ސައިބަރ އެޓޭކެއްގެ ސަބަބުން އޮސްޓްރޭލިއާގެ ޓީވީ ޗެނަލެއް ހުއްޓުމަކަށް އަތުވެއްޖެއެވެ.
ސައިބަރ އެޓޭކެއްގެ ސަބަބުން ހުއްޓުމަކަށް އައިސްފައިވަނީ، އޮސްޓްރޭލިއާގެ ޗެނަލް ނައިން ޓީވީ ޗެނަލްއެވެ. މި ސައިބަރ އެޓޭކާއި ގުޅިގެން މިއަދުގެ ޕްރޮގުރާމުތައް އެ ޓީވީ ޗެނަލްއަށްވަނީ ގެނެސްނުދެވިއެވެ.
ޗެނަލް ނައިން އިން ބުނީ، މިހާރު މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި ތަހުގީގު ނިމުމުން މި ސައިބަރ އެޓޭކަކީ ބޭރުގައުމަކުން ދިން ހަމަލާއެއްކަން ނުވަތަ ނޫންކަން އިނގިގެން ދާނެކަމަށެވެ.
އޮސްޓްރޭލިއާގެ ޓީވީ ޗެނަލަކަށް ސައިބަރ އެޓޭކެއް އަމާޒުވެފައި މިވަނީ އެގައުމުގެ ޕާލަމެންޓައްވެސް މިފަދަ ކަމެއް ކުރިމަތިވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް މިއަދު އަޅައިފައި ވަނިކޮށެވެ. މިކަމުގެ ތަފްސީލް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.
އެސިސްޓެންޓް ޑިފެންސް މިނިސްޓަރ އެންޑްރޫ ހެއިސްޓީ ވިދާޅުވީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޕާލަމެންޓުގައި ބޭނުންކުރާ އިމެއިލްސް އާއި އަދި އެހެނިހެން އައިޓީ އިކުއިޕްމެންޓްސް ބޭނުން ކުރުން ވަގުތީގޮތުން މެދުކަނޑާލައިފައިވާކަމަށެވެ.
ޗެނަލް ނައިން އަށާއި ޕާލަމެންޓަށް ކުރިމަތިވި ސައިބަރ އެޓޭކަކީ އެއްފަރާތަކުން ދީފައިވާ އެޓޭކުތަކެއްކަން އަދިވަނީ ސާފުނުވެއެވެ. މީގެކުރިންވެސް އޮސްޓްރޭލިއާގެ ސަރުކާރުގެ ބަޔެއް މުއައްސަސާތަކާއި އަދި އަމިއްލަ ބަޔެއް ތަންތަންވަނީ ސައިބަރ އެޓޭކުތަކުގެ ޝިކާރައަކަށް ވެފައެވެ.
އޮސްޓްރޭލިއާ ސަރުކާރުގެ ބަޔެއް ފަރާތްތަކާއި ހަވާލާދީ އޭބީސީ ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިފަދަ ސައިބަރ އެޓޭކުތަކުގައިވާ ގައުމަކީ ޗައިނާކަމަށް ގަބޫލު ކުރެވެއެވެ. މިފަހަކަށް އައިސް ވިޔަފާރީގެ ކަންކަމުގައާއި އަދި ކޮވިޑް-19ގެ ކަންތައްގަނޑުގައި އޮސްޓްރޭލިއާ އާއި ޗައިނާގެ ގުޅުންވަނީ ވަރަށްބޮޑަށް ހީނަރުވެފައެވެ.