ބެންޒެމާގެ ދެލަނޑުން ރެއަލްމެޑްރިޑް ދެވަނައަށް

ސްޕެނިޝް ލަލީގާގައި ރޭ ސެލްޓަވީގޯއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ރެއަލްމެޑްރިޑު ތާވަލްގެ ދެވަނައަށް އަރައިފިއެވެ.

ސެލްޓަވީގޯ ދަނޑުގައި ކުޅުނު މިމެޗު ރެއަލްމެޑްރިޑުން ކާމިޔާބުކޮށްފައިވަނީ 1-3 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ދެ ލަނޑު ރެއަލްމެޑްރިޑުގެ ކަރިމް ބެންޒެމާ ކާމިޔާބުކޮށްދީފައިވާއިރު، މެޗުގެ 20 ވަނަ މިނަޓާއި 30 ވަނަ މިނަޓްގައި ފެނިގެންދިޔަ މި ދެލަނޑަކީ ކްރޫސްގެ އެސިސްޓަކުން ކާމިޔާބުކުރި ދެ ލަނޑެވެ.

މި ދެލަނޑާއެކު މިސީޒަންގެ ލަލީގާގައ ބެންޒެމާ ޖެހި ލަނޑުގެ އަދަދުވަނީ 17 އަށް އަރާފައެވެ.

މި ދެލަނޑާއެކު ރެއަލްމެޑްރިޑުން ލީޑުގައި އޮއްވާ މެޗު ނިމެއް ފަސް މިނަޓަށް ވެފައިވަނިކޮށް ބޮލުން ކާމިޔާބުކޮށްދިން ލަނޑަކާއެކު ސެންޓީ މިނާވަނީ ސެލްޓަވީގޯއަށް ފަރަގު ކުޑަކޮށްދީފައެވެ. އަދި ދެވަނަ ހާފުގައި ނަތީޖާ ހަމަހަމަ ކުރުމަށް ސެލްޓަވީގޯއިން ހިތްވަރާއެކު މަސައްކަތްކޮށްފައިވާއިރު، ފޯވާޑު އަސްޕަސް ފޮނުވާލި ދެ ހަމަލާ ފާހަގަކޮށްލެވެއެވެ. ފުރަތަމަ ހަމަލާ ރެއަލްމެޑްރިޑުގެ ކީޕަރު ކޯޓުއާ ދިފާޢުކޮށްފައިވާއިރު، ދެވަނަ ހަމަލާ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއާއެވެ.

ރެއަލްމެޑްރިޑުން ތިން ވަނަ ލަނޑު ޖަހާފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވުމަށްފަހު ދިން އިތުރު ވަގުތުގައެވެ. މެޗުގެ 94 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ކާމިޔާބުކޮށްދިނީ މާކޯ އަސެންސިއޯއެވެ.

މިމޮޅާއެކު ވާދަވެރި ބާސެލޯނާ ފަހަތަށް ޖައްސާލާއި ރެއަލްމެޑްރިޑް ތާވަލްގެ ދެވަނައަށް އަރާފައިވަނީ 28 މެޗުން ލިބުނު 60 ޕޮއިންޓާއެކުގައެވެ. 63 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައި އެތުލެޓިކޯ އޮތްއިރު، ބާސެލޯނާ ތިން ވަނާގައި އޮތީ 27 މެޗުން ލިބުނު 59 ޕޮއިންޓާއެކުގައެވެ.

އެހެންކަމުން މިރޭ ރެއަލްސޮސިއެޑާޑާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، އަލުން ތާވަލްގެ ދެވަނައަށް އެރުމުގެ ފުރުޞަތު ވާދަވެރި ބާސެލޯނާއަށް އެބައޮތެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ