ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް ތައްޔާރުކޮށްފައިވާ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެމްޕޭން ވެބްސައިޓް ލޯންޗު ކޮށްފިއެވެ.
ސަރުކާރުން ރާއްޖޭގެ އެކިއެކި ރަށްރަށުގައި ހިންގަމުންދާ މަޝްރޫޢުތަކުގެ މަޢުލޫމާތުތައް ބަލާލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ މިވެބްސައިޓު ލޯންޗުކޮށްފައިވަނީ މިރޭ ކުރިއަށްދާ ރަށްވެހި ފަތިސް ޕްރޮގްރާމްގައެވެ.
އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓުންގެ މަޢުލޫމާތުތައް ހިމަނާފައިވާ މި ވެބްސައިޓުގައި ރަށްވެހި ފަތިސްގެ ވީޑިއޯތަކާއި އިންތިޚާބާއި ބެހޭ ޚަބަރުތަކުގެ އިތުރުން ވަރަށް ގިނަ މަޢުލޫމާތުތައްވެސްވަނީ ހިމަނާފައެވެ.
މި ދިޔަ އަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބު ކޮވިޑް-19 އާއި ގުޅިގެން ވަނީ މަޖިލީހުން ފާސްކުރި ޚާއްސަ ޤާނޫނަކުން ފަސްކޮށްފައެވެ.
މި އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ މި ފެށޭ އޭޕްރީލް މަހުގެ 10 ވަނަ ދުވަހެވެ.