ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން މިޔަރު ބާނާ ފަރާތްތަކަށް ފިޔަވަޅު އަޅާނީ

ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކުގައި ގަވާއިދާއި ހިލާފަށް މަސްވެރިކަންކުރާ ފަރާތްތަކާއި ދޭތެރޭ، ތިމާވެށީގެ ޤާނޫނުގެ ދަށުން، ފިޔަވަޅު އަޅާނެކަމުގައި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އީޕީއޭ އިން މިއަދު ނެރުނު ބަޔަނެއްގައި ވިދާލުވެފައި ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނުގެ ދަށުން ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކުން ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން ހިފުމާއި، ބޭނުމާއި، ނެގުމާއި، މެރުން މަނާ ބާވަތްތައް ހިފާ ކަމުގެ ޝަކުވާ އެ އޭޖެންސީއަށް ލިބެމުންދާކަމަށެވެ.

އީޕީއޭ އިން ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކުން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދުގެ ދަށުން މަނާކުރެވިފައިވާ ބާވަތްތައް ހިފަމުންދާތީ އެކަމާ ކަންބޮޑުވާކަމަށެވެ.

އެގޮތުން އަރިއަތޮޅުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދުގެ ދަށުން ބޭނުން މަނާކުރެވިފައިވާ ކަނޑުގެ ދިރުންތައް ބޭނުމަށާއި ހިފުމަށް ބޭނުންކުރާ އާލާތްތަކާއި ބާނާފައިހުރި މަހުގެ ބާވަތްތައް ފެނިފައިވާކަމުގައި އެ އެޖެންސީ އިން ވިދާޅުވިއެވެ.

އީޕީއޭ އިން ވިދާޅުވީ ގަވާއިދާއި ހިލާފަށް މިޔަރުގެ މަސްވެރިކަންކުރާ ފަރާތްތަކުން ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކަށްވަދެ، މިޔަރު ބާނަމުންދާކަމުގެ ޝަކުވާއާއި ރިޕޯޓްތައް އެ އެޖެންސީއަށް ލިބެމުންދާކަމަށާއި، އެގޮތުން ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކުގައި ގަވާއިދާއި ހިލާފަށް
މަސްވެރިކަންކުރާ ފަރާތްތަކާއި ދޭތެރޭ، ތިމާވެށީގެ ޤާނޫނުގެ ދަށުން، ފިޔަވަޅު އަޅާނެ ކަމަށެވެ.

ތިމާވެށީގެ ޤާނޫނުގެ ދަށުން ޙިމާޔަތްކުރެވޭ ސަރަޙައްދުތަކަކީ އެސަރަޙައްދުގެ ދިރުންތަކާއި މާޙައުލުތައް ރައްކާތެރިކުރުމާއި އެކު އެސަރަޙައްދުގެ ޤުދުރަތީ މުއްސަނދިކަން ދެމެހެއްޓެނިވިގޮތެއްގައި ބެލެހެއްޓުމާއި އެކު ރައްކާތެރިކުރުމަށް ޙިމާޔަތްކުރެވޭ ސަރަޙައްދުތަކެކެވެ.

މިފަދަ ސަރަޙައްދުތައް ޙިމާޔަތްކޮށް ބެލެހެއްޓުމަކީ، ރާއްޖޭގެ ތިމާވެއްޓަށާއި އިޤްތިސާދަށް އެކަމުގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ލިބިދޭ ކަމެއްކަމަށާއި، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނުގެ ދަށުން ޙިމާޔަތްކުރެވޭ ސަރަޙައްދުތަކަކީ
އެސަރަހައްދުތަކުގައި ކުރެވޭނެ ކަންކަމާއި އަދި ނުކުރެވޭނެ ކަންކަން ކަނޑައަޅާ ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކެކަމުގައި އީޕީއޭ އިން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ