ޕީޕީއެމްގެ ކެމްޕެއިންގައި އެމްޑީޕީގެ ލޯގޯ ބޭނުންކުރާތީ ފިޔަވަޅު އަޅަން އެދިއްޖެ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ލޯގޯ އާއި ކުލަ، ޕްރޮގްރެސިވް ޕާރޓީ އޮފް ދަ މޯލްޑިވްސް (ޕީ.ޕީ.އެމް) އިން ހިންގާ ކެމްޕޭނުގައި ބޭނުންކުރަމުން ގެންދާކަމަށްބުނެ އެޕާޓީއާއި މެދު ފިޔަވަޅު އަޅައިދިނުމަށް އެމްޑީޕީން އެދިއްޖެއެވެ.

ޕީޕީއެމްގެ މިޢަމަލު ކުށްވެރިކޮށް އެމްޑީޕީން ނެރެފައިވާ ބަޔާނެއްގައި ބުނީ، ޕީ.ޕީ.އެމް. ގެ ކެމްޕޭން ޙަރަކާތްތަކުގައި، އެމް.ޑީ.ޕީ. ގެ ލޯގޯއާއި ކުލަ ޕީ.ޕީ.އެމް ގެ ލޯގޯއާ އެއްކޮށްގެން ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށާއި، އެގޮތަށް ވޯޓު ހޯދުމަށް މަސައްކަތްކުރާކުރުމަކީ އެ ޕާރޓީން ހިންގާ ޣައިރުޤާނޫނީ އަދި ދަށުދަރަޖައިގެ ޢަމަލެއްކަމަށް ދެކޭކަމަށެވެ.

އަދި އެންމެ ފަހުން ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެކޭ އެއްފަދައިން، ކުރިއަށް މި އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވެސް އެމް.ޑީ.ޕީ އިން ވާދަކުރަނީ ކޯލިޝަނަކާ ނުލައި، މި ޕާރޓީގެ ނަމުގައި އެކަނިކަމަށްވާއިރު، ޕީ.ޕީ.އެމް. އާއި ޕީ.އެން.ސީ އަކީ ކައުންސިލް އިންތިޚާބުގައި އެމް.ޑީ.ޕީގެ ވާދަވެރި ފަރާތްތައްކަމަށްވާއިރު، އެމް.ޑީ.ޕީ. ގެ ލޯގޯއާއި ކުލަ ޕީ.ޕީ.އެމް ގެ ލޯގޯއާ އެއްކޮށްގެން ޕީ.ޕީ.އެމް އިން ކެމްޕޭންކުރަމުންދާ ދިއުން ވަގުތުން ހުއްޓައިލުމަށް އެ ފަރާތްތަކަށް އެމްޑީޕީންވަނީ ގޮވާލާފައެވެ.

އަދި ޤާނޫނާ ޚިލާފަށް އެމް.ޑީ.ޕީގެ ލޯގޯއާއި ކުލަ ޕީ.ޕީ.އެމް. އިން ބޭނުންކުރާ މައްސަލަ ބައްލަވައިދެއްވައި، ފިޔަވަޅުއަޅުއްވައިދެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް އެމްޑީޕީންވަނީ ގޮވާލާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ