އަނިޔާގެ ސަބަބުން އިންގްލޭންޑާއި ދެކޮޅަށް ކުޅޭ މެޗު ރޮބާރޓް ލެވަންޑޯސްކީއަށް ގެއްލިއްޖެ އެވެ.
ޕޮލެންޑުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ހާމަކޮށްފައިވާ ގޮތުގައި ކަނާތު ފައިގެ ލިގަމެންޓަށް ލިބުނު މި އަނިޔާއާއި ގުޅިގެން ލެވަންޑޯސްކީ 10 ދުވަހަށް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެއެވެ.
"އަނިޔާގެ ސަބަބުން، 2022 ވޯލްޑްކަޕް ކޮލިފައިންގައި އިންގްލޭންޑާއި ދެކޮޅަށް ކުޅޭ މެޗުގައި ލެވަންޑޯސްކީ ނުކުޅޭނެ" ޕޮލެންޑުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ނެރެފައިވާ ބަޔާނެއްގައި ވެއެވެ.
ލެވަންޑޯސްކީއަށް އަނިޔާވެފައިވަނީ ވޯލްޑްކަޕް ކޮލިފައިންގައި އަންޑޯރާއާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. އާދިއްތަ ދުވަހު ކުޅުނު އެމެޗު 3-0 ގެ ނަތީޖާއަކުން ޕޮލެންޑް ކާމިޔާބުކޮށްފއަިވާއިރު، ލެވަންޑޯސްކީވަނީ އެމެޗުގައި ދެ ލަނޑު ކާމިޔާބުކޮށްފައެވެ.
އުމުރުން 32 އަހަރުގެ ލެވަންޑޯސްކީ ޓީމުގައި ނުހިމަނައި އިންގްލޭންޑާއި ދެކޮޅަށް ޕްލެންޑު ނުކުންނާނީ ބުދަ ދުވަބުގެ ރޭ 11:45 ގައެވެ. މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅުވެ އިންގްލޭންޑް އޮތީ ގްރޫޕް އައި ގެ އެއްވަނާގައެވެ. މި ގްރޫޕްގެ ދެވަނާގައި ޕޮލެންޑު އޮތީ މިހާތަނަށް ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ އަނެއް މެދުން އެއްވަރު ވެގެންނެވެ. އެހެންކަމުން މިރޭ އިންގްލޭންޑުގެ މައްޗަށް ކުރި ހޯދައިގެން ގްރޫޕްގެ އެއްވަނަ ހޯދުމުގެ ފުުރުޞަތު ޕޮލެންޑަށް އެބަ އޮތެވެ.
ރިޕޯރޓްތައް ބުނާ ގޮތުން އިތުރު ފަރުވާއަށް ލެވަންޑޯސްކީ މިހާރުވަނީ ޖަރުމަނަށް ގޮސްފައެވެ. އަދި ޖަރުމަނީގެ ބަޔާން މިއުނިކުގައިވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ލެވަންޑޯސްކީ ޔޫއެފާ ޗެމްޕިއަންސްލީގު ކުއާޓާރ ފައިނަލަށް ފިޓްވުމަށް ގިނަ މަސައްކަތްތަކެއް މިވަނީ ކުރަން ޖެހިފައެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ނުކުންނާނީ ވަރުގަދަ ޕީއެސްޖީއާއި ދެކޮޅަށެވެ. މެޗުގެ ފުރަތަމަ ލެގު ޖަރުމަނުގެ އެލިއަންޒް އެރީނާގައި ކުޅުމަށް ހަމަޖެހިފައިވާއިރު، އެމެޗު ކުޅޭނީ އަންނަ އޭޕްރީލް މަހުގެ 7 ވަނަ ދުވަހުގެ ރެއެވެ.




