ޖަންނަތު (06)

(ފަސްވަނަ އަދަދާއި ގުޅޭ)

ބަރާބަރު އަށެއް ޖެހުމާއެކު ޖަންނަތުގެ ފޯނަށް އަރުޝަމް ގުޅަންފެށިއެވެ. ފޯނަށް ޖަވާބުދޭން ނުކެރިގެން ކަނޑާލުމަށްފަހު މިދަނީކަމަށް ބުނެ ޖަންނަތު މެސެޖެއް ފޮނުވާލިއެވެ. އަދި އަވަސް އަވަހަށް ދެ އެކުވެރިންނާއެކު ގޭ ދޮރުމައްޗަށް ނުކުތެވެ. އޭރު އޭނާގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައެވެ. ކުރެވެން މިއުޅެނީ ކިހާވަރެއްގެ ކަމެއްކަން އޭރު ޖަންނަތަށް އަންދާޒާވެސް ކޮށްނުލެވެއެވެ.

ޖަންނަތުމެން ގޭ ދޮރުމައްޗަށް ނުކުތްއިރު މަގުގެ އަނެއް ފަރާތުގައި އޮފް އަރައަރާ އޮތް ކަޅުކުލައިގެ ޕްރައިވެޓް ކާރެއް އޮތެވެ. ކާރުގައި ލެނގިލައިގެން އަރުޝަމްއާއި އޭނާއާއެކު ކުރީ ދުވަހު ރެސްޓޯރެންޓްގައި ތިބި ދެ ފިރިހެން ކުދިން ތިއްބެވެ. އަރުޝަމް ހުރީ ހުދުކުލައިގެ އަތް ދިގު ކެޝުއަލް ގަމީހެއްގައެވެ. ގަމީހުގެ އަތް ހުރީ އުޅަނބޮއްޓަށްވުރެ ތަންކޮޅެއް ތިރިއަށް ހުންނަވަރަށް އޮޅާލާފައެވެ. ވައަތްފަރާތު އަތުކުރީގައި ރިހިކުލައިގެ ރީތި ގަޑިއެއް އޮތެވެ. ތިރިން ހުރީ ގަދަ ނޫކުލައިގެ ޖިންސެއް ލާފައި މުށި ކުލައިގެ ކެޝުއަލް ބޫޓަކަށް އަރާފައެވެ. ތުނބުޅި މަތިމަސްވެސް ރީތި ވަރަކަށް ހުރިއިރު މޫނުމަތިން ތާޒާކަން ފެންނަން ހުއްޓެވެ. އޭނާގެ ބުޅިބުޅި އިސްތަށިގަނޑު ޖެލް ލައިގެން ރީތިކޮށްލާފައި އޮތް އިރު ފިރިހެންވަންތަކަން އިތުރުވެފައިވާހެން ޖަންނަތަށް ހީވިއެވެ.

ޖަންނަތުމެން ނުކުތް ތަން ފެނިފައި ހަށިގަނޑު ސީދާކޮށްލުމަށްފަހު އަރުޝަމްގެ ނަޒަރު ޖަންނަތުގެ ބޮލުން ފެށިގެން ފަޔާ ހަމައަށް ދަތުރުކޮށްލިތަން ޖަންނަތަށް ވަރަށް ރަނގަޅަށް ފެނުނެވެ. އެވަގުތު ގަތް ލަދުން އަނބުރާލާފައި ދޮރުން އެތެރެއަށް ދެމިގަންނަން އޭނާ ބޭނުންވިއެވެ. ނަމަވެސް އޭރު އެއް ފަރާތުން ޒަހާ ހުރީ ޖަންނަތުގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓާލައިގެންނެވެ. ގިނައިރު އެހެން ދޮރުމަތީގައި ތިބެންވެއްޖެނަމަ ސީމާއަށް ފެނިދާނެތީ ޖަންނަތުމެން އަވަހަށް ކާރާ ދިމާއަށް ހިނގައިގަތެވެ. އެވަގުތު އަރުޝަމްގެ ކަނާތް ފަރާތުގައި ހުރި ކުއްޖާ އެއްޗެއް ބުނެލިތަން ޖަންނަތަށް ފެނުނެވެ. އެވަގުތު ވަރަށް ނުރުހުންވެލާފައި އަރުޝަމް އެކުއްޖާއާ ދިމާއަށް ބަލާލިއެވެ. އަރުޝަމް ބަލާލި ގޮތުން އެކުއްޖާ އަވަހަށް ތެޅިގަނެފައި ކާރުގެ ކުރީ ސީޓަށް އަރާ އިށީނެވެ. ޖަންނަތުމެން ކާރާ އަރާ ހަމަވުމުން އަރުޝަމް އެމީހުން އެރުމަށްޓަކައި ކާރުގެ ފަހަތު ސީޓުގެ ދޮރުފަތް ހުޅުވާލަދިނެވެ. އޭރު އަރުޝަމް ކައިރީގައި ދެން ހުރި ކުއްޖާ ހިނގާލާފައި ގޮސް އެތާ ޕާކު ކޮށްފައި ހުރި ސައިކަލަކަށް އަރަނީއެވެ.

ކާރުގައި ތިބި އިރު އެއްވެސް މީހަކު ވާހަކައެއް ނުދައްކައެވެ. އެހެންކަމުން ކާރު ތެރޭގައި މަޑުމަޑުން ޖަހާފައި ހުރި ލޯބީގެ އިނގިރޭސި ލަވައިގެ އަޑު ނޫން އިތުރު އަޑެއް ނީވެއެވެ. ޖަންނަތުމެން ސިއްރުން ތިބެގެން ވައިބަރ ގްރޫޕްގައި އަރުޝަމްގެ ރީތި ވާހަކަ ދައްކަމުން ދިޔައެވެ. ބްރިޖް ހުރަސްކޮށްފައި އަރުޝަމް ގޮސް ކާރު މަޑުކޮށްލީ ހުޅުމާލޭ ބީޗް ސަރަހައްދަށެވެ. ކާރުން ފޭބުމަށްފަހު ތިން އަންހެން ކުދިން މަގުގެ އެއްފަރާތުގައި މަޑުކޮށްލައިގެން ތިއްބާ އެތަނަށް ފުރަތަމަ އައީ ސައިކަލްގައި އައި އަރުޝަމްގެ ރަޙުމަތްތެރިޔާއެވެ. އޭނާ ހިނިތުންވެލުމަށްފަހު އަމިއްލަ ތަޢާރަފެއް ދިނެވެ. އޭނާގެ ނަމަކީ ޖައިޝަމްއެވެ. ޖައިޝަމް އެކުދިން ދާންވީ މަގު ދެއްކިއެވެ. އޭރު ގޮނޑުދޮށަށް ރާޅު ބީއްސާލާ އަޑު ވަރަށް ރީއްޗަށް އިވިއިވި ހުއްޓެވެ.

ގޮނޑުދޮށް ފަރާތަށް ނުކުތް އިރު އެތަނުގައި ދެ މޭޒު މާދުރު ނުވާނެހެން ބަހައްޓާފައި ހުއްޓެވެ. އެހިސާބު އޮތީ ވަރަށް ރީތިކޮށް ޒީނަތްތެރިކޮށްލާފައެވެ. ކައިރީގައި ހުރި ގަސްތަކުގައި ކުދިކުދި ބޮކި ދިއްލާފައި ހުރި އިރު މޭޒު މަތީގައި ހުދު ފޮތި އަޅާ، އުއްބައްތި ދިއްލާފައި ހުއްޓެވެ. އެއް މޭޒު ކައިރީގައި ހަތަރު ގޮނޑި ބަހައްޓާފައި ހުރިއިރު އަނެއް މޭޒު ކައިރީގައި ހުރީ ދެ ގޮނޑިއެވެ. ހަދަންވީ ގޮތެއް ނޭނގިފައި ތިއްބާ އަރުޝަމްއާއި ކާރުގައި އެމީހުންނާ އެކު އައި ފިރިހެން ކުއްޖާ އެތަނަށް އަޔެވެ. އެވަގުތު ޖަންނަތު އަވަސް އަވަހަށް އިސްދަށަށް ޖަހާލިއެވެ.

"ޖަންނަތު އަންނަންވީނު އަހަންނާއެކު އެކޮޅު މޭޒަށް؟" ދެ ގޮނޑި ހުރި މޭޒާ ދިމާއަށް އަތުން އިޝާރާތްކޮށްލަމުން އަރުޝަމް ބުންޏެވެ. އެވަގުތު ޖަންނަތަށް އިޙުސާސްކުރެވުނީ މީހަކު އޭނާ ކިޑްނޭޕްކޮށްގެން ގެންދަން އުޅެނީ ކަމުގައެވެ. އެހެންކަމުން ތެޅިގަނެފައި އޭނާގެ ރަޙްމަތްތެރިންނާ ދިމާއަށް ބަލަންފެށިއެވެ.

"އަހަރެން ކަމެއް ނުކުރާނަމޭ. އެމީހުން ތިބޭނީ އެމޭޒުގަ އަހަރެމެން ފެންނަ ހިސާބުގަ. އޭރުން ކަމެއް ކުރިޔަސް ފެންނާނެއެއްނު." ފަހު ޖުމްލަ ބުނެލަމުން އަރުޝަމް އަނެއް މޭޒަށް އަތުން އިޝާރާތްކޮށްލިއެވެ. އޭރު އޭނާގެ ތުންފަތުގައި ސަމާސާ ހިނިތުންވުމެއްވިއެވެ.

ބިރުން ހުރެފައިވެސް ޒަހާމެން ކިޔަން ފެށުމުން އެންމެ ފަހުން އެންމެން ކުރިމަތީގައި ދެކޮޅުހަދަން ނުކެރިގެން ޖަންނަތު އަރުޝަމްއާއެކު ހިނގައިގަތެވެ. އޭރު އޭނާގެ އަތްފައި ހީވަނީ ފިނިކަމުން ގަނޑު ފެންކޮޅެއްހެންނެވެ. ޖަންނަތު ގޮނޑީގައި އިށީނދެ ހަމަޖެހިލިއިރަށް އެތަނަށް ވެއިޓަރަކު އައިސް ހުއްޓުނެވެ. އޭނާ އަރުޝަމް ކައިރިން ކާން ބޭނުންވާ އެއްޗެއް އެހުމުން އަރުޝަމް އޯޑަރު ދިނެވެ. އަރުޝަމްގެ އޯޑަރު ނެގުމަށްފަހު ވެއިޓަރު ޖަންނަތު ކައިރިންވެސް ބޭނުންވަނީ ކޯއްޗެއްތޯ އަހާލިއެވެ. ކުރިމަތީގައި އޮތް މެނޫ ޖަންނަތުގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ.

"ކޯއްޗެއް ތި ބަލަނީ؟" ކުއްލިއަކަށް އަރުޝަމްގެ ނުރުހުންވެފައިވާ އަޑު އިވުމުން ޖަންނަތު ސިއްސައިގެން ދިޔައެވެ. އެވަގުތު ޖަންނަތު ބަލާލިއިރު އަރުޝަމްގެ މޫނުމަތިން ފެންނަން ހުރީ ހިތްހަމަނުޖެހުމެވެ. އޭރު އަރުޝަމްގެ ނަޒަރު ހުރީ ވެއިޓަރަށް ހުއްޓިފައެވެ.

"ސޮރީ ސަރ." އެވަގުތު ވެއިޓަރު ތެޅިގަނެފައި އިސްދަށަށް ޖަހާލިއެވެ. ވީގޮތެއް ނޭނގޭތީވެ މައްސަލަ އިތުރަށް ހޫނު ނުވަނީސް ވެއިޓަރު އެތަނުން ފޮނުވާލުމަށްޓަކައި ޖަންނަތު އަވަހަށް އޯޑަރު ދިނެވެ.

"ސޮރީ. ޖަންނަތާ ދިމާއަށް އެހެން އެއްވެސް ފިރިހެނަކު ބަލާކަށް އަހަރެން ބޭނުމެއް ނޫން." މޫނުމަތީގައި ހުރި ހިތްހަމަ ނުޖެހުމުގެ ކުލަވަރު ފިލުވާލުމަށްފަހު ޖަންނަތާ ދިމާއަށް ބަލާލަމުން އަރުޝަމް ބުންޏެވެ. ކަންވީގޮތް ޖަންނަތަށް ވިސްނުނީ ދެނެވެ. ޖަންނަތު މެނޫއަށް ބަލަން އިން ގަޑީގައި ވެއިޓަރު ޖަންނަތުގެ މޫނަށް ބަލަން ހުރުމުން އަރުޝަމް އެކަމާ ހިތްހަމަ ނުޖެހުނީއެވެ.

"އެއީ ކީއްވެ؟" ބިރުން އިން ނަމަވެސް އަރުޝަމް ކަންތައް ކުރިގޮތުން ޖަންނަތަށް ކޮންމެވެސް ވަރަކަށް އުނދަގޫވެފައި އިނުމުން ހިތްވަރުކޮށްލާފައި ސުވާލުކޮށްލިއެވެ.

"ބިކޯޒް އައި ލަވް ޔޫ!" އެވަގުތު އެއްވެސް ޖެހިލުމެއް ނެތި އަރުޝަމް ބުންޏެވެ. އެވަގުތު ހަދާނެގޮތެއް ނޭނގިގެން ޖަންނަތަށް އިސްދަށަށް ޖަހާލެވުނެވެ. އަދި ތުންފަތް ހަފަން ފެށުނެވެ. އެއީ ކަންކަމާ ހާސްވުމުން އޭނާއަށް އާންމުކޮށް ކުރެވޭ ކަމެކެވެ.

"ޖަންނަތު ފުރަތަމަ ފެނުނު ވަގުތުން ފެށިގެން މިހިތުގަ ތި ސޫރަ ކުރެހިއްޖެ. އެއްގޮތަކަށްވެސް ހިތުން ތި ރީތި ކުއްޖާ ފޮހެއެއް ނުލެވުނު. ޖަންނަތު މިވަގުތު ޖަވާބެއް ނުދިނަސް އެންމެ ރަނގަޅު. ވިސްނާލާފަ ފަހުން ޖަވާބެއް ދީ. އެކަމަކު ޕްލީޒް އަހަރެންގެ މި ހިތަށް އަނިޔާއެއް ލިބޭފަދަ ޖަވާބެއް ނުދޭތި! އެހެންނޫނީ އަހަރެން މޮޔަވެދާނެ." ފަހުން އަރުޝަމްގެ ދުލުން ނުކުތް ޖުމްލަތައް ބުނިއިރު އެ އަޑުގައި އެކުލެވިފައި ހުރި ޖަޒުބާތަކުން ޖަންނަތުގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެ އަޑުގައިވާ ބޭގަރާރުކަން ޖަންނަތުގެ ހިތާ ހަމައަށް ފޯރިއެވެ.

"އަހަރެން ބޭނުމީ އެމީހުން ކައިރިއަށް ދާން." އިރުކޮޅަކު އިސްދަށަށް ޖަހައިގެން އިނުމަށްފަހު ޖަންނަތު ވަރަށް ހިތްވަރުކޮށްލާފައި ބުންޏެވެ. އެވަގުތު އަރުޝަމް އިނީ ޖަންނަތާ ދިމާއަށް ބަލަހައްޓައިގެންނެވެ. އަނގައިން ޖަވާބެއް ނުދިން ނަމަވެސް އަރުޝަމް ބޯ ޖަހާލިއެވެ. އެހެންކަމުން ޖަންނަތު އަވަސް އަވަހަށް ތެދުވެގެން ހިނގައިގަތެވެ. ތަންކޮޅަކަށް ހިނގުމަށްފަހު އަރުޝަމް ފަހަތުން ނާންނަހެން ހީވެގެން ޖަންނަތު އެނބުރިފައި ބަލާލިއިރު އަރުޝަމް އިނީ އިންތަނުގައެވެ. އޭރު އަރުޝަމްގެ ނަޒަރު ހުއްޓިފައި ހުރީ ގޮނޑުދޮށަށް ބީއްސާލާ ރާޅުތަކާ ދިމާއަށެވެ.

ކާއެއްޗެހި ގެނައުމުން އަރުޝަމްވެސް އެހެން މީހުންނާ ބައިވެރިވުމަށްޓަކައި އެމޭޒަށް އަޔެވެ. ކާން ތިބިއިރު އަރުޝަމްގެ ދެ ރަޙްމަތްތެރިންކަމުގައިވާ ޖައިޝަމްއާއި ޔޫޝައު، ޒަހާއާ ބައިވެގެން މަޖާ ވާހަކަ ދައްކަދައްކާފައި ވަރަށް ސަކަރާތްޖެހިއެވެ. ޖީނާވެސް ދޭތެރެއަކުން އެމީހުންގެ ވާހަކައިގައި ބައިވެރިވެގެން މަޖާކޮށް ހެދިއެވެ. ނަމަވެސް ޖަންނަތާ އަރުޝަމް ތިބީ ނެގިމަޑުވެފައެވެ. ދޭތެރެއަކުން ހިނިތުންވެލި ނަމަވެސް އެދެމީހުން އެއްވެސް ވާހަކައެއް ނުދައްކައެވެ. އެރޭގެ ބައްދަލުވުން ނިމިގެންދިޔައީ އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށްފަހުގައެވެ.

ގެއަށް ގޮސް ޖަންނަތު ނިދަން އޮށޯވެ އޮއްވާ ފޯނަށް އަރުޝަމްގެ މެސެޖެއް އަޔެވެ. އެ މެސެޖްގައި އޭނާ ޖަންނަތުދެކެ ވަރަށް ލޯބިވާ ވާހަކައާއި، ޖަންނަތަށް އެއްވެސް ދެރައެއް ނުދޭނެކަމަށް ތަކުރާރުކޮށް ހާމަކޮށްފައި އޮތެވެ. އަދި ޖަންނަތުގެ ހުވަފެންތައް ސީދާކުރުމުގައި ފުރިހަމަ އެއްބާރުލުން ދޭނެކަމުގައާއި، ޖަންނަތުގެ ޙަޔާތުން އެންމެ ފުރުސަތެއް ދިނުމަށް އެދި އާދޭސްކޮށްފައި އޮތެވެ.

އެވަގުތު ޖަންނަތުގެ ހިތުގައި އެތައް ޝުޢޫރުތަކެއް އެއްފަހަރާ އުތުރިއަރައިގަތެވެ. އެހާ ރީތި ފިރިހެންކުއްޖަކު އޭނާގެ ލޯތްބަށް އެދި ސަލާންޖަހާތީ ފަޚުރުވެރިވެވުނެވެ. އޭނާދެކެ އެހާވަރަށް ލޯބިވާ މީހަކު ދެރައެއް ނުދޭނެއޭ ހިތް ބުނަމުންދިޔައެވެ. ނަމަވެސް ކުއްލިއަކަށް މަންމައާއި ދައްތަގެ ސޫރަ ލޯ ކުރިމަތިން ސިފަވެގެންދިޔައެވެ. އަދި އޭނާގެ މަތިވެރި މަޤުސަދު މަތިން ހަނދާންވިއެވެ. މީހުންނާ ލޯބީގެ ގޮތުން ގުޅިގެން އުޅުމަކީ އެކަމަށްވެސް ވަގުތުތަކެއް ދޭންޖެހޭނެ ކަމެކެވެ. އަދި މައްސަލައެއް ޖެހިއްޖެނަމަ ކިޔެވުމަށް ދޭންވާ ވަރަށް ސަމާލުކަން ނުދެވިދާނެއެވެ. އެކަމުގެ ސަބަބުން ގެއްލުން ލިބޭނީ ހުސްއެކަނި އޭނާއަށް އެކަންޏެއް ނޫނެވެ. މަންމައާ ދައްތަ ވީ ޤުރުބާނީވެސް ފެނަށް ވެގެން ދާނެއެވެ. ނަމަވެސް އޭނާވެސް މީހެއްގެ ލޯބި ބޭނުމެވެ. އޭނާ އަރުޝަމްއާ ވަރަށް ގަޔާވެއެވެ. އަރުޝަމް އޭނާގެ ޙައްޤަކަށް ހަދަން ބޭނުމެވެ. އެކަމަކު ދެން އޭނާ ހަދާނީ ކިހިނެއް ހެއްޔެވެ؟ އެއްފަރާތުގައި އޮތީ އޭނާއާއި މަންމަމެންގެ ހުވަފެންތަކެވެ. އަނެއްފަރާތުގައި ލޯތްބެވެ.

ވަރަށް ގިނައިރުވަންދެން އެކި ގޮތްގޮތަށް ވިސްނުމަށްފަހު ޖަންނަތު އެންމެ ފަހުން ނިންމުމެއް ނިންމިއެވެ. އަދި އަރުޝަމްއަށް ޖަވާބު ދިނުމަށްޓަކައި ފޯނު ނެގިއެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
21
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ