ބަދަލުހިފުމުގެ މަޤްޞަދުގައި އެމްޑީޕީން ހިންގަނީ ޖަރީމާއެއް - އަދުރޭ

އިންސާފު ހޯދައިދިނުމުގެ ނަމުގައި ޝަރުއީ ނިޒާމް "ފުނޑާލުން" ބަލައި ނުގަނެވޭކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ދާދި ދެންމެ އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

"ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމަށް ކުރިމަތި ކުރުވަމުންދާ ގޮންޖެހުންތަކަކީ ކަންބޮޑުވާންޖެހޭ ކަމެއް. ހަމަޔާއި އިންސާފު ހޯދައިދިނުމުގެ ނަމުގައި މުޅި ނިޒާމް ފުނޑާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން." އަދުރޭ ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ، ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ ނަމުގައި މިހާރު ހިންގަމުންދާ ކަންކަމަކީ "ބަދަލުހިފުމުގެ މަޤްޞަދުގައި އެމްޑީޕީން ހިންގާ ޖަރީމާއެއް" ކަމަށެވެ.

އަދުރޭ މިހެން ވިދާޅުވިއިރު، އިއްޔެ ބޭއްވި ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ބައްދަލުވުމުން ވަނީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ނިންމާ ގޭގައި މަޑުކޮށްލުމަށް އަންގާފައެވެ. ޢަބްދުﷲ ދީދީއަކީ ރައީސް ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމް އިއްވި ފަނޑިޔާރެވެ.

އޭނާ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމެވީ ރައީސް ނަޝީދު ޖޭއެސްސީއަށް ހުށަހެޅުއްވި ފަނޑިޔާރު ޢަބްދުﷲ ދީދީގެ ސުލޫކީ މައްސަލައަކާ ގުޅިގެންނެވެ.

ނަމަވެސް ޢަބްދުﷲ ދީދީ ވަނީ ޖޭއެސްސީގެ އެ ނިންމުން ޤާނޫނު އަސާސީއާއި ޤާނޫނުތަކާ ޚިލާފުކަމަށްބުނެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައެވެ. އެ މައްސަލަ ބަލައިގެން ސުޕްރީމް ކޯޓުން ވަނީ ފަނޑިޔާރު ޢަބްދުﷲ ދީދީގެ މައްސަލަ ބަލާ ނިމެންދެން އޭނާއާ މެދުގައި އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތާއި ކަމާބެހޭ އެންމެހާ ފަރާތްތަކުގެ މައްޗަށް އަމުރުކޮށްފައެވެ.

އެ އަމުރަށްފަހު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް މިރޭ 21:00 ގައި ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުން ހާޒިުރުކުރުމަށްވެސް ވަނީ ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް