ޕީއެންސީގެ މެންބަރުން ސަރުކާރާއި ދެކޮޅަށް ޚިޔާލު ފާޅުކުރިކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް: ފަލާޙު

ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމެންޓަރީ ގުރޫޕުގެ ބައްދަލުވުމެއްގައި ބައެއް މެންބަރުން ސަރުކާރާ ދެކޮޅަށް ޚިޔާލުފާޅުކުރިކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއްކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު ވިދާޅުވެއްޖެއެވެ.

ފަލާޙު މިފަދައިން ވިދާޅުވެފައިވަނީ އެމްޑީއޭގެ ޕީޖީ ގްރޫޕްގެ މެންބަރު، ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް ޕީއެންސީގެ ޕީޖީ ގްރޫޕާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. ޢައްބާސް ވަނީ ޕީއެންސީގެ ޕީޖީ ބައްދަލުވުމެއްގައި ބައެއް މެންބަރުން ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޚިޔާލުފާޅުކޮށްފައިވާކަމަށް ވިދާޅުވެފައެވެ.

މި މައްސަލައާ ގުޅިގެން މީސް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ފަލާޙު ވިދާޅުވެފައިވަނީ ޕީއެންސީގެ ޕީޖީ ގުރޫޕު އޮތީ އެކަތިގަނޑެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަހަތްޕުޅުގައި ވަރަށް ސާބިތުކޮށް ކަމަށެވެ. އަދި "މިފަދަ ފިތުނަވެރި ނުބައި ވާހަކަތައް ފެތުރުމަކީ ތިމާގެ ސިޔާސީ ހުނަރުވެރިކަން ހާމަކޮށްދޭ ކަމެއްކަމުގައި ދެކުމަކީ ވަރަށް ބޮޑު ކުށް ހީއެއް" ކަމަށް ފަލާޙު ވިދާޅުވިއެވެ.

މި މައްސަލައާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ވަނީ އެ ވާހަކަތަކަކީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި ޕީއެންސީގެ ޕީޖީގެ ސީނިއަރ ޑެޕިއުޓީ ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވެސް ވަނީ މި ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.

76 މެންބަރުން ތިއްބަވާ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕަކީ މަޖިލީހުގައި ސުޕަރ މެޖޯރިޓީއެއް އޮންނަ ޕާޓީއަކަށްވާއިރު، އެ ޕާޓީގެ ޕީޖީ ގްރޫޕާއި ގުޅޭގޮތުން މީގެކުރިންވެސް ވަނީ މިފަދަ ހަޤީޤަތާއި ހިލާފު ވާހަކަތައް ފަތުރާފައިވާކަން ފާހަގަކުރެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ