ހައިކޯޓް - ފޮޓޯ: ވީ ނިއުސް

ޗުއްޓީގައި ތިއްބަވާ ފަނޑިޔާރުންނަށް ޝަރީޢަތްތަކުގައި ބައިވެރިވެވޭނެ - ހައިކޯޓު

ޗުއްޓީގައި ތިއްބަވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޝަރީޢަތްތަކުގައި ބައިވެރިވެވޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ދާދި ދެންމެ ވިދާޅުވެއްޖެއެވެ.

ހައިކޯޓުން އެކަން ހާމަކޮށް ވިދާޅުވީ، ކޮންމެ ފަނޑިޔާރަކީވެސް ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އޭނާގެ ހުރިހާ ވަގުތެއް ތަޚްޞީޞްކުރާ މީހަކަށް ވާން ޖެހޭ ކަމަށާއި، ޗުއްޓީގައި ތިއްބަވާ ފަނޑިޔާރުންނަށް ހުކުމްތަކުގައި ބައިވެރިވެވޭގޮތަށް ނިންމެވީ 2011 ވަނަ އަހަރު ކަމަށެވެ.

"ކޯޓުގައި ޙުކުމެއް ކުރަން ޖެހޭ ޝަރީޢަތެއްގައި ނުވަތަ ވަކި ޢަދަދެއްގެ ފަނޑިޔާރުން ހިމަނައިގެން ކުރިއަށް ގެންދަން ޖެހޭ ޝަރީއަތެއްގައި ނުވަތަ އެ ނޫންވެސް އެ ފަނޑިޔާރަކު ބައިވެރިކޮށްގެން ނޫން ގޮތަކަށް އެ މައްސަލައިގައި ފައިޞަލާކުރެވެން ނެތް ކަމަށް ބެލެވޭ ޙާލަތްތަކުގައި، ފަނޑިޔާރަކު ޗުއްޓީގައި ހުންނެވިއަސް، މައްސަލައެއްގެ ޙުކުމް ކުރުމަށްޓަކައި، އެފަނޑިޔާރަކަށް ދަންނަވައި، އެ ފަނޑިޔާރަކަށް ކޯޓަށް ޙާޟިރުވެވޭނެ ފަދަ ޙާލަތެއްގައި ހުރި ނަމަ، އެ ޝަރީޢަތެއް ނިންމެވުމަށް ބާއްވާ ޙުކުމްކުރުމުގެ ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވެވޭނެ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ފެންނާތީ އެ ގޮތުގެ މަތީން ޢަމަލުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން 2011 ޖޫން މަހުގެ 30 ވަނަ ދުވަހު ނިންމާފައިވޭ." ހައިކޯޓުން ވިދާޅުވިއެވެ.

ހައިކޯޓުން ވިދާޅުވީ، 2011 ޖޫން 30 ދުވަހު އެ ނިންމެވުން ނިންމެވީންސުރެ، މިއަދާ ހަމަޔަށްވެސް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން އެ ނިންމުމުގައިވާ ގޮތުގެ މަތިން ޙުކުމްކުރުމުގެ މަޖިލިސްތަކުގައި ބައިވެރިވަމުން ގެންދަވާ ކަމަށެވެ.

އެކަން ހިނގަމުން ދާގޮތާ މެދު ރާއްޖޭގެ ބައެއް ނޫސްތަކުގައި ލިޔެފައިވާ ޚަބަރުތަކުގެ ސަބަބުން ޢާންމު ރައްޔިތުންނަށް ޙަޤީޤަތް އޮޅިފައި އޮވެދާނެ ކަމަށްޓަކައި، އެކަން ހާމަ ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިއަދު ނިންމެވީ ކަމަށްވެސް އެ ކޯޓުން ވިދާޅުވިއެވެ.

ހައިކޯޓުން މިހެން ވިދާޅުވިއިރު، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ ޖަލު ހުކުމެއް ބާޠިލްކުރަން ހައިކޯޓުން ހުކުމް ކުރެއްވިއިރު، ޗުއްޓީގައި ހުންނެވި ފަނޑިޔާރަކު ބައިވެރިވި މައްސަލައިގައި ބައެއް ފަރާތްތަކުން ޝަރުޢީ ދާއިރާއަށް ފާޑިކިޔާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް