ކައުންސިލް އިންތިޚާބަށް އޮފިޝަލުން ތަމްރީނު ކުރަން ފަށައިފި

ކުރިއަށްއޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ބޭނުންވާ އޮފިޝަލުން ތަމްރީންކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން މިއަދު ފަށައިފިއެވެ.

މިކަން ހާމަކުރައްވައި އިލެކްޝަންސް ކޮމިޝަނުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގެ އޮފިޝަލުން ތަމްރީނުކުރުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި މިހާރު ފެށިގެން ކުރިއަށްދާ ކަމަށެވެ.

މިފަހަރުގެ އިންތިހާބު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާ އެއްގޮތަށް ކުރިއަށްގެންދަންޖެހޭތީ އަށްހާހަށްވުރެ ގިނަ އޮފިޝަލުން މިފަހަރުގެ އިންތިޚާބުގައި ހަރަކާތްތެރިވާނެ ކަމަށް އިލެކްޝަނުން ބުނެއެވެ.

އެ ކޮމިޝަނުން ވިދާޅުވީ، ކުރިއަށް އޮތް އިންތިޚާބުގައި އަތޮޅުތަކުގެ ވޯޓްލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ %80 މީހުން މިހާރު ހަމަވެފައިވާ ކަމަށާއި، މާލޭގައި ޤާއިމުކުރާ ވޯޓްލާ މަރުކަޒުތަކަށް ބޭނުންވާ އޮފިޝަލުންގެ %60 ހަމަވެފައިވާ ކަމަށެވެ.

މާލެއިން އަތޮޅުތެރެއަށް މީހުން ފޮނުވައިގެން އޮފިޝަލުން ތަމްރީންކުރުމުގެ ޕްރޮގްރާމް ކުރިއަށްގެންދަނީ، މިފަދަ ތަމްރީންތައް ހިންގުމަށް އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށްކަމަށް އިލެކްޝަން ކޮމިޝަނުންވަނީ ބުނެފައެވެ. އަދި މިހާރު މޮނީޓަރިންއަށް ލާފައިވާ ރަށްތަކުގައި އޮފިޝަލުން ތަމްރީންކުރަން ފަށާނީ އެރަށެއްގައި މޮނީޓަރިންގެ ހާލަތު އުވާލުމުންނެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ