ރާއްޖޭގެ ސްކޫލްތަކަކީ ކާރިސާތަކަށް، ޚާއްޞަކޮށް ސުނާމީއަށް ރައްކާތެރި ތަންތަނުގެ ގޮތުގައި ކަނޑައެޅުމަކީ ވަރަށް މުހިއްމުކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ"ސުނާމީ އެވެއާރނެސް ޑޭ" ނުވަތަ "ސުނާމީއަށް ހޭލުންތެރި ކުރުމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ސުނާމީ ފަދަ ކާރިސާތަކަށް ހޭލުންތެރިކުރުމުގެ މަސައްކަތް ފެށޭ ފުރަތަމަ މަރުކަޒަކީ ސްކޫލްތައް ކަމަށްވުމަކީ މުހިއްމު ކަމެއްކަމަށާއި އެއީ ކާރިސާތަކާއި ގުޅޭ މަޢުލޫމާތު އެންމެ ފުރަތަމަ ފޯރުކޮށްދެވޭ ތަންތަނަކީ ސްކޫލްތަކަށްވާތީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ސުނާމީ ފަދަ ކާރިސާތަކުގައި ރައްކާތެރި ބޯހިޔާވަހިކަން ފޯރުކޮށްދޭ މަރުކަޒުތައް ނުވަތަ އިވެކުއޭޝަން ސެންޓަރުތަކުގެ ގޮތުގައި ބޭނުން ކުރެވޭ އެންމެ އެކަށޭނަ ތަންތަނަކީ ގިނަ ރަށްރަށުގައި ސްކޫލްތައްކަމަށެވެ. މިނިސްޓަރ ވަނީ ސްކޫލުތަކުގެ އިސްވެރިންނާއި މުދައްރިސުންނާއި، ބެލެނިވެރިންނާއި ދަރިވަރުން އަދި މުޅި ސްކޫލު މުޖުތަމަޢުއަކީ ކާރިސާތަކަށް، ޚާއްޞަކޮށް ސުނާމީ ފަދަ ކަންކަމަށް ތައްޔާރުވެ ތިބި ބާރުވެރި ބަޔަކަށްވުމަށް އިލްތިމާސް ކުރައްވާފައެވެ.
"ސްކޫލް އިމަރޖެންސީ އޮޕަރޭޝަން ޕްލޭންތައް ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި އެކުލަވާލައި، އެންޑޯސްކޮށް ތަންފީޒުކުރުން ހިމެނޭ. އަދި ފަޔަރ ޑްރިލް އާއި އިވެކުއޭޝަން ޑްރިލްތައްކުރިއަށް ގެންދެވޭ. މީގެ އިތުރުން ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ މަފްހޫމް ކަރިކިޔުލަމްގައި ހިމަނާ އެން.ޑީ.އެމް އާއި ގުޅިގެން ރާއްޖޭގެ އަތޮޅުތެރޭ ސްކޫލްތަކުގައި އިޖާބަ ދިނުމުގެ ޤާބިލްކަން އިތުރުކުރުމުގެ ގޮތުން މަސައްކަތްތަކެއް ކުރެވެމުންދޭ. އަދި އެން.ޑީ.އެމް އިން ރަށްރަށުގައި ކުރިއަށް ގެންދާ ކޮމިއުނިޓީ ބޭސްޑް ޑިޒާސްޓަރ މެނޭޖްމަންޓް ޕްރޮގްރާމްގައި ސްކޫލްތަކުން ބައިވެރިވެ ތަމްރީނު ކުރިއަށް ގެންދޭ. މި ހުރިހާ ކަންކަމުން ސްކޫލުތަކުގެ ވިލުންތެރިކަން އިތުރުވެ އެފަދަ ކާރިސާއެއް މެދުވެރިވެއްޖެނަމަ އަވަހަށް އިޖާބަދިނުމަށް ސްކޫލުތައް ތައްޔާރުކުރެވޭ." އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވިއެވެ.




