ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑްގެ ތަރި ރޮބާޓް ލެވަންޑޯސްކީއަށް އަނިޔާގެ ސަބަބުން ޔޫއެފާ ޗެމްޕިއަންސް ލީގު ކުއާޓާރ ފައިނަލްގައި ޕީއެސްޖީއާއި ދެކޮޅަށްވެސް ނުކުޅެވޭނެކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ލެވަންޑޯސްކީގެ އަނިޔާގެ ތަފްޞީލް ހާމަކުރަމުން ބަޔާން މިއުނިކުން ބުނެފައިވަނީ ލެވަންޑޯސްކީގެ ކަނާތު ފައިގެ ލިގަމެންޓަށް ލިބުނު އަނިޔާއާއި ގުޅިގެން މަދުވެގެން ހަތަރު ހަފްތާ ވަންދެން ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެކަމަށް ޑޮކްޓަރުންގެ ޓީމުން އިރުޝާދު ދީފައިވާކަމަށެވެ.
ލެވަންޑޯސްކީއަށް އަނިޔާވެފައިވަނީ ވޯލްޑްކަޕް ކޮލިފައިންގައި އަންޑޯރާއާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. އާދިއްތަ ދުވަހު ކުޅުނު އެމެޗު 3-0 ގެ ނަތީޖާއަކުން ޕޮލެންޑް ކާމިޔާބުކޮށްފައިވާއިރު، ލެވަންޑޯސްކީވަނީ އެމެޗުގައި ދެ ލަނޑު ކާމިޔާބުކޮށްފައެވެ.
All the details on Robert Lewandowski's injury ℹ️
— ????????????FC Bayern English???????????? (@FCBayernEN) March 30, 2021
ޔޫއެފާ ޗެމްޕިއަންސް ލީގު ކުއާޓާރ ފައިނަލްގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މިފެށޭ އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާގައެވެ. އެހެންކަމުން މި އަނިޔާއިން ރަނގަޅުވުމަށް ލެވަންޑޯސްކީ އެކަށީގެންވާ މުއްދަތެއް ނެތެވެ. އަދި ކުރިއަށް އޮތް ދުވަސް ތަކުގައި ލީގުގައިވެސް ބަޔާން މިއުނިކަށް މުހިންމު މެޗުތަކެއް އޮތްއިރު އެމެޗު ތަކުގައި ލެވަންޑޯސްކީއަށް ނުކުޅެވުމަކީ ބަޔާނަށް ލިބިގެންދާނެ ބޮޑު ގެއްލުމެކެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވެނީ ޔޫއެފާ ޗެމްޕިއަންސް ލީގު ކުއާޓާރ ފައިނަލްގައި ބަޔާންއިން ޕީއެސްޖީއާއި ދެކޮޅަށް ނުކުންނަ މެޗެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ވަރުގަދަ ޕީއެސްޖީއާއި ދެކޮޅަށް ނުކުންނާނީ މި ފެށޭ އޭޕްރީލް މަހުގެ 7 ވަނަ ދުވަހުގެ ރެއެވެ. މެޗުގެ ފުރަތަމަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ ޖަރުމަނުގެ އެލިއަންޒް އެރީނާގައެވެ.
ބަޔާންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ލެވަންޑޯސްކީ މިސީޒަންގައި މިހާތަނަށް ކުޅެދިން 34 މެޗުން 42 ލަނޑުވަނީ ބަޔާންއަށް ކާމިޔާބުކޮށްދީފައެވެ. އޭގެތެރޭގައި ލީގުގައި ކުޅުނު 25 މެޗުން ކާމިޔާބުކުރި 35 ލަނޑާއި ޗެމްޕިއަންސް ލީގުގައި ކުޅުނު 6 މެޗުން ކާމިޔާބުކުރި 5 ލަނޑުވެސް ހިމެނެއެވެ.
https://feshun.wonstasite.com/117389



