ލެސްޓާ އަތްދަށުވެ، އެފްއޭކަޕުން ޔުނައިޓެޑު ކަޓައިފި

ލެސްޓާ ސިޓީ އަތްދަށުވެ އެފްއޭކަޕުން މެންޗެސްޓަރ ޔުނައިޓެޑު ކަޓައިފިއެވެ.

އެފްއޭ ކަޕު ކުއާޓާރ ފައިނަލްގެ ރޭ ކުޅުނު މެޗުން މެންޗެސްޓާރ ޔުނައިޓެޑު ބަލިވެފައިވަނީ 3-1 ނަތީޖާއަކުންނެވެ. ކިންގު ޕަވާރ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީވެސް ލެސްޓާއިންނެވެ. 24 މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ ޔުނައިޓުގެ މެދުތެރެއަށް ކުޅެމުން އަންނަ ފްރެޑް ހެދި ގޯހެއްގެ ފައިދާ ނަގައި ކެލެޗީ ކާމިޔާބުކޮށްދިން ލަނޑެކެވެ. ފްރެޑް ކީޕަރު ޑެހެއާއަށް ދިން ޕާސް ފަސޭޙަކަމާއެކު ހޯދާ ގޯލްގެތެރެއަށް ކެލެޗީ ބޯޅަ ފޮނުވާލާފައިވަނީ ކީޕަރު ޑެހެއާވެސް ކަޓުވާލުމަށް ފަހުގައެވެ.

ނަމަވެސް އޭގެ ސާދަ މިނަޓްފަހުން ޔުނައިޓުންވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު ޖަހައިދިނީ ޒުވާން މޭސަން ގްރީން ވުޑެވެ. އަދި މިނަތީޖާއާއެކު ދެ ޓީމު ހަމަހަމަވެގެން އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނު ނަމަވެސް، ވަރުގަދަޔަށް ކުޅެމުން އައި ލެސްޓާއިންވަނީ ދެވަނަ ހާފުގައި ހަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައެވެ.

އެގޮތުން ދެވަނަ ހާފުގައި އިތުރު ދެ ލަނޑު ޖަހައި ލެސްޓާއިން މެޗުން މޮޅުވެފައިވާއިރު، މިލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ކެލެޗީއާއި ޓީލަމަންސްއެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ލެސްޓާގެ ކޯޗު ރޯޖާރސް ބުނީ، ޓީމެއްގެ ގޮތުގައި ކުޅުންތެރިން ދެއްކީ މޮޅު ކުޅުމެއްކަމަށާއި، އަދި މިއީ ޙައްޤު މޮޅެއްކަމަށެވެ.

ރޭގެ މެޗުން މޮޅުވެ މުބާރާތުގެ ސެމީއަށް ލެސްޓާ ދަތުރުކޮށްފައިވާއިރު، ސެމީގައި ބައްދަލުކުރަން ޖެހޭނީ ސައުތެމްޓަންއާއެވެ. ލެސްޓާ އެންމެ ފަހުން އެފްއޭ ކަޕްގެ ސެމީގައި ކުޅުނީ 1982 ވަނަ އަހަރުއެވެ. އަދި ސެމީގެ އަނެއް މެޗުގައި ބައްދަލުކުރާނީ ޗެލްސީ އާއި މެންޗެސްޓާރ ސިޓީއެވެ. ސެމީ ފައިނަލްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ މެދު ތެރޭގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ