ސީޒަން ނިމުމުން އަގުއޭރޯ ސިޓީ ދޫކޮށްލަނީ

2020/21 ސީޒަން ނިމުމުން މެންޗެސްޓާރ ސިޓީ ދޫކޮށްލާނެކަން އެކްލަބަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އިޢުލާންކޮށްފިއެވެ.

ފާއިތުވި 10 އަހަރު ސިޓީގައި ހޭދަކޮށްފައިވާ އަގުއޭރޯ ބުނީ، ކްލަބްގެ ވެރިންނާއި މި ޓީމަށް ކުޅުނު ގިނަ ކުޅުންތެރިންގެ މަސައްކަތާ އެކު މި ކްލަބް މިހާރު ވަނީ ދުނިޔޭގެ އެންމެ މޮޅު ޓީމުތަކުގެ ތެރެއަށް ވަދެފައިކަމަށެވެ.

އަދި ވޭތުވެދިޔަ ދިހަ ސީޒަންގައި ސިޓީއަށް ކުޅުމުގެ ފުރުޞަތު ލިބުމަކީ ލިބުނު ބޮޑު ފަޚުރަކާއި ކާމިޔާބީއެއްކަމަށާއި، މިހާ ދިގުމުއްތަކަށް އެއްކްލަބަކަށް އެއް ކުޅުންތެރިޔަކު ކުޅުމުގެ ފުރުޞަތުު ލިބުމަކީ މިޒަމާނުގައި ވަރަށް ނާދިރުކަމެއްކަމަށްވެސް އަގުއޭރޯ ބުންޏެވެ.

އަގުއޭރޯ ބުނި ގޮތުގައި ސިޓީގެ ތާރީހުގައި އެކްލަބަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށް އޭނާ ވެގެން ދިއުމަކީ ކްލަބުގައި އޭނާއަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީކަމަށެވެ. އޭނާ ވަނީ 384 މެޗުން 257 ގޯލު ސިޓީއަށް ކާމިޔާބުކޮށްދީފައެވެ.

އުމުރުން 32 އަހަރުގެ އަގުއޭރޯ ސިޓީއާ އެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު، އާ ކޮންޓްރެކްޓެއް އަގުއޭރޯ އަށް ނުދޭން ސިޓީން ނިންމާފައިވަނީ އަގުއޭރޯވެސް އެ ގޮތަށް ބޭނުންވާތީއެވެ.

އަގުއޭރޯ ސިޓީ ދޫކޮށްލިނަމަވެސް، 44 އަހަރަށް ފަހު 2012 ވަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ސިޓީއަށް ހޯދައިދިނުމަށް މެޗުގެ އިތުރު ވަގުތުގައި އަގުއޭރޯ ޖަހައިދިން ލަނޑަކީ ހަމަގައިމުވެސް ސިޓީގެ ސަޕޯޓަރުންނާއި، ފުޓްބޯޅައަށް ލޯބިކުރާ ހިތްތަކުން ފިލައިގެންދާނެ ހަނދާންތަކެއް ނޫނެވެ.

އަނިޔާގެ ސަބަބުން މިސީޒަންގެ ގިނަ މެޗުތަކެއް ގެއްލިފައިވާ އަގުއޭރޯ، މިސީޒަންގައި ސިޓީއަށް ކުޅެދީފައިވަނީ އެންމެ 14 މެޗެވެ. ރިޕޯޓްތައް ބުނާގޮތުން ހިލޭ ޓްރާންސްފާއެއްގައި އަގުއޭރޯގެ ސޮއި ހޯދުމުގެ ފުރުސަތު ބޮޑީ ބާސެލޯނާއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ