އދ. ފެންފުށި

ކަރަންޓީނުގައި ނެތް އަންހެނަކު ޕޮޒިޓިވްވެ، ފެންފުއްޓަށް އަރާ ފޭބުން މަނާކޮށްފި

އދ. ފެންފުށިން ކަރަންޓީންގައި ނެތް އަންހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެރަށަށް އަރައި ފޭބުން މަނާކޮށްފިއެވެ.

ފެންފުށި ކައުންސިލްގެ ރައީސް، ޝާހިދު އަބްދުއްރަހީމް ފެށުމަށް ވިދާޅުވީ، އެރަށުން މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ކަރަންޓީނުގައި ނެތް މީހެއްކަމަށެވެ. އަދި އެމީހާގެ ޓްރެވެލް ހިސްޓްރީއެއްވެސް ނެތްކަމަށާއި، އޭނާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ، ރޯގާ ޖެހިގެން އެރަށު ސިއްހީ މަރުކަޒަށް ދެއްކުމުން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

އެރަށުން ޕޮޒިޓިވްވެފައިވަނީ އުމުރުން 37 ވަރަކަށް އަހަރުގެ އަންހެނެކެވެ. އަދި އެ އަންހެންމީހާގެ ސާމްޕަލް ނަގާފައިވަނީ މިމަހުގެ 9 ވަނަ ދުވަހުކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

މިހާރު ފެންފުށި އޮތީ މޮނިޓަރިންގައެވެ. އެހެންކަމުން އެރަށަށް އަރައިފޭބުން މިހާރުވަނީ މަނާވެފައެވެ.

ފެންފުއްޓަކީ ގެސްޓްހައުސް ހިންގާ ރަށަކަށްވާއިރު، އެރަށުން މިމަހުގެ ތެރޭގައި ގެސްޓަކުވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި އެ ގެސްޓް މީހާ ޕޮޒިޓިވްވުމާއި ގުޅިގެން ގިނަ އަދަދެއްގެ ރެންޑަމް ސާމްޕަލް ނެގިފައިވާކަމަށާއި، އަދި ނެގުނު ހުރިހާ ސާމްޕަލް ނަތީޖާ ނެގެޓިވްވެފައިވާކަމަށްވެސް އެރަށު ކައުންސިލުން މަޢުލޫމާތު ދެއެވެ.

ވެރިރަށް މާލޭގެ އިތުރުން ރާއްޖެތެރޭގެ ހަތަރު ރަށަކުން މިވަގުތަށް އަރައިފޭބުން މަނާކޮށްފައިވާއިރު، އޭގެތެރޭގައި އދ. ފެންދުށީގެ އިތުރުން ދެން ހިމެނެނީ، އައްޑޫ ސިޓީއަށާއި،  ހއ. ބާރަށުގެ އިތުރުން ޅ. ޅޮއްސެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ