ހަޑި ހުތުރު ބަސް ބޭނުންކޮށްގެން އަދުރޭގެ މައްޗަށް ކުރާ ދަޢުވާގެ އަޑުއެހުމެއް މާދަމާ

ހަޑި ހުތުރު ބަސް ބޭނުންކޮށްގެން ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ މައްޗަށް ކުރާ ދަޢުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވާ މި އަޑުއެހުން އޮތީ މާދަމާގެ 11:00 ގައެވެ.

ކްރިމިނަލް ކޯޓުން އަދުރޭގެ މައްޗަށް ނެރެފައިވާ ކޯޓަށް ޙާޟިރުވުމުގެ އަމުރުގައި ޙާޟިރުކުރެވޭ ބޭނުމެއްގެ ގޮތުގައި ބުނެފައިވަނީ ދަޢުލަތުން ދަޢުވާކުރައްވާ ހަޑިހުތުރު އެއްޗެއް ކިއުމާއި، ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ކުށުގެ މައްސަލައިގެ އިބްތިދާޢީ އަޑުއެހުމަކަށް ކަމަށެވެ.

ނަމަވެސް މި ދަޢުވާއަށް އަދުރޭވަނީ އިންކާރުކުރައްވާފައެވެ. އަދި މި ދައުވާއަކީ ސިޔާސީ ދައުވާއެއް ކަމަށްވެސް އަދުރޭވަނީ ވިދާޅުވެފައެވެ. އަދި އެއީ އެއްވެސް އަސްލެއްގެ މައްޗަށް ކުރާ ދައުވާއެއް ނޫން ކަމަށާއި އެއީ ދޮގު ތުހުމަތުތަކެއް ކޮށްގެން އުފުލާފައިވާ ދައުވާއެއް ކަމަށްވެސް ވިދާޅުވިއެވެ.

އަދި މިފަދަ ދަޢުވާ ތަކަކީ އިދިކޮޅު މެންބަރުންގެ ވާހަކަތަކުން ސަރުކާރު ނުހިނގާކަން ރައްޔިތުންނަށް ހާމަވެގެން ދާތީ، އެ ފުރުސަތު އިތުރަށް ނުދިނުމަށްޓަކައި ސަރުކާރުގެ ނުފޫޒުން އުފުލާ ދަޢުވާތަކެއްކަމަށްވެސް އަދުރޭ މީގެކުރިންވަނީ ވިދާޅުވެފައެވެ.

އަދުރޭގެ މައްޗަށް މި ދައުވާ އުފުލީ، ނޮވެމްބަރު 28، 2019 ގައެވެ. އަދުރޭގެ މައްޗަށް މި ދަޢުވާ އުފުލާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި ދުވަހު އެ ކޯޓުގެ ބޭރުގައި ކުރަމުން ދިޔަ މުޒާހަރާގެ ތެރެއިން އަޑުގަދަ ކުރާ ބޭނުން ކުރައްވައިގެން ކްރިމިނަލް ކޯޓުގެ ގާޒީންނާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ދަނިކޮށް ހަޑި ހުތުރު ބަހެއް ބޭނުން ކުރެއްވުމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ