރެވުނީ ބޭކާރު ޚިޔާލެއްކަން ވަގުތުން ވަގުތަށް ސިކުނޑިން އިންޒާރުދިނެވެ. އޭނާއަށް އެކަހަލަ ބޭކާރު ކަންތަކުގައި އުޅޭނެ ވަގުތެއް ނެތެވެ. ޢާއިލާއާ ދުރުގައި އޭނާ އެހުރީ ވަރަށް މަތިވެރި މަޤުޞަދެއްގައެވެ.

އިރުކޮޅަކު މަންމައާ ވާހަކަ ދައްކާލުމަށްފަހު ހަދަން ވެފައި ހުރި ފިލާވަޅުތަކައިގެން ޖަންނަތު މަސްޢޫލުވިއެވެ. ކުރިން ކުރެވުނު ބޭކާރު ޚިޔާލުތައް ސިކުނޑިން ނެރެ އެއްލާލުމަށްފަހު ފޮތްތައް ނަގައިގެން ކިޔަވަން އަވަސްވެގަތެވެ.

އޭގެ ހަފްތާއެއް ފަހެވެ. ޖެހިގެން އަންނަ ދުވަހު ޓެސްޓެއް އޮންނާތީ ފިލާވަޅު ދަސްކުރަން އިނުމަށްފަހު ރޭގަނޑު ތަންކޮޅެއް ލަހުން ޖަންނަތު ނިދި ރެޔެކެވެ. ފަތިސް ނަމާދު ކުރުމަށްފަހުވެސް ލޮލުން ނިދީގެ ބަރުކަން ނުފިލާތީ ކޮލެޖަށް ދިއުމުގެ ކުރިން އަނެއްކާވެސް އޭނާ ނިދާލަން އޮށޯތެވެ. ދެން ޖަންނަތަށް ހޭލެވުނީ ގަޑި ޖެހެން ވަރަށް ކައިރިވެފައި ހުއްޓައެވެ. އެހެންކަމުން އަވަސް އަވަހަށް ތައްޔާރުވެގެން ތެޅެމުން ފޮޅެމުން ގޮސް ކްލާހަށް ވަތްއިރު ހުރިހާ ކުދިން ތިބީ ޓެސްޓަށް ތައްޔާރުވެގެންނެވެ. ޑެސްކްތައް ހުރީ ދުރުދުގައި އަތުރާފައެވެ. އޭނާ ލަސްވާނެ ވާހަކަ ބުނުމުން ޒަހާއާއި ޖީނާވެސް ތިބީ އެތެރެއަށް ވެދެއެވެ. ޖަންނަތު އަވަހަށް އެތެރެއަށް ވަދެ ގޮނޑިއެއްގައި ހަމަޖެހިލުމަށްފަހު ފަހަތަށް އެނބުރިފައި ތަންކޮޅެއް ފަހަތުގައި ތިބި ޖީނާއާއި ޒަހާއާ ދިމާއަށް ބަލާލިއެވެ. އެވަގުތު ޒަހާ އަތުގެ އިޝާރާތުން ކޮންމެވެސް އެއްޗެކޭ ކިޔަންފެށިއެވެ. ނަމަވެސް އޭނާ ކިޔާ އެއްޗެއް ފަހުމް ނުވަނީސް ޕޭޕަރުތައް ބަހަން ފެށުމުން ޖަންނަތަށް ޖެހުނީ ކުރިމައްޗަށް އެނބުރޭށެވެ.

ތިން ގަޑި އިރުގެ ޓެސްޓް ކުޑަ ތަންކޮޅެއް އަވަހަށް ނިންމާލެވުމުން ޖަންނަތު އެހެން ކުދިންނަށްވުރެ އަވަހަށް ކްލާހުން ނުކުތެވެ. އޭރު އޭނާ ހުރީ ބަނޑުހައިވެގެން ހާންތިވާވަރުވެފައެވެ. ގަޑި ޖެހޭތީ އޭނާ އައީ އެއްވެސް އެއްޗެއް ބަނޑަށް ނުލައެވެ. އެހެންކަމުން ކްލާހުން ނުކުތް ގޮތަށް އޭނާ ފުރަތަމަވެސް މިސްރާބު ޖެހީ ކޮލެޖް ތެރޭގައި ހުންނަ ކެންޓީނާ ދިމާއަށެވެ. އެތަނަށް ގޮސް މަސް ބަނަހަކާއި މައިލޯ ޕެކެޓެއް ނެގުމަށްފަހު މޭޒެއްގެ ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނދެ އަވަހަށް ކާންފެށިއެވެ. އިރުކޮޅަކުން ދެން އޮތް ގަޑި ފެށޭނެތީ އޭނާ ދިޔައީ ގަޑިއަށް ބަލަމުންނެވެ. އޭނާ އެތާ އެހެން އިންދާ އިރުކޮޅަކުން ފޯނަށް މެސެޖެއް އައި އަޑު އިވުނެވެ. ބަލާލިއިރު އޮތީ ޒަހާގެ މެސެޖެކެވެ. މެސެޖުގައި އޮތީ އޭނާ ހުރީ ކޮންތާކުތޯ އަހާފައެވެ. އެ މެސެޖުގެ ރައްދު ދީފައި ޖަންނަތު އަނެއްކާވެސް ކެއުމައިގެން މަސްޢޫލުވިއެވެ.

"ކިހިނެއްތަ ތި ހެދީ މިއަދު؟" ކެންޓީނަށް ވަތް ގޮތަށް ޖަންނަތު ފެނުމާއެކު ޖީނާ ސުވާލުކޮށްލިއެވެ.

"ހޭލެވުނުލެއް ލަސްވީ." ޖަންނަތު ޖަވާބު ދީ ނިމުނުއިރު ޒަހާއާއި ޖީނާވެސް ޖަންނަތު ކައިރީގައި ހުރި ދެ ގޮނޑީގައި އިށީނދެއްޖެއެވެ.

"މިހާރު އަހަރެމެންނަށް ސިއްރުން ކަމެއް ކުރަނީތަ؟" ޒަހާ ފާޑަކަށް ދިމާކޮށްލާފަދަ ރާގެއްގައި ޖަންނަތާ ސުވާލުކޮށްލިއެވެ.

"ނޫން. ރޭގަ ފިލާވަޅު ދަސްކުރަން ތަންކޮޅެއް ގިނަ އިރު އިނދެވުނީ." ބޯން އިން މައިލޯ ޕެކެޓުގެ ހޮޅިން ތުން ނައްޓާލުމަށްފަހު ޖަންނަތު ޖަވާބުދިނެވެ.

"ދެން މިއީ ކޮންކަމެއް؟" އެވަގުތު ޒަހާގެ ދަބަހުން ކުޑަކުޑަ ޕާރުސަލެއް ނަގާފައި ޖަންނަތަށް ދައްކާލިއެވެ. އޭގެ މަތީގައި ތަނޑި ދިގު، ރަތް ފިނިފެންމަލެއް ތަތްކޮށްފައި އޮތެވެ. އެވަގުތު ޖަންނަތު ސުވާލުގެ ނަޒަރަކުން ޒަހާއާ ދިމާއަށް ބަލާލިއެވެ. އޭރު ޖީނާވެސް އިނީ ފާޑަކަށް ހެވިފައެވެ.

"ތިއީ ކޯއްޗެއް؟" ފަހަރަކު މީހެއްގެ މޫނަށް ބަލާލަމުން ޖަންނަތު ސުވާލުކޮށްލިއެވެ.

"އެއްކަލަ ދުވަހު ރެސްޓޯރެންޓް ތެރެއިން އަހަރެމެންނަށް ވަރަށް ބެލިއެއްނު ބޯއީސްތަކެއް. މިއަދު އަހަރެމެން ކޮލެޖަށް ވަންނަން އައި އިރު އެ ތިން މީހުން ތިބި މިތާ ދޮރުމަތީގަ. އަހަރެމެން ފެނުނީމަ ގޮވާލާފަ މީތި ދީފަ ބުނީ ޖަންނަތާ ހަވާލުކޮށްލަދޭށޯ. އެމީހުންނަށް ޖަންނަތުގެ ނަން އެނގޭނީ ކޮންމެވެސް މީހަކު ބުނީމައެއްނު." ވީ ގޮތް ވަރަށް ތަފްސީލުކޮށް ޒަހާ އޮޅުންފިލުވައިދިނެވެ. އޭރު ޒަހާ ޖަންނަތާ ދިމާއަށް ބަލަމުން ދިޔައީ ޝައްކުގެ ނަޒަރުންނެވެ.

"ވަޓް؟ އަހަންނަކަށް ނޭނގެ. އެތަނުން ކާކު މީތި ދިނީ." ޕާރުސަލްގައި ހިފުމަށްފަހު ފަރާތްފަރާތަށް އަނބުރާލަމުން ޖަންނަތު ސުވާލުކޮށްލިއެވެ. އޭރު އޭނާގެ ހިތުގައި އުފާވެރިކަމުގެ ރާޅެއް ދައުރުވަމުންދާކަމުގެ އިޙުސާސް ކުރެވެމުންދިޔައެވެ. ނަމަވެސް އެ އިޙުސާސް ދެމިގެން ދާނީ އެ ހަދިޔާ ދިނީ އޭނާގެ ހިތުގައި ބިންވަޅު ނެގިފައިވާ ކުއްޖާކަމުގައިވާނަމައެވެ. ނޭނގިނަމަވެސް އޭނާގެ ހިތް އެވަގުތު ގޮވަމުން ދިޔައީ އެއީ އެކުއްޖާއަށް ވުމަށެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ