"ޖިންސީ ގޯނާގެ ތުޙުމަތުކުރެވޭ ޕީޕީއެމްގެ ކެނޑިޑޭޓަށް ފިޔަވަޅު އަޅާނަން"

ޕީޕީއެމްގެ ކެނޑިޑޭޓެއްގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ މައްސަލަ ބަލައި، ޕާޓީގެ ފަރާތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް އ ޕާޓީން ބުނެފިއެވެ.

ޕީޕީއެމްއިން ނެރުނު ބަޔާނެެއްގައި ބުނީ އަންނަ އެޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީ.ޕީ.އެމް ގެ ފަރާތުން ގދ. ގައްދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ ކެންޑިޑޭޓުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ޖިންސީ ގޯނާގެ މައްސަލައެއް މި ކޯލިޝަންގެ ސަމާލުކަމަށް ވަނީ އައިސްފާވާކަމަށާއި، މި މައްސަލައިގެ ޙަޤީޤަތް ހޯދާ ޕާޓީގެ ފަރާތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ބަލަން ޖެހޭ އެންމެހާ ބެލުންތައް ޕާޓީގެ ޤާނޫނީ ޓީމުން ބަލަމުން ގެންދާކަމަށެވެ.

އަދި ކުށެއްގެ ތުހުމަތުގައި މީހަކު ބަންދު ކުރުމަކީ އެ މީހަކަށް އިންތިޚާބެއްގައި ވާދަ ނުކުރެވެންވީ ސަބަބެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މީޑިއާތަކަށް ކަށަވަރުކޮށްދީފައިވީނަމަވެސް، ޖިންސީ ގޯނާގެ މައްސަލަތަކަކީ އަވަސް މުއްދަތެއްގެ ތެރޭގައި ބެލި ގޮތެއް ނިމެންޖެހޭ މައްސަލަތަކެއްކަމަށްވެސް ބުންޏެވެ.

"އެއްވެސް ފަރާތަކަށް ކުރާ ޖިންސީ ގޯނާއާއި ފުރައްސާރަތަކަކީ، އެއްވެސް އިރެއްގައި މި ޕާޓީއިން ތަރުހީބު ދީ ބަލައިގަންނާނޭ ކަމެއް ނޫނެވެ. އަދި އެފަދަ މައްސަލަތައް އެންމެ ހަރުކަށި އިބާރާތުން ޕީޕީއެމުން އަބަދުވެސް ކުށްވެރިކުރަމެވެ." ޕީޕީއެމްއިން ބުންޏެވެ.

"މިއީ މަގޭ ރާއްޖެ" ތަސައްވުރުގެ އެންމެ މުހިންމު އެއް އަސާސަކީ އަމާން ދިރިއުޅުމެއް ގާއިމްކޮށްދިނުންކަމަށާއި، ހާއްސަގޮތެއްގައި ކުޑަކުދިންނަށް ރައްކާތެރި، އަންހެނުންނަށް އޯގާތެރި، އިސްރަށްވެހިންނަށް ކުލުނުވެރި މުޖުތަމައެއް ބިނާކުރުންކަމަށްވެސް މި ބަޔާނުގައިވެއެވެ.

އަދި މިމައްސަލައިގައި ތުޙުމަތު ކުރެވިފައިވާ ފަރާތުގެ މައްސަލަ ބަލާ ޕާޓީގެ ފަރާތުން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަޤީންކަން ޕީޕީއެމުންއިން ދީފައިވާއިރު، މިމައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބަލައި ވީ އެންމެ އަވަހަކަށް ފައިސިލާ ކުރަނިވި ނިންމުމެއް ނިންމައިދިނުމަށްވެސް ކަމާ ބެހޭ ފަރާތްތަކަށްވަނީ ގޮވާލަމެވެ.

ޕީޕީއެމްއިން މިހެން ވިދާޅުވެފައިވާއިރު، އެ ރަށުގެ ކައުންސިލު ރައީސްކަމަށް ކުރިމަތިލުމަށް އޭނާއަށް ޕީޕީއެމްއިން ޓިކެޓު ދިން އިރުވެސް އޭނާއަށް އޮތީ އެ މައްސަލައިގައި ދައުވާކޮށްފައެވެ. އޭނާގެ މައްޗަށް ދަޢުވާކޮށްފައިވަނީ ކުޑަކުއްޖަކަށް ބޭއަދަބީ މެސެޖުތަކެއް ކޮށްގެންނެވެ. އެމައްސަލާގައި ޕީޖީގެ ފަރާތުން އޭނާގެ މައްޗަށް ދެ ދަޢުވާއެއްވަނީ އުފުލާފައެވެ. އެއީ މީހަކު ޖިންސީ އަމަލެއް ހިންގަމުން ގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު ކުޑަކުއްޖަކަށް އިއްވުމުގެ ކުށުގެ ދައުވާ އަދި ރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

ބައެއް މީޑިއާތަކުގައި ރިޕޯރޓްކޮށްފައިވާ ގޮތުން އޭނާ މެސެޖުކުރީ ގްރޭޑް 10 ގައި އުޅޭ ކުޑަކުއްޖަކަށެވެ.

މިލިޔުން ކިޔާލުމުން
12
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ