ރޮލެބާޓް ވަންޑޯސްކީ ކާމިޔާބުކުރި ހެޓްރިކާއެކު، އެކަކު މަދުކޮށް ސްޓަޓްގާޓާއި ދެކޮޅަށް ކުޅުނު ބަޔާން މިއުނިކް މޮޅު ވެއްޖެއެވެ.
ޖަރުމަން ބުންޑެސްލީގާގައި ރޭ ކުޅުނު މިމެޗު ބަޔާން އިން ކާމިޔާބުކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ބަޔާންއިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ލެވަންޑޯސްކީ ކާމިޔާބުކޮށްދީފައިވާއިރު، އަނެއް ލަނޑު ޖަހާފައިވަނީ ގްނާބްރީއެވެ. އަދި މިހުރިހާ ލަނޑެއްވެސް ފެނިގެން ގޮސްފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ.
ލެވންޑޯސްކީ ރޭ ހެދި ހެޓްރިކާއެކު މިސީޒަންގައި އޭނާ ބަޔާންއަށް ޖަހައިދިން ލަނޑުގެ އަދަދުވަނީ 42 އަކަށް އަރާފައެވެ. އަދި ބުންޑެސްލީގާގައި މިހާތަނަށް ކާމިޔާބުކޮށްދިން 35 ލަނޑާއެކު މިސީޒަންގެ އެންމި ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގައި ބޮޑު ފަރަގަކާއެކުވެސް އޮތީ ލެވަންޑޯސްކީއެވެ. މިލިސްޓުގެ ދެވަނާގައިއޮތް އާލިން ހާލަންޑަށް މިހާތަނަށް ކާމިޔާބުކުރެވިފައިވަނީ އެންމެ 21 ލަނޑެވެ.
Staying calm is the key for @lewy_official to avoid the pressures of the season ????️ pic.twitter.com/ZBGpyy5Vip
— Bundesliga English (@Bundesliga_EN) March 21, 2021
މެޗުގެ 12 ވަނަ މިނަޓްގައި ސްޓަތްގާޓުގެ މިޑްފީލްޑަރ އެންޑޯއަށް ކުރި ފައުލަކާއި ގުޅިގެން އަލްފަންސޯ ޑޭވިސްއަށް ދެއްކި ރަތްކާޑަކާއި ގުޅިގެން މެޗުގެ ބޮޑު ބައި ބަޔާންއިން ފުރިހަމަކޮށްފައިވަނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އަދި މިފައުލާއި ގުޅިގެން ރެފްރީ ފުރަތަމަ ރީނދޫކާޑެއް ދެއްކިނަމަވެސް، ވީއާއެރު ބެލުމަށްފަހު ޑޭވިސްއަށް ރަތްކާޑު ދައްކާފައިވަނީ އެންޑޯގެ ކަށިމައްޗަށް އޭނާކުރި ޓެކްލްގެ ނުރައްކާތެރިކަމުންނެވެ.
ބުންޑެސްލީގާގެ ތާވަލްގެ އެއްވަނާގައި ހަތަރު ޕޮއިންޓުގެ ލީޑަކާއެކު ބަޔާން އޮތްއިރު، 57 ޕޮއިންޓާއެކު ދެވަނާގައި އޮތީ ލެއިޕްޒިގެވެ. އަދި 51 ޕޮއިންޓާއެކު ތިންވަނާގައި ވޮލްވްސްބާގު އޮތްއިރު ހަތަރުވަނާގައި އޮތް ފްރެންކްފާޓަށް ލިބިފައިވަނީ 47 ޕޮއިންޓެވެ.




