އޯޓިޒަމް ކުދިންނަށްވެސް ހަމަހަމަ ފުރުސަތު ހޯދައިދޭން ޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވެފައި މިވަނީ އޯޓިޒަމް އެވެއަރނެސް ދުވަހާ ގުޅިގެން ދެއްވި ވީޑިއޯ މެސެޖްގައެވެ.
މިނިސްޓަރު ވިދާޅުވީ، މިއަހަރުގެ އޯޓިޒަމް އެވެއަރނެސް ދުވަސް ފާހަގަކުރަމުން މިދަނީ ދުނިޔެއަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމުން އަރައިގަތުމަށް އެންމެން އެކުގައި މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި ކަމަށެވެ.
ދުނިޔެއަށް ކުރިމަތިވެފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ މިހާލަތުގެ ސަބަބުން ގިނަބަޔަކު ހާލުގައިޖެހިފައިވާ މިދަނޑިވަޅުގައި އޯޓިޒަމް ހުންނަ ފަރާތްތަކަށް ކުރިމަތިވަމުންދާ ގިނަގުނަ ގޮންޖެހުންތަކުން އަރައިގަތުމަށްވެސް މަސައްކަތް ކުރަންޖެހޭ ކަމަށް މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.
"ހާއްސަ ގޮތެއްގައި މަސައްކަތުގެ މާހައުލުގައި މިފަދަ ފަރާތްތައް އެންމެ ފުރިހަމަގޮތުގައި ޝާމިލުކޮށް އެފަރާތްތަކަށް ހަމަހަމަ ފަހި ފުރުސަތުތަކެއް ހޯދައިދިނުމަކީ އަޅުގަނޑުމެން އެންމެންގެވެސް ޒިންމާއެއް" މިނިސްޓަރު ވިދާޅުވިއެވެ.
އޯޓިޒަމް އަކީ ކުއްޖާ ހެދިބޮޑުވުމުގައި ދިމާވާ މައްސަލަ އެކެވެ. މިއީ ސިކުނޑި ހެދިބޮޑުވުމުގައި ކުރިމަތިވާ އުނިކަމެކެވެ. އޯޓިޒަމް އަކަށް މިހާތަނަށް އެއްވެސް ފަރުވާއެއް އަދި ހޯދިފައެއް ނުވެއެވެ. އާންމު ގޮތެއްގައި އޯޓިސްޓިކް ކުދިންގެ ކިބައިން އޯޓިޒަމް އާއި ގުޅިގެން ކުރިމަތިވާ ކަންތައްތައް އެކުއްޖާގެ އުމުރުން 3 އަހަރު ތާގައި ފެންނަށް ފަށާނެއެވެ.
އޯޓިޒަމް އަކީ ތުއްތު ކުދިންގެ އުމުރުން ފުރަތަމަ ދެތިން އަހަރުގެ ތެރޭގައި ފާހަގަކުރެވޭ ސިކުނޑި ތަރައްގީވެ ހެދި ބޮޑުވުމުގައި ދިމާވާ މައްސަލަ ތަކެކެވެ. އޭގެ ސަބަބުން ވާހަކަ ދައްކައި މުވާޞަލާތު ކުރުމާއި، އިޖުތިމާޢީ ގުޅުންތައް އުފެއްދުމުގެ ހުނަރުތައް ކުއްޖާގެ ކިބައިގައި ނުހުރެއެވެ. މިއީ ރާއްޖޭގެ ނިސްބަތުން މަދުނޫން އަދަދަކަށް ކުޑަކުދިންނަށް ރާއްޖޭގައި ވެސް ޖެހޭ ބައްޔެކެވެ. ނަމަވެސް މައިން ބަފައިންނަށް މިއީ ކޮންކަމެއްކަން ނޭނގި ތަފާތު ފަރުވާ ތަކުގައި ކުއްޖާގެ އުމުރުން ދުވަސްތަކެއް ނަގާލައެވެ.
އޯޓިޒަމް އަންހެން ކުދިންނަށްވުރެ ގިނައިން ޖެހެނީ ފިރިހެންކުދިންނަށްކަން ފާހަގަ ކުރެވެއެވެ. އަދި މިނިސްބަތް ފިރިހެންކުދިންނަށް 3 ގުނަ އިތުރުކަން ވަނީ ފާހަގަކުރެވިފައެވެ. ދުނިޔޭގެ ނިސްބަތަށް ބަލާއިރު ކޮންމެ 10،000 މީހުންގެ ތެރެއިން 10 ނުވަތަ 15 މީހުންނަކީ އޯޓިޒަމް ޖެހިފައިވާ މީހުންކަން ވަނީ ފާހަގަ ކުރެވިފައެވެ.



