ޖަންނަތު (07)

(ހަވަނަ އަދަދާއި ގުޅޭ)

މަންމައާ ދައްތަ ވީ ޤުރުބާނީވެސް ފެނަށް ވެގެން ދާނެއެވެ. ނަމަވެސް އޭނާވެސް މީހެއްގެ ލޯބި ބޭނުމެވެ. އޭނާ އަރުޝަމްއާ ވަރަށް ގަޔާވެއެވެ. އަރުޝަމް އޭނާގެ ޙައްޤަކަށް ހަދަން ބޭނުމެވެ. އެކަމަކު ދެން އޭނާ ހަދާނީ ކިހިނެއް ހެއްޔެވެ؟ އެއްފަރާތުގައި އޮތީ އޭނާއާއި މަންމަމެންގެ ހުވަފެންތަކެވެ. އަނެއްފަރާތުގައި ލޯތްބެވެ.

ވަރަށް ގިނައިރުވަންދެން އެކި ގޮތްގޮތަށް ވިސްނުމަށްފަހު ޖަންނަތު އެންމެ ފަހުން ނިންމުމެއް ނިންމިއެވެ. އަދި އަރުޝަމްއަށް ޖަވާބު ދިނުމަށްޓަކައި ފޯނު ނެގިއެވެ.

"އަހަންނަށް އަރުޝަމްގެ ހުށަހެޅުން ޤަބޫލުކުރެވޭކަށް ނެތް. ސޮރީ!" ތަފްސީލެއް ނުދީ ޖަންނަތު ބޭނުންވާ ގޮތް ސާފު ބަހުން ލިޔުނެވެ. އަދި ވަރަށް ހިތްވަރުކޮށްލާފައި ވައިބަރ އިން މެސެޖު ފޮނުވާލިއެވެ.

މެސެޖު ފޮނުވާލުމަށްފަހު އިރުކޮޅެއް ވަންދެން ފޯނުގެ ސްކްރީނާ ދިމާއަށް ބަލަހައްޓައިގެން ޖަންނަތު އޮތެވެ. ރައްދުގައި އަރުޝަމް ބުނާ އެއްޗެއް ބަލާލުމުގެ ބޭނުމުގައެވެ. އަރުޝަމް މެސެޖު ބެލިކަން އެނގެން އޮތެވެ. ނަމަވެސް ފަނަރަ މިނެޓް ވެގެންދިޔައިރުވެސް ރައްދެއް ނުދިނެވެ. އެކަމާ ޖަންނަތު ދެރަވެސްވިޔެވެ. ނަމަވެސް އޭނާ ކަންތައް އެކުރީ ވިސްނުނު އެންމެ ރަނގަޅު ގޮތަށެވެ.

ޖެހިގެން އައި ހަފްތާ ނިމިގެން ދިޔައިރުވެސް އަރުޝަމްގެ ފަރާތުން އެއްވެސް އިޝާރާތެއް ނުވެޔެވެ. އެހެންކަމުން ޖަންނަތު ނިންމީ އެއީ އެކަމާ އިތުރަށް ނުވިސްނާ ކިޔެވުމައިގެން ކުރިއަށް ދާން ލިބުނު ހެޔޮ ފާލެއްކަމުގައެވެ. ޖަންނަތު ކަންތައްކުރި ގޮތް އެނގިގެން ޒަހާ ވަރަށް އެއްޗެހި ކިޔެވެ. އެކަހަލަ ރަނގަޅު ބައިވެރިޔަކު ދޫކޮށްލުމަކީ ޖަންނަތަށް އެޅުނު ޅަ އެއްޗެއްކަމުގައި ޒަހާ ބުންޏެވެ. ސަބަބަކީ އަރުޝަމްއަކީ މާލޭގެ މަޝްހޫރު ވިޔަފާރިވެރިޔެއްގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅުކަން ޒަހާއަށް ވަނީ އަރުޝަމްގެ ރަޙުމަތްތެރިންގެ ފަރާތުން އެނގިފައެވެ. އަދި އަރުޝަމް ހުރީ މާސްޓާރސްއާ ހަމައަށް ކިޔަވައިގެންނެވެ. ވަޒީފާ އަދާކުރަނީ ބައްޕައާއެކު އަމިއްލަ ކުންފުނީގައެވެ. އަރުޝަމްގެ ފަހަތުން އެކި ކުލައިގެ، އެކި ފެންވަރުގެ، ރީތި އަންހެން ކުދިން އަބަދުވެސް މުގޯލި އަޅާކަން އެމީހުންގެ ފަރާތުން އޮތީ މަޢުލޫމާތު ލިބިފައެވެ. ނަމަވެސް އަރުޝަމްއަށް ކަމުދަނީ ވަރަށް މަދު ކުއްޖެއްކަމަށާ، އޭގެ ތެރެއިންވެސް ޖަންނަތުއަކީ އަރުޝަމްއަށް މިހާތަނަށް އެންމެ ޚާއްސަވި ކުއްޖާކަން އެމީހުން ވަނީ ބުނެފައެވެ. ޒަހާގެ ވިސްނުން އެހެން ހުރި ނަމަވެސް ޖީނާ ދެކުނު ގޮތުގައި ޖަންނަތުގެ ނިންމުން ރަނގަޅެވެ. ޖީނާ ދެކޭ ގޮތުގައި މީހަކާ ރައްޓެހިވެގެން އެކަމުގެ ތެރޭގައި އުޅެންވެއްޖެނަމަ ކިޔެވުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ.

އޭގެ އަނެއް ހަފްތާއެވެ. ވިއްސާރަ ދުވަހެއްކަމުން ޖަންނަތު ކޮލެޖަށް ދާން ނުކުތީ ކުޑައެއް ހިފައިގެންނެވެ. އެވަގުތު ވާރޭ ތުނިކޮށްލާފައި އޮތް ނަމަވެސް ވަރަށް ގަދައަށް ވައިޖެހެމުން ދިޔައެވެ. އޭގެ ސަބަބުން ކުޑަ ނަގައިގެން ހުއްޓެއްކަމަކު އޭގެން މާބޮޑު ފައިދާއެއް ނުކުރިއެވެ. ކުޑަ އަނެއް ފަރާތަށް ޖެހޭ ވަރުން ނުހިފެހެއްޓިގެން އިރުކޮޅަކުން ޖަންނަތަށް ޖެހުނީ ކުޑަ ލައްޕާލާށެވެ. އޭރު ބޮލުގެ އިސްތަށިތައްވެސް އެއްވެސް ހިފެހެއްޓުމެއް ނެތި މޫނު މަތީގައި ކޭއްތެމުން ދިޔައެވެ. ދޭތެރެއަކުން ލައިގެން ހުރި ޝިފޯން ފޮތީގެ ޓޮޕްކޮޅުގެ ފަސްބައިވެސް މައްޗަށް އަރާތީ ހިފަހައްޓަން ޖެހެއެވެ. އެ ހުރިހާ ކަމަކާ ހެދި ޖަންނަތު ހުރީ ރުޅި އަންނަ ގޮތްވެފައެވެ. އެވަރުން ނުވެގެން އެދުވަހު މަގުމަތިން ދާ މީހުންވެސް އޭނާއާ ދިމާއަށް މާ ބޮޑަށް ބަލާހެން ހީވިއެވެ. ދެން އަދި ވީ މާ ރުޅިގަދަވި ކަމެކެވެ. ތަންކޮޅެއް ހަނިކޮށް އޮތް، އެއްކޮޅަށް ދުއްވާ މަގަކަށް ޖަންނަތު އަޅާލި ވަގުތު ފަހަތުން ކާރެއް އައިސް ބަރުގޮނު އަޅަން ފެށިއެވެ. އެވަގުތު އައި ރުޅިން ދަތްކުނޑި ވިކައިގަނެފައި ޖަންނަތަށް ކުދި ކިޔައިގަނެވުނެވެ. އަދި ވަރަށް ހިތްހަމަ ނުޖެހިފައި ފަހަތަށް އެނބުރި ލޯ އަޅާލިއެވެ. އެވަގުތު ޖަންނަތަށް ހީވީ ކުއްލިއަކަށް މޭގަނޑު އަނގަޔަށް އައި ހެންނެވެ. ބަރުގޮނު އެޅި ކާރުގައި ދުއްވަން އިނީ ދެވަނަ އެހެން މީހެއް ނޫނެވެ. އަރުޝަމްއެވެ.

"ޖަންނަތު ކާރަށް އަރާބަލަ!" ޖަންނަތު ބަލާލިތަން ފެނިގެން އަރުޝަމް ބޭރަށް ބޯދިއްކޮށްލާފައި ބުންޏެވެ. އޭރު އެ ކާރުގެ ފަހަތުގައި ދެތިން ސައިކަލުގައިވެސް މީހުން މަޑުކޮށްގެން ތިއްބެވެ. އެހެންކަމުން އެތާ އެހެން ހުންނަންވެއްޖެނަމަ މަގު ބެދިދާނެތީ ޖަންނަތު މަޑުމަޑުން ދުވެލާފައި ގޮސް ކާރުގެ ފަހަތު ސީޓަށް އެރިއެވެ. އޭރު އޭނާ ހުރީ ކޮންމެވެސް ވަރަކަށް ތެމިފައެވެ.

"ވިއްސާރަ އިރު ކީއްވެ ހިނގާފަ ތިދަނީ؟ ޓެކްސީއެއްގަ ދިޔަނަމަ." ކާރުގެ ހުންގާނު ކައިރީގައި ބަހައްޓާފައި ހުރި ޓިޝޫ ފޮށްޓެއް ޖަންނަތަށް ދިއްކޮށްލަމުން އަރުޝަމް ބުންޏެވެ. އޭރު މަޑުމަޑުން ކާރު ކުރިއަށް ދުއްވާލައިފިއެވެ.

"ނުކުތްއިރު ނޭނގެ މިހާ ވައި ގަދަ ކަމެއް." އަރުޝަމް ދިން ޓިޝޫ ފޮށިން ޓިޝޫއެއް ނަގާ މޫނު ފޮހެލަމުން ޖަންނަތު ބުންޏެވެ.

އެއަށްފަހު އިތުރަށް އެކަކުވެސް އަނގަޔަކުން ނުބުނެއެވެ. ނަމަވެސް ކާރުގެ ހުންގާނުގެ މަތީގައި އިން ލޯގަނޑުކޮޅުން އަރުޝަމް އިރުއިރުކޮޅާ ޖަންނަތާ ދިމާއަށް ބަލާލައެވެ. ފޯނާ ކުޅެން ކަމަށް ހަދައިގެން އިންނަމަވެސް ޖަންނަތަށް އެކަން ވަރަށް ރަނގަޅަށް އެނގުނެވެ.

ކޮލެޖް ކައިރިއަށް ކާރު މަޑުކޮށްލިއިރު ވާރޭ ބޯކޮށްލައިފިއެވެ. އެހެންކަމުން ދަބަސް ކޮނޑުގައި އަޅުވާލުމަށްފަހު ޖަންނަތު ކާރުން ނުކުމެ ކުޑަ ނެގިއެވެ. އެމަންޒަރު ކޮލެޖު ދަރުމަތީގައި ހުރި ޒަހާއަށް ވަރަށް ރީއްޗަށް ފެނުނެވެ. އަވަސްއަރުވާލާފައި ނުކުންނަން ހަދައިގެން އަރުޝަމްއަށް ޝުކުރު އަދާކުރަންވެސް ޖަންނަތު ހަނދާނެއް ނުވިއެވެ. އެހެންކަމުން ކޮލެޖު ތެރެއަށް ވަދެ ހިޔާވާ ހިސާބަކަށް ދެވުމުން ޖަންނަތު އަވަހަށް އަރުޝަމްއަށް މެސެޖެއް ކޮށްލުމަށްޓަކައި ފޯނު ނެގިއެވެ. އޭރު ޒަހާ އޭނާ ކައިރީގައި ހުރެގެން ހުއްޓާނުލާ ދިމާކުރަމުން ދިޔައެވެ. ނަމަވެސް ޖަންނަތު އެކަމާ މާބޮޑަށް އަޅާނުލާ ފޯނު ހުޅުވާލިއެވެ. އޭރު އަރުޝަމްގެ މެސެޖެއް އައިސްފައި އޮތެވެ.

"ނިމޭ ގަޑީގަ ބަލާ އަންނާނަން." ޖަންނަތުގެ ހުއްދަ އެހުމެއްވެސް ނެތި އަރުޝަމް ލިޔެފައި އޮތީ ހަމައެކަނި އެހެންނެވެ. ދޭނެ ޖަވާބެއް ނޭނގިގެން ޖަންނަތު އަވަހަށް ފޯނު ލޮކްކޮށްލުމަށްފަހު ދަބަހަށް ކޮށްޕާލިއެވެ.

ދުވަހަށް ތާވަލްކުރެވިފައި ހުރި ގަޑިތައް ނިމިގެން ޖަންނަތުމެން ކްލާހުން ނުކުތްއިރުވެސް ތުނިތުނިކޮށް ވާރޭ ވެހެމުން ދިޔައެވެ. ކްލާހުން ނުކުމެ ޖަންނަތު ފޯނު ބަލާލިއިރު ބޭރުގައި އިން ކަމަށް ބުނެ އަރުޝަމް މެސެޖުކޮށްފައި އޮތެވެ. އެވަގުތު ޖަންނަތުގެ ހިތް ބާރަށް ތެޅިގަތެވެ. ނަމަވެސް ޒަހާއާ ޖީނާ ކައިރީގައި ދަނީކަމުގައި ބުނެފައި ޖަންނަތު ކުޑަ ނަގައިގެން ބޭރަށް ދިއުމަށްޓަކައި ހިނގައިގަތެވެ.

ޖަންނަތު ކޮލެޖްގެ ގޭޓާ ހަމައަށް އެރިތަނާ މަގުގެ އަނެއް ފަރާތުގައި އަރުޝަމްގެ ކާރު އޮއްވާ ފެނުނެވެ. ދާން ކިތަންމެ ޖެހިލުންވި ނަމަވެސް ދެން ސަލާމަތް ނުވެވޭނެކަން ޖަންނަތަށް އެނގެއެވެ. އެހެންކަމުން މަޑުމަޑުން އެދިމާއަށް ދާން ހިނގައިގަތެވެ. އެވަގުތު ފަހަތުން ޖަންނަތުގެ ނަމުން މީހަކު ގޮވާލި އަޑު އިވުނެވެ. އެނބުރި ބަލާލިއިރު ފަހަތުގައި ހުރީ ކްލާހުގައި އުޅޭ ފިޒާމްއެވެ. އޭނާވެސް އޭރު ހުރީ ކުޑައެއް ނަގައިގެންނެވެ. އެއީ ކްލާހުގައި އުޅޭ އެންމެ މޮޅު ދަރިވަރެވެ. އޭނާ އުޅޭ ގޮތުން ބައެއް ފަހަރު ޖަންނަތާ ގަޔާވާހެން ހީވެއެވެ. އެވާހަކަ ޖަންނަތުގެ އެންމެ ގާތް ދެރަޙްމަތްތެރިންގެ އިތުރުން އެތައް ކުއްޖަކު އޭނާއާ ދިމާއަށްވެސް ބުނެފައި އެބަހުއްޓެވެ.

"މިއޮތީ ޖަންނަތުގެ ޕެން ޑްރައިވް. އެއްކަލަ ފޮތް އިންނާނެ އަޅާފަ." ޖީބުން ނެގި ޕެން ޑްރައިވް ޖަންނަތާ ދިމާއަށް ދިއްކޮށްލަމުން ފިޒާމް ބުންޏެވެ. އެވަގުތު ޖަންނަތު ޕެން ޑްރައިވްގައި ހިފާފައި ހިނިތުންވެލަމުން ފިޒާމްއަށް ޝުކުރު އަދާކުރިއެވެ. އަދި އަވަސްއަވަހަށް އެނބުރިފައި ކާރާ ދިމާއަށް ހިނގައިގަތެވެ.

ޖަންނަތު ގޮސް ކާރުގެ ފަހަތު ސީޓު ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ފައި ނޭޅި އުޅެނިކޮށް އަރުޝަމްގެ އަޑު އިވިގެންދިޔައެވެ.

"އާދޭ ކުރިއަށް!" އެ އަޑުގައި އަމުރުވެރިގޮތެއް ހުއްޓެވެ.

ޖަންނަތު ކުޑަކޮށް ޖެހިލުންވެސްވިޔެވެ. ނަމަވެސް އަރުޝަމް ކަމަކާ ހިތްހަމަ ނުޖެހިފައި އިން ހެން ހީވާތީ އިތުރަށް އޭނާ ރުޅި ނޭރުވުމަށްޓަކައި އަވަހަށް ގޮސް ކުރީ ސީޓަށް އެރިއެވެ. ޖަންނަތު އަރާ އިށީނުމާއެކު އަރުޝަމް ކާރު ދުއްވާލިއެވެ. އެ ހުރިހާ އިރެއް ވީއިރުވެސް އަރުޝަމް ޖަންނަތާ ދިމާއަށް އެންމެ ފަހަރަކުވެސް ބަލާ ނުލައެވެ. ހީވަނީ ޖަންނަތަށް ކުރެވުނު ކަމަކުން ހިތްހަމަ ނުޖެހިފައި އިން ހެންނެވެ.

އަރުޝަމް އިނީ ކަނޑު ނޫ ކުލައިގެ އަތް ދިގު ގަމީހެއްގައި، ހަމައެކުލަޔާއި ހުދު ކުލައިން ކައްޗަށް ރޮނގުދަމާފައި ހުރި ޓައީއެއް އަޅާ، ބެގީ ކޮށްގެންނެވެ. ޓައީ އޮތީ ކުޑަކޮށް ކަރުން ދޫކޮށްލާފައެވެ. ގަމީހުގެ އަތް އޮތީ އޮޅަނބޮށްޓަށްވުރެ ތަންކޮޅެއް ތިރިއަށް ހުންނަވަރަށް އޮޅާލާފައެވެ. ހީވާގޮތުން އޭނާ އެއައީ އޮފީހުގައި އިނދެފައެވެ.

"އެއީ ކާކު؟" އިރުކޮޅަކު އެއްވެސް އެއްޗެއް ނުބުނެ އިނުމަށްފަހު އަރުޝަމްގެ ބަރު އަޑު އިވިގެންދިޔައެވެ. އެ އަޑުގައި އަދިވެސް ހުރީ ހިތްހަމަ ނުޖެހުމުގެ އަސަރެވެ. އިސްދަށަށް ޖަހައިގެން އިން ޖަންނަތަށް އަރުޝަމް އެއަހަނީ ކާކުގެ ވާހަކައެއްކަން ނޭނގިގެން ބަލާލިއިރު އަރުޝަމް އިނީ ކުރިންވެސް އިން ގޮތަށް ކުރިމަތިން ފެންނަން އޮތް މަގުމައްޗަށް ނަޒަރު ހުއްޓާލައިގެންނެވެ.

"ކޮބާ؟" ޖެހިލުންވެފައި އިނދެ ޖަންނަތު އޮޅުން ފިލުވުމަށްޓަކައި ސުވާލުކޮށްލިއެވެ.

"ކޮލެޖު ދޮރުމަތިން ވާހަކަ ދެއްކީ ކާކު؟" ހަމަ ކުރިންވެސް ސުވާލުކުރި ހަރުކަށި ރާގުގައި އަރުޝަމް އަނެއްކާ ސުވާލުކޮށްލިއެވެ.

"އެއީ ފިޒާމް. ކްލާސް ކުއްޖެއް." މަޑުމަޑުން ޖަންނަތު ޖަވާބު ދިނެވެ.

"އޭނާ ކީކޭ ބުނީ؟" އަރުޝަމް އިތުރު ސުވާލެއް ކޮށްލިއެވެ. ޖަންނަތަށް ހީވީ އިންޓަވިއުއެއްގައި އިނދެވުނުހެންނެވެ.

"އޭނަ އައީ އަހަރެން އޮންލައިން ފޮތެއް އަޅަންވެގެން ކުރީ ދުވަހެއްގަ އޭނާ އަތަށް ދީފަ އޮތް އަހަރެންގެ ޕެން ޑްރައިވް ޙަވާލުކޮށްދޭންވެގެން." ޖަންނަތު އިތުރު ތަފްޞީލު ދިނެވެ.

"އޭނާ އަތުގަ ހިފިތަ؟" އަދިވެސް އަރުޝަމްގެ ރުޅިގަނޑު މައިތިރވީހެންނެއް ހިޔެއް ނުވެއެވެ.

"ވަޓް؟ ނޫން. އޭނާ ކީއްކުރަން އަހަރެންގެ އަތުގަ ހިފަންވީ؟" ހައިރާންވުމުގެ އިތުރުން ޖަންނަތު ކުޑަކޮށް ހިތްހަމަވެސް ނުޖެހުނެވެ. އަރުޝަމްއަށް މިވަނީ ކީއްހެއްޔެވެ؟ ފިރިހެނަކު އޭނާއާ ދިމާއަށް ބަލާލިޔަސް ހިތްހަމަ ނުޖެހެއެވެ. ފިރިހެން ކުއްޖަކު އޭނާއާ އަނގައިން ބުނެގެންވެސް ކަމަކު ނުދެއެވެ. އޭނާއާ އަރުޝަމްއާ އެއްވެސް ގުޅުމެއް ނެތް އިރުވެސް އެވަރު ވާން ޖެހޭ ހެއްޔެވެ؟

"ސޮރީ." މަޑުމަޑުން އަރުޝަމް ބުނެލި އަޑު އިވުނެވެ. އޭރު ކުރިން އެއަޑުގައި ހުރި ހަރުކަށި ގޮތެއް ނެތެވެ. މޫނު މަތިންވެސް ފެންނަން ހުރީ މަޑުމޮޅި ކަމެވެ.

"އަހަރެން އަވަހަށް ގެއަށް ގެންގޮސްދީފާނަންތަ؟" އަރުޝަމް ބުނި އެއްޗަކަށް ރައްދު ނުދީ ޖަންނަތު ބުންޏެވެ. އޭނާ ހިތްހަމަ ނުޖެހުނުކަން އަރުޝަމްއަށް އެނގުނީ ކަންނޭނގެއެވެ. އިތުރަށް އެއްވެސް އެއްޗެއް ނުބުނެ ކާރުގެ ދުވެލި ބާރުކޮށްލިއެވެ.

ގެއަށް ގޮސް ކޮޓަރިއަށް ވަދެވުމާއެކު ޖަންނަތު ހުރިހާ ރުޅިއެއް ބޭލީ ކޮނޑުގައި އޮތް ދަބަހަށެވެ. ދަބަސް ނަގާ އެނދުމައްޗަށް ހޫރާލުމަށްފަހު ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގަން ފެށިއެވެ. އެހެން ހިނގަން ހުއްޓާ ފޯނަށް މެސެޖެއް އައި އަޑު އިވުނެވެ. އެވާނީ އަރުޝަމްއަށޭ ހިތަށް އެރުމުން ޖަންނަތު ގޮސް ދަބަސް ތެރެ ހާވާލުމަށްފަހު ފޯނު ނެގިއެވެ.

"އަހަރެން ޖަންނަތާ ދުރުވެވޭތޯ ވަރަށް މަސައްކަތްކޮށްފިން. ފެންނަ ހިސާބަށް ނައިސް ހުރެވޭތޯވެސް ވަރަށް ބަލައިފިން. އެކަމަކު އެކަން ކާމިޔާބެއް ނުވި. މިއަދު ވާހަކަ ދެއްކުނު ގޮތުން ވަރަށް ބޮޑަށް ސޮރީ. އެއީ ބަނޑުހައިވެފަ ހުރީމަ ވީގޮތެއް. ދެން އެހެންނެއް ނުވާނެ. މާދަން ކޮލެޖަށް ގެންގޮސްދޭން އަންނާނަން. އައި ލަވް ޔޫ." މެސެޖް ކިޔާ ނިމުނު އިރު ޖަންނަތު އައިސްފައި ހުރި ރުޅިގަނޑު ހުރީ މައިތިރިވެފައެވެ. އޭރު އޭނާގެ ތުންފަތުގައި ފަނޑު ހިނިތުންވުމެއް ވިޔެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ