މިޔަރު މަސްވެރިކަން ކުރަމުން ދިޔަ ދޯންޏެއް ފުލުހުން އަތުލައިގެންފިއެވެ.
މި ދޯނި އަތުލައިގެންފައި ވަނީ އދ. މަންދޫ ކައިރީގައި މިޔަރު މަސްވެރިކަން ކުރަން އުޅެނިކޮށެވެ.
ފުލުހުން ވިދާޅުވީ މިކަމުގެ ރިޕޯޓް އެފަރާތަށް ލިބިފައި ވަނީ މިއަދު މެންދުރު ކުރި 11:30 ހާއިރުކަމަށާއި، އެގޮތުން އދ. މަންދޫ ކައިރީގައި ބަޔަކު މިޔަރު މަސްވެރިކަން ކުރަމުންދާކަމަށް ލިބުނު މި މަޢުލޫމާތާއި ގުޅިގެން އެ އަތޮޅުގައި މަސައްކަތް ކުރާ ފުލުހުން ވަނީ އެ ދޯނި ލޮކޭޓްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ފުލުހުން ވިދާޅުވީ މި ދޯނި ހުއްޓުވާފައި ވަނީ މާވަރު ފަޅުކައިރީ 4 މީހުންނާއެކު މިޔަރު މަސްވެރިކަން ކުރަމުނދަކޮށްކަމަށެވެ.
ފުލުހުން މި ދޯނި ބަލާ ފާސްކުރި އިރުދޯނި ތެރެއިން މިޔަރާއި، މިޔަރު އުރަހައާއި އަދި ލޮނުއަޅާފައިހުރި މިޔަރު މަސް ވަނީ ފެނިފައެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންކަމަށެވެ.
މިޔަރު މަސްވެރިކަން ކުރާ ބަޔަކު އަތުލައިގެންފައިވާއިރު، މިޔަރުގެ އުނދަގޫ މަސްވެރިންނަށާއި، އެނޫންވެސް ފަރާތްތަކަށް ކުރިމަތިވަމުންދާކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ. ޚާއްސަކޮށް މަސްވެރިންނަށް މިޔަރުގެ އުނދަގޫ ދަނީ ވަރަށް ބޮޑަސް ފޯރަމުންނެވެ.
އެެހެން ނަމަވެސް މިޔަރު މަސްވެރިކަން ކުރުމަކީ ރާއްޖޭގައި މަނާކަމެކެވެ.




