ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ ކިސަޑު ފޭބުމާއި ގުޅިގެން އިންޑޮނޭޝިއާގެ ރަށަކުން 44 މީހުން މަރުވެއްޖެއެވެ.
އިންޑޮނޭޝިއާގެ އެންމެ އިރުމަތީ ޕްރޮވިންސުގެ ފުލޮރެސް އައިލެންޑުގައި ހިނގި މިހާދިސާގައި އެރަށުގެ ގިނަ ގެތަކަކަށް ކިސަޑުވަދެ މަގުތަކާއި ބުރިޖުތައްވެސްވަނީ ހަލާކުވެގެން ގޮސްފައެވެ.
ނަސޯރާ ދީނުގެ މަޒުހަބެއް ކަމަށްވާ ކެތަލިކ މަޒްހަބަށް ނިސްބަތްވާ މީހުން ގިނަ އަދަދަކަށް ދިރިއުޅޭ މިރަށުގައި ފެންބޮޑުވެ ކިސަޑުފައިބައި ގިނަ އަދަދެއްގެ ބަޔަކުމަރުވެފައިވަނީ އެރަށުގެ ރައްޔިތުން ނަސޯރާއިންގެ އީދެއް ކަމަށްވާ އީސްޓާރ ސަންޑޭ ފާހަގަ ކުރުމަށް ތައްޔާރުވަމުން ދަނިކޮށް ކަމަށްވެސް ބޭރުގެ މީޑިއާތަކުން މައުލޫމާތު ދެއެވެ.
އޭއެފްޕީ ނިއުސްއަށް މައުލޫމާތު ދެމުން އިންޑޮނޭޝިއާގެ ގުދުރަތީ ހާދިސާތަކާއި ބެހޭ އެޖެންސީގެ ތަރުޖަމާން ރެދިތްޔާ ޖެޓީ ވިދާޅުވީ 44 މީހުން މަރުވެ ނުވަމީހަކަށް ގެއްލުންވެފައިވާއިރު ގިނަބަޔަކު ފޭބި ކިސަޑުގަނޑުގެ އަޑީގައި ވާނެކަމަށް ބެލެވޭ ކަމަށެވެ. އަދި މިއާއެކު މިހާދިސާގައި މަރުވިމީހުންގެ އަދަދު އިތުރުވާނެކަމަށް ގަބޫލުކުރެވެއެވެ.
ޖެޓީ ވިދާޅުވީ ކުރިއަށް އޮތް ހަފްތާގައިވެސް މޫސުން ރަނގަޅުވާނެކަމަށް ނުބެލެވޭ ކަމަށެވެ. މޫސުން ގޯސްވުމުގެ ސަބަބުން މީހުން ސަލާމަތް ކުރުމުގައިވެސްވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.