މީދަލުގެ އުނދަގުލާހުރެ އޮސްޓްރޭލިއާގެ ޖަލެއް ވަގުތީގޮތުން ބަންދުކުރަން ޖެހި، ޖަލުގެ ގިނަ އަދަދެއްގެ ގައިދީންނާއި މުވައްޒަފުން އެހެން ފެސިލިޓީތަކަށް ބަދަލު ކުރަން ޖެހިއްޖެއެވެ.
ބީބީސީ ނިއުސްގައި ރިޕޯޓުކޮށްފައި ވާގޮތުން، އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސް ސްޓޭޓުގައި ހުންނަ ވެލިންގްޓަން ކަރެކްޝަނަލް ސެންްޓަރުގައި ތިބިި 400 ގައިދީންނާއި 200 މުވައްޒަފުން ކުރިއަށް އޮތް ދެ ހަފްތާތެރޭ އެހެން ފެސިލިޓީތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރެވޭނެއެވެ.
މީދާތައް ގިނަވެ، އެސޮރުމެން ވަނީ ޖަލުގެ އިމާރާތުގެ ނިޒާމުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އެގޮތުން ޖަލު ތެރޭގެ ކަރަންޓު ވަޔަރިންނަށާއި ސީލިންގ ޕެނަލް އަށް ވަނީ ގެއްލުންތައް ދީފައެވެ.
ނޫސްތަކުގައި ރިޕޯޓުކޮށްފައި ވާގޮތުން، ނިއު ސައުތު ވޭލްސް އަށް ކުރިމަތިވެފައި މިވާ މީދަލުގެ އުނދަގުލަކީ މީގެ ދިހަ އަހަރު ތެރޭގައި ކުރިމަތިވި އެންމެ ބޮޑު މީދަލުގެ ވަބާއެވެ. އަދި މީދަލުގެ އުނދަގޫ ވަނީ ނިއު ސައުތު ވޭލްސް ސްޓޭޓްގެ ދަނޑުބިންތަކަށްވެސް ކުރިމަތިވެފައެވެ.
ސްޓޭޓް ޕްރިޒަން އޮތޯރިޓީން ހާމަކުރިގޮތުގައި، ޖަލު ސާފުކޮށް، އަލުން މަރާމާތްކޮށް، އަދި ކުރިއަށް އޮތްތާގައި މިފަދަ ވަބާއެއް ކުރިމަތިވުމުން ދުރުހެލިވުމަށް ކުރެވޭ މަސައްކަތަށް، ޖަލުގެ ކުރިއަށް ގެންދާ އަޕަރޭޝަންތައް ކުރިއަށް އޮތް 4 މަސްދުވަސްތެރޭގައި މަދުކުރެވިގެންދާނެއެވެ.
ޖަލުގައި ތިބި ގައިދީންނާއި މުވައްޒަފުން އެހެން ފެސިލިޓީތަކަށް ބަދަލުކޮށް ޖަލު ބަންދުކުރަން ނިންމީ، މީދާތައް އެތަނަށް ދީފައިވާ ގެއްލުމުން އަވަހަށް އަރައި ނުގަނެވޭނެތީކަމަށް ޖަލުގެ ކޮމިޝަނަރ ވަނީ ބުނެފައެވެ. މީގެ އިތުރުން މީދާތައް މަރުވެ ފަނިފަކުސަތައް އުފެދޭތީވެ، ޖަލުގައި ތިބި ގައިދީންނާއި މަސައްކަތް ކުރާ މުވައްޒަފުންނަށް ސިއްހަތަށް ގެއްލުން ލިބެން ބޭނުން ނުވާ ކަމަށްވެސް ކޮމިޝަނަރ ވަނީ ބުނެފައެވެ.