ޖުޑިޝަލް ސަރވިސް ކޮމިޝަނުން ސަސްޕެންޑްކޮސްފައިވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.
ސުޕްރީމް ކޯޓުން ދެންމެ ނެރުނު ވަގުތީ އަމުރެއްގައި ވިދާޅުވީ، އެގޮތަށް އަމުރު ނެރުނީ ފަނޑިޔާރު އަބްދުﷲ ދީދީ އެ ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވާތީ ކަމަށެވެ.
ޖޭއެސްސީއިން އިއްޔެ ބޭއްވި ބައްދަލުވުމުގައި އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ނިންމީ، އޭނާއަށް ޖިނާއީ ތުހުމަތެއް ކުރެވި، އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާތީ އެވެ. އެ މައްސަަލައަކީ މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށް އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނެންގެވި ކަމަށް ތުހުމަތު ކުރާ މައްސަލަ އެވެ. މައްސަލަ ތަހުގީގު ކުރުމަށް އެދިވަޑައިގެންފައިވަނީ ރައީސް ނަޝީދެވެ.
ޢަބްދުﷲ ދީދީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ ހުށަހަޅާފައިވަނީ، ފަނޑިޔާރު ސަސްޕެންޑްކުރަން ޖޭއެސްސީއަށް ރައީސް ނަޝީދު ހުށަހަޅާފައިވާ މައްސަލައަކީ ޤާނޫނު އަސާސީއާއި، ފަނޑިޔާރުންގެ ޤާނޫނާއި ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ އިތުރުން ޢާއްމު ޤާނޫނީ އުޞޫލުތައް އަދި ޤާނޫނު އަސާސީން ޤަރާރުކޮށްފައިވާ ދުސްތޫރީ މަބްދައުތަކާއި އުޞޫލުތަކުގެ ބޭރުން ޣައިރު ދުސްތޫރީ އިޖުރާއަތްތަކެއްގެ ދަށުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ބުނެއެވެ.
ފަނޑިޔާރު ޢަބްދުﷲ ދީދީ ސަސްޕެންޑުކުރަން ރައީސް ނަޝީދު ޖޭއެސްސީއަށް ހުށަހެޅި މައްސަލަ އެގޮތަށް ބަލައިގަނެ އެކޮމިޝަނުން ބަލައި އޭގެ މައްޗަށް ގޮތް ނިންމައި، ފިޔަވަޅު ނޭޅޭނެކަމަށް ކަނޑައަޅައި ދިނުމަށާއި، އޭނާ ސަސްޕެންޑްކުރަން ޖޭއެސްސީ އިން ނިންމާފައިވާ ނިންމުމަކީ ޤާނޫނު އަސާސީއާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށްވެސް އޭނާ ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގައި އެދިފައިވެއެވެ.
ސްޕްރީމް ކޯޓަށް ބަލައިގެނެފައިވާ މި ދުސްތޫރީ މައްސަލައިގައި ފަނޑިޔާރު ޢަބްދުﷲ ދީދީ އިތުރަށް އެދިލައްވާފައިވަނީ މި މައްސަލައާމެދު ސްޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ޖުޑީޝަލް ސަރވިސް ކޮމިޝަނުން އޭނާ ސަސްޕެންޑް ކުރުމަށް ނިންމި ނިންމުން ތަންފީޒު ކުރުމަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތާއި، ކަމާބެހޭ އެންމެހާ އިދާރާތަކުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދެއްވުމަށެވެ.
"... މި މައްސަލައިގައި ސްޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅައި ނިމެންދެން، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ 12 ޖޫން 2019 ވަނަ ދުވަހުން ފެށިގެން ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުން އެކަހެރިކޮށް ބެހެއްޓުމަށާއި، އަދި ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން 12 ޖޫން 2019 ގައި ނިންމި އެކޮމިޝަނުގެ ނަންބަރު jsc-b-cb/19/110 ނިންމުން ތަންފީޛުކުރުން ފަސްކުރުމަށާއި، އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހެޅިފައިވާ އެމައްސަލައާ ގުޅިގެން އެއްވެސް އިޖުރާއަތެއް އެއްވެސް ސިފައެއްގައި އެކޮމިޝަނުން ކުރިއަސް ނުގެންދިއުމަށާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ބަޔާންކުރެވުނު ނިންމުމާ ގުޅިގެން ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ އާމެދު އިތުތު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މައްޗަށާއި، ދައުލަތުގެ ކަމާބެހޭ އެންމެހާ ފަރާތްތަކުގެ މައްޗަށް އަންގައި އަމުރުކޮށްފިން." ސްޕްރީމް ކޯޓުގެ ވަގުތީ އަމުރުގައި ވިދާޅުވެފައިވެއެވެ.





ހިޔާލު
މިއޮތީ ބޮޑުބަލާ އެތް މިލިޔަން ޑޮލަރު
ބަޑު އެޅިޔަސް މިއިން ފަޑިޔާރަކައް ފިޔަވަޅެއް އެޅޭނެ ގޮތެއް ނެއް މިސްޕުރީމް ކޯޓުގެ ބަލާވެރިކަމާހެދި ސްޕުރީމްކޯޓު ދޮވެސާފު ކުރަން ރައްޔިތުންގެ މަޖިލިސް އަތް ގޮވާލަން