ޖަންނަތު (05)

(ހަތަރުވަނަ އަދަދާއި ގުޅޭ)

"ވަޓް؟ އަހަންނަކަށް ނޭނގެ. އެތަނުން ކާކު މީތި ދިނީ." ޕާރުސަލްގައި ހިފުމަށްފަހު ފަރާތްފަރާތަށް އަނބުރާލަމުން ޖަންނަތު ސުވާލުކޮށްލިއެވެ. އޭރު އޭނާގެ ހިތުގައި އުފާވެރިކަމުގެ ރާޅެއް ދައުރުވަމުންދާކަމުގެ އިޙުސާސް ކުރެވެމުންދިޔައެވެ. ނަމަވެސް އެ އިޙުސާސް ދެމިގެން ދާނީ އެ ހަދިޔާ ދިނީ އޭނާގެ ހިތުގައި ބިންވަޅު ނެގިފައިވާ ކުއްޖާކަމުގައިވާނަމައެވެ. ނޭނގިނަމަވެސް އޭނާގެ ހިތް އެވަގުތު ގޮވަމުން ދިޔައީ އެއީ އެކުއްޖާއަށް ވުމަށެވެ.

"އެތާ ހުރި ބުޅި ބޯ." ދޫ ނެރެލާފައި ފާޑަކަށް ހީގަންނަމުން ޒަހާ ބުންޏެވެ.

އެއީ އެ ޒުވާނާއެވެ. ޖަންނަތުގެ ހިތުގައި އެދުވަހު ކުރެހުނު ސޫރައިގެ ވެރިޔާއެވެ. އެވަގުތު ޖަންނަތުގެ ހިތް އުފަލުން ނަށައިގަތެވެ. ނަމަވެސް އޭނާ އެކަން މޫނުން ނުދައްކާ ވޭތޯ ބެލިއެވެ.

"ދެން ތި ކަނޑާބަލަ." ޒަހާ އިނީ ޕާރުސަލްގައި އޮތް އެއްޗެއް ބެލުމަށްޓަކައި ކެތް މަދުވެފައެވެ.

"ނޫން. ގެއަށް ގޮއްސަ ކަނޑާނީ. ފޮޓޯ ފޮނުވާނަމޭ. އޯކޭ އެއްނު؟" ޖަންނަތު އިނީ އެމީހުންގެ ކުރިމަތީގައި ޕާރުސަލް ކަނޑަން ބޭނުން ނުވެފައެވެ. ޖަންނަތުގެ ޖަވާބު އަހާފައި ޒަހާ ފާޑަކަށް އަނގައަށް ގޮތެއް ހަދާލިއެވެ.

އިރުކޮޅަކުން ދެން އޮތް މާއްދާ ފެށޭ ވަގުތު ޖެހުމުން ތިން ކުދިން ކްލާހަށް ދިޔައެވެ. ކްލާހުގައި އިން އިރުވެސް ޖަންނަތުގެ އުފާވެރިކަމަށް ބަދަލެއް ނާދެއެވެ. އިރުއިރުކޮޅާ ހިނިތުންވެލެއެވެ. އަދި ފުރަގަހުގައި ހުރި ދަބަހުގައި އަތްލާ ބޭރުން ޕާރުސަލް އޮތް ތޯ ޗެކްކޮށްލެވެއެވެ. އެކަމާހެދި ފިލާވަޅުތަކަށް ދޭންވާ ސަމާލުކަންވެސް ފުރިހަމައަކަށް ނުދެވުނެވެ. އޭރު އޭނާއަށް ކުރެވެމުން ދިޔައީ މުޅިން އައު އިޙުސާސްތަކެކެވެ.

ގަޑި ޖެހުމާއެކު ޖަންނަތު ބޭނުންވީ ވީހާވެސް އަވަހަކަށް ގެއަށް ދާށެވެ. އެހެންކަމުން ޒަހާ އައިސްކްރީމް ބޯން ދާން އެދުމުންވެސް އޭނާ އެކަމާ ދެކޮޅު ހެދިއެވެ. ގޭގައި ކުޑަ ކަމެއް އޮތްކަމުގެ ބަހަނާ ދައްކާފައި އޭނާ ބެލީ އެމީހުންގެ ކިބައިން އަވަހަށް ސަލާމަތްވެވޭތޯއެވެ.

ގެއަށް ވަދެވުމާއެކު ކޮޓަރިއަށް ދެވުނު ނުދެވުނު ގޮތެއްވެސް ޖަންނަތަކަށް ނޭނގެއެވެ. ދަބަސްތެރޭގައި ޕާރުސަލް އޮތް ނަމަވެސް އޭނާ ހީވީ ވަގަށް ކަމެއް ކުރަން އުޅޭ ހެންނެވެ. މީހަކަށް ފެނިއްޖެއްނަމަ ފޮރުވައިގެން އުޅޭ ކަންތައް ފަޅާ އަރާފާނެއޭ އޭނާއަށް ހީވިއެވެ. އެހެންކަމުން ތެޅެމުން ދިޔަ ހިތަކާއެކު ޖަންނަތު ކޮޓަރިއަށް ވަތްގޮތަށް އަވަހަށް ދޮރު ތަޅުލިއެވެ. އަދި އަވަސް އަވަހަށް އެނދުމަތީގައި އިށީނދެލުމަށްފަހު ދަބަހުގެ ޒިބު ކަހާލާފައި ޕާރުސަލް ނެގިއެވެ. އޭރު އޭގެ މަތީގައި އޮތް ފިނިފެންމާ އޮތީ ކުޑަކޮށް މިލާ ގޮތްވެފައެވެ. އެހެންކަމުން އިހަށް ޕާރުސަލް ނުކަނޑާ ކޮޓަރި ތެރޭގައި އޭނާ ބަހައްޓާފައި ހުރި ކުޑަ ފުޅިއަކަށް ފެން އެޅުމަށްފަހު އެ ފުޅިއަށް މާ ޖެހިއެވެ. އަދި ވަރަށް ލޯބިން އޭގެ ފިޔަތަކުގައި އަތުން ފިރުމާލިއެވެ. އެއީ އޭނާއަށް މިހާތަނަށް ފިރިހެން ކުއްޖަކު ދިން ފުރަތަމަ ހަދިޔާއެވެ. އޭރު ފަނޑު ހިނިތުންވުމެއް އެ ރީތި ތުންފަތުގައި ދުވެލަދުވެލާ ހުއްޓެވެ. ދެން އަނެއްކާވެސް ޖަންނަތު އައިސް އެނދުގައި އިށީނދެލުމަށްފަހު ޕާރުސަލް ނެގިއެވެ. އެތެރޭގައި އޮތް އެއްޗެއް ނޭނގޭތީ އޭނާ ޕާރުސަލް ކެނޑީ ވަރަށް މަޑުމަޑުންނެވެ.

ޕާރުސަލް ކަނޑާލިތަނާ އެންމެ ފުރަތަމަވެސް ޖަންނަތުގެ ލޮލުގައި އަޅައިގަތީ އޭގެ ތެރޭގައި އޮތް ގަނޑުކޮޅެކެވެ. އޭގައި ފޯނު ނަންބަރަކާއެކު އިނގިރޭސިން އެއްޗެއް ލިޔެފައި އޮތެވެ.

"ހައި ޕްރިޓީ ގާރލް. މިއީ އަހަރެންގެ ނަންބަރު. ޖަންނަތުގެ ނަންބަރު އަހަންނަށް ހޯދޭނެ. އެކަމަކު އަހަރެން ބޭނުމީ ފުރަތަމަ ޖަންނަތު ބޭނުންނަމަ ކޮންމެވެސް އިޝާރާތެއް ކޮށްލަން. އަހަރެން ޖަންނަތާ ދައްކަން ބޭނުންވާ ވަރަށް ބައިވަރު ވާހަކަތައް އެބަހުރި. ވަރަށް އަވަހަށް ޖަންނަތުގެ ހަބަރެއް ވާނެކަމުގައި އުންމީދުކުރަން. =އަރުޝަމް=" ނޯޓްކޮޅު ކިޔާ ނިމުނުއިރު ޖަންނަތުގެ ތުންފަތުގައި ކުރިން ހުރި ހިނިތުންވުން އިތުރަށް ފުޅާވެއްޖެއެވެ.

ޕާރުސަލްގައި ދެން އޮތީ ކޯއްޗެއްތޯ ބަލާލުމަށް ޖަންނަތު އަވަސްވެގަތެވެ. އެތެރޭގައި އޮތީ ފަތްޖަހާލާފައި އޮތް ރީތި ކަޅުކުލައިގެ ހަވީރީ ހެދުމެކެވެ. ހެދުން ރީތިކަމުން ނެގި ގޮތަށް ޖަންނަތު އިނީ ދެލޯ ބޮޑުވެފައެވެ. އެވަގުތު ހެދުމުގެ ދަށުގައި އޮތް އިތުރު ގަނޑުކޮޅެއް ޖަންނަތަށް ފެނުނެވެ.

"ހެދުން ރީތިވާނެކަމުގައި އުންމީދުކުރަން. އަދި ތި ހެދުން ލައިގެން މިރޭ އަށެއް ޖަހާއިރު ތިގޭ ދޮރުމައްޗަށް ނުކުމެލުން އެދެން. އަހަރެން ޖަންނަތު ގޮވައިގެން ރޭގަނޑުގެ ކެއުމަށް ދާން ބޭނުން. އަހަރެން އިންތިޒާރު ކުރާނަން." އެ ކުރު ނޯޓުކޮޅު ފެނިފައި ކުއްލިއަކަށް ޖަންނަތުގެ އަތް ފައިން އޮށްދާ ހިއްލަން ފެށިއެވެ. ޖަންނަތަކީ ދުވަހަކުވެސް ހިލޭ ފިރިހެނަކާއެކު އެކަހެރިކޮށް ތަނަކަށް ދިޔަ ކުއްޖެއް ނޫނެވެ. އަދި އަމުދުން މަންމަމެންނަށް އެކަން އެނގިއްޖެނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އެގޮތަށް ނުދަންނަ ފިރިހެނަކާއެކު ތަނަކަށް ގޮސްފިކަން އެނގޭ ހިސާބުން މަންމައާއި ދައްތަ އޭނާއަށް ކުރާ އިތުބާރު ވަގުތުން ގެއްލޭނެއެވެ. އެއީ އޭނާއަށް ކެތްވާނެ ކަމެއް ނޫނެވެ.

ހަދާނެ ގޮތެއް ނޭނގިގެން ޖަންނަތު ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގަން ފެށިއެވެ. އޭރު ކަނާއަތުގެ ފަހަރަކު އިނގިއްޔެއްގެ ނިޔަފަތި ކައި ހުސްވަމުން ދިޔަ ކަމެއް އޭނާއަށް ރޭކާވެސް ނުލައެވެ. އެހެން އިރުކޮޅަކު ހުރުމަށްފަހު އޭނާ ދަބަސް ކައިރީގައި ބޭއްވި ފޯނު ނަގާފައި އަވަސް އަވަހަށް ދެ ނޯޓްކޮޅާއި ހެދުމުގެ ފޮޓޯއެއް ނަގާލިއެވެ. އަދި އޭނާއާއި ޒަހާ އަދި ޖީނާ ތިބޭ ވައިބަރ ގްރޫޕަށް ވަގުތުން ފޮނުވާލިއެވެ.

"ވާވް! ބުޅި ބޯ ހާދަ ރޮމޭންޓިކޭ." ފުރަތަމަވެސް ޒަހާ ފޮނުވި މެސެޖުގައި އޮތީ ޖަންނަތާ ދިމާކޮށްލާފައެވެ. އެއީ ވާނެ ގޮތްކަން ޖަންނަތަށް މާކުރިންވެސް އެނގެއެވެ. ދެން ޖަންނަތު ވައިބަރ އިން ގްރޫޕް ކޯލެއް ކޮށްލިއެވެ.

"ދިމާނުކޮށް ދެން އަހަރެން ހަދާނެ ގޮތެއް ބުނެބަލަ. ޕްލީޒް!" ދެ އެކުވެރިން ފޯނު ނެގުމާއެކު އާދޭހާއެކު ޖަންނަތު އެދުނެވެ.

"ޖަންނަތު ދާން ބޭނުންތަ؟" ޖީނާ ފުރަތަމަ ކޮށްލީ ސުވާލެކެވެ. އެއީ އަބަދުވެސް ވަރަށް ވިސްނައިގެން ކަންކަން ކުރާ ކުއްޖެކެވެ.

"އާނ! އުނހޫ!" އަނެއްކާވެސް އެނދުން ތެދުވެ ދެކޮޅަށް ހިނގަމުން ޖަންނަތަށް އަވަސް އަރުވާލާފައި ބުނެވުނެވެ.

"ކޮންމެސް އެކެއްޗެއް ކިޔާބަލަ." ހިނިގަނޑެއް ޖަހާލަމުން ޒަހާ ބުންޏެވެ.

"ދާހިތްވޭ. އެކަމަކު އެކަނި ދާކަށް ނުކެރޭނެ. އަހަރެން އަދި އެކަހަލަ ކަންކަން ކުރާކަށް ބޭނުމެއް ނޫން." ފަހު ޖުމްލަ ޖަންނަތު ބުނީ އަޑަށް ބާރުލާފައެވެ. ހީވަނީ މީހަކަށް ކަމެއް ސާބިތުކޮށްދޭން އުޅޭހެންނެވެ.

"އަހަރެމެންވެސް ދާނަމޭ. މާދަން ފްރައިޑޭއެއްނު. ހިނގާބަލަ ދާން. އޭރުން އޭނާ ކިޔާ އެއްޗެއްވެސް އެނގިދާނެއެއްނު. އެއީ މައްސަލައެއް ނޫނޭ. އޭނައަށް މެސެޖްކޮށްފަ ބުނޭ ޖަންނަތަށް ދެވޭނީ އަހަރެމެންނާއެކުއޭ. އެހެންނޫނީ ނުދެވޭނެއޭ." ޖީނާ އެއްޗެއް ބުނުމުގެ ކުރިން ޒަހާ އަވަހަށް އޭނާގެ ޚިޔާލު ފާޅުކޮށްލިއެވެ.

"ތިން މީހުން އެއްކޮށް ދަންޏާ އޯކޭ." ޖީނާވެސް ޒަހާގެ ޚިޔާލަށް ތާއީދުކުރިއެވެ.

އެކުވެރިން ބުނިގޮތަށް ޖަންނަތު މެސެޖުކުރުމުން ނަސީބަކުން އަރުޝަމް އެގޮތާ އެއްބަސްވިއެވެ. ކުއްޖެއްގެ ޕާޓީއަށް ދިއުމުގެ ނަމުގައި ތިން ކުދިން ތައްޔާރުވާން ތިބީ ޖަންނަތުގެ ގޭގައެވެ. ހަތެއް ޖެހި އިރު ރީތިވާން ފެށިގޮތަށް ނިމުނީ ހަތްގަޑި ފަންސާސްވީއިރުއެވެ. ޖަންނަތު ތައްޔާރުކޮށްދިނީ ޒަހާއާ ޖީނާއާ ދެކުދިންވެގެންނެވެ. ޖަންނަތަކީ ދުވަހަކު މޭކަޕްކޮށް، ފަރިހެދިގެން ތަންތަނަށް ދިޔަ ކުއްޖެއް ނޫނެވެ.

ތައްޔާރުވެ ނިމުމާއެކު ޖަންނަތު އިށީނދެ އިން ގޮނޑިން ތެދުވިއެވެ. އޭރު ފަހަތުގައި ދެ ރަޙްމަތްތެރިން ޖަންނަތުގެ ފަރި ބަލަން ތިއްބެވެ. އަރުޝަމް ހޮވާފައިވާ ހެދުން ހީވަނީ ހަމަ ޖަންނަތަށް ޚާއްސަކޮށް ފަހާފައި ހުރި ހެދުމެއްހެންނެވެ. ހެދުމުގެ ދިގުމިން ހުރީ ތަނބިކަށްޓާ ހަމައަށެވެ. އެހާ ބޮޑު ގޮތެއް ހަދާފައެއް ނުވެއެވެ. ހެދުމުގެ މަތީބަޔާއި އެކު ދެއަތުގެ ކުޑަ ހުޅާ ހަމައަށް ހުރީ ރޭނދާ އަޅާފައެވެ. ހެދުމުގެ ފަސްބައި ހަނިކޮށް ހުރިއިރު އެއްވެސް ގޮތެއް ހަދާފައެއް ނުވެއެވެ. ހެދުމާ ގުޅޭ ގޮތަށް ޖަންނަތުގެ ދިގު އިސްތަށިގަނޑު އޮތީ ބޮލު މެދަށް ހުޅިއެއްޖަހާ ހައްޔަރުކޮށްލާފައެވެ. އަދި ދެ ކަންފަތް ކައިރިން އިސްތަށިކޮޅެއް ވައްޓާލާފައި އޮތެވެ. ތުންފަތުގައި ރީތި ރަތްކުލައެއްގެ ލިޕްސްޓިކެއް ޖެއްސުމުގެ އިތުރުން ލޮލުގައި އަނދުން އަޅާލުން ފިޔަވައި އިތުރު މޭކަޕެއް ކުރާކަށް ޖަންނަތު އެއްބަހެއް ނުވިއެވެ. އަދި އެއްވެސް ގަހަނާއެއްވެސް ބޭނުންކުރާކަށް ޖަންނަތު ބޭނުމެއް ނުވިއެވެ. އެހެންނަމަވެސް އެރޭ ޖަންނަތު ފެންނަ ގޮތް އާދައިގެ އެހެން ދުވަސްދުވަހާ ވަރަށް ތަފާތެވެ.

"މިރޭ ބުޅި ބޯ ހޭނެތޭނެ ކަންނޭނގެ." ޒަހާ ދިމާކުރަންފެށިއެވެ. ޖީނާވެސް އެއްޗެކޭ ބުނެލާފައި ޒަހާއާ ބައިވެރިވެލިއެވެ. އެވަގުތު ޖަންނަތު ލަދުން ހީލުމަށްފަހު ދެ އެކުވެރިންނާ ދިމާއަށް ލޯއަޅާލިއެވެ.

ބަރާބަރު އަށެއް ޖެހުމާއެކު ޖަންނަތުގެ ފޯނަށް އަރުޝަމް ގުޅަންފެށިއެވެ. ފޯނަށް ޖަވާބުދޭން ނުކެރިގެން ކަނޑާލުމަށްފަހު މިދަނީކަމަށް ބުނެ ޖަންނަތު މެސެޖެއް ފޮނުވާލިއެވެ. އަދި އަވަސް އަވަހަށް ދެ އެކުވެރިންނާއެކު ގޭ ދޮރުމައްޗަށް ނުކުތެވެ. އޭރު އޭނާގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައެވެ. ކުރެވެން މިއުޅެނީ ކިހާވަރެއްގެ ކަމެއްކަން އޭރު ޖަންނަތަށް އަންދާޒާވެސް ކޮށްނުލެވެއެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
1112
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ