ޖަންނަތު (08)

(ހަތްވަނަ އަދަދާއި ގުޅޭ)

"އަހަރެން ޖަންނަތާ ދުރުވެވޭތޯ ވަރަށް މަސައްކަތްކޮށްފިން. ފެންނަ ހިސާބަށް ނައިސް ހުރެވޭތޯވެސް ވަރަށް ބަލައިފިން. އެކަމަކު އެކަން ކާމިޔާބެއް ނުވި. މިއަދު ވާހަކަ ދެއްކުނު ގޮތުން ވަރަށް ބޮޑަށް ސޮރީ. އެއީ ބަނޑުހައިވެފަ ހުރީމަ ވީގޮތެއް. ދެން އެހެންނެއް ނުވާނެ. މާދަން ކޮލެޖަށް ގެންގޮސްދޭން އަންނާނަން. އައި ލަވް ޔޫ." މެސެޖް ކިޔާ ނިމުނު އިރު ޖަންނަތު އައިސްފައި ހުރި ރުޅިގަނޑު ހުރީ މައިތިރިވެފައެވެ. އޭރު އޭނާގެ ތުންފަތުގައި ފަނޑު ހިނިތުންވުމެއް ވިޔެވެ.

ބޭނުން ނުވި ކަމުގައިވީނަމަވެސް ޖަންނަތަށް އަރުޝަމްގެ އެދުންތަކަށް މަޑުމަޑުން އިޖާބަދެވެންފެށިއެވެ. ކިޔެވުމަށް އަސަރުކޮށްފާނެޔޭ ހިތަށް އަރާ ކޮންމެ ފަހަރަކު އަރުޝަމްއާ ވާހަކަ ނުދައްކަން ޢަޒުމު ކަނޑައަޅައެވެ. ނަމަވެސް ހިތުގެ އެދުންތަކަށް ދެކޮޅު ހެދުންވީ އޭނާއަށް ކުރަން ނުހަނު އުނދަގޫ ކަމަކަށެވެ. އެކަމާ ދެރަވިއެވެ. ހަމަ އެހާވަރަށް ބިރުވެސްގަތެވެ. އަދި މަންމަމެންނަށް އެނގިއްޖެނަމަ ހިތްހަމަ ނުޖެހިދާނެތީ ސިއްރުވެސްކުރިއެވެ.

އާދައިގެމަތިން ކޮލެޖަށް ދާން ޖަންނަތު ގެއިން ނުކުތްއިރު އާންމުކޮށް އަރުޝަމްގެ ކާރު އޮންނަ ތަނުގައި އޮތެވެ. ގޭގައި އުޅޭ މީހަކަށް ފެނިދާނެތީ ޖަންނަތުގެ އެދުމުގެ މަތިން އަރުޝަމް ކާރު މަޑުކުރަނީ ގެއާ ތަންކޮޅެއް ދުރުގައެވެ. މަޑު ހިނގުމެއްގައި ޖަންނަތު ގޮސް ކާރުގެ ކުރީ ސީޓަށް އަރާ އިށީނދެލުމާއެކު އަރުޝަމް ރަތްކުލައިގެ ފިނިފެންމަލެއް ދިއްކޮށްލިއެވެ. އޭރު އެ ތުންފަތުގައި ފަނޑު ހިނިތުންވުމެއްވިއެވެ. އެއީ މިހާރު ކޮންމެ ދުވަހެއްގެވެސް އާދައެވެ. ބައްދަލުކުރާ ކޮންމެ ފަހަރަކު އަރުޝަމްގެ ފަރާތުން ކޮންމެވެސް ހަދިޔާއެއް ލިބެއެވެ. އަރުޝަމްގެ އެ އަދާތަކުގެ ސަބަބުން ޖަންނަތުގެ ހިތް ދިޔައީ ދުވަހެއް ދުވަހަކަށް އަރުޝަމްއާ ދިމާއަށް ލެނބުން އިތުރުވަމުންނެވެ. އެއީ އަންހެންކުދިންގެ ފިޠުރަތުގައިވެސް ލައްވާފައިވާކަމެކެވެ. ގިނަގިނައިން ހަދިޔާ ދިނުމަކީ އަންހެން ކުދިން ވަރަށް ގަޔާވާކަމެކެވެ. އެކަމުގައި ޖަންނަތު ވަކި އިސްތިސްނާއެއް ނުވެއެވެ. ލޯބީގެ ގުޅުމުގައި ނުބެދެން ކިތަންމެ މަސައްކަތްކުރި ނަމަވެސް އަރުޝަމްއާ ދުރަށް އޭނާއަށް ނުދެވިގެން އުޅޭ މައިގަނޑު އެއް ސަބަބަކީވެސް އެޔެވެ.

"ތޭންކްސް." މަލުގައި ވަސްގަންނަމުން ޖަންނަތު ބުންޏެވެ.

"އިނގޭތަ މިއަދު މިއީ އަހަރެމެންގެ ރިލޭޝަންއަށް އެއް މަސް ވީ ދުވަސްކަން؟ އެހެންވީމަ ސެލެބްރޭޓްކޮށްލަން ކޮލެޖް ނިންމާފަ އަހަންނާ އެކީ ތަނަކަށް ދެވިދާނެތަ؟ ދެމީހުން އެކަނި އިނގޭ." މަގުމައްޗަށް ނަޒަރު ހުއްޓާލައިގެން އިނދެ އަރުޝަމް ވާހަކަ ދައްކަމުންދިޔައެވެ.

"ކޮންތާކަށް؟" އެއް މަސްވިއެއްކަމަކު އަދިވެސް އަރުޝަމްއާއެކު އެކަނި ތަންތަނަށް ދާން ޖަންނަތު ޖެހިލުންވެއެވެ.

"އެއީ ސަޕްރައިޒެއް. ނޫނެކޭ ނުބުނާތި. ޕްލީޒް!" ޖަންނަތާ ދިމާއަށް މޫނު އަނބުރާލަމުން އާދޭހާއެކު އަރުޝަމް ބުންޏެވެ.

"އޯކޭ." ކުޑަ އިރުކޮޅަކު ވިސްނާލަން އިނުމަށްފަހު ޖަންނަތު ބުންޏެވެ. އެންމެ ގަޔާވާ މީހާ އެހާ ލޯބިން ކަމަކަށް އެދުމުން ދެކޮޅުހަދަން ކެރޭނީ ކާކަށްހެއްޔެވެ؟

ކްލާސްތައް ނިމުމާއެކު ޖަންނަތު އަވަހަށް ދަބަހަށް އެއްޗެހި އަޅައިގެން ނުކުންނަން ހިނގައިގަތެވެ. އޭނާ އަރުޝަމްއާއެކު ދާ ވާހަކަ ޒަހާއާ ޖީނާ ކައިރީ ވަނީ ކުރީބައިގައި ބުނެފައެވެ. ޖަންނަތު އެކަނި ދާތީ ޖީނާ ހުރީ ހިތްހަމަނުޖެހިފައެވެ، ނަމަވެސް ޒަހާއަށް އެއީ މާ ބޮޑުކަމަށްނުވިއެވެ. އޭނާ ޤަބޫލުކުރާގޮތުގައި އަރުޝަމްއަކީ ވަރަށް ރޮމޭންޓިކް މީހެކެވެ. ކޮންމެ އަންހެން ކުއްޖަކުވެސް ބޭނުންވާނީ އެކަހަލަ ލޯބިވާ ފިރިހެންކުއްޖެކެވެ. ޖަންނަތަށް އަރުޝަމް ކަހަލަ ކުއްޖަކު ލިބުމަކީ ނަސީބެއްކަމުގައި ޒަހާ ދެކެއެވެ.

ކްލާހުން ނުކުމެ ތަންކޮޅަކަށް ނުދެވެނީސް މީހަކު ގޮވާލި އަޑު އިވިގެން ޖަންނަތު ބަލާލިއިރު ފަހަތުގައި ހުރީ ފިޒާމެވެ. ފިޒާމް އައިސް ޖަންނަތާ އަރާ ހަމަވި ވަގުތު ޖަންނަތުގެ ފޯނަށް އަރުޝަމް ގުޅަން ފެށިއެވެ. އެހެންކަމުން އަވަހަށް ފޯނު ނަގާފައި މިދަނީކަމުގައި ބުނެފައި ޖަންނަތު ފޯނު ކަނޑާލިއެވެ. ފިޒާމް އައިގޮތަށް އައިސް ޖަންނަތާ އަރާ ހަމަކުރުމަށްފަހު ފެށީ ފިލާވަޅަކާ ގުޅޭ ވާހަކައެކެވެ. ފިލާވަޅުން އޮޅުން ނުފިލާ އޮތް ތަންކޮޅެއް ބުނެދިނުމަށް ފިޒާމް އެދުނެވެ. ބޭރުގައި އަރުޝަމް މަޑުކުރުވަން ބޭނުންނުވާތީ ޖަންނަތު ދިޔައީ ކުރިއަށް ހިނގަމުންނެވެ. ޖަންނަތާ އެއްވަރަށް ފިޒާމްވެސް ހިނގާފައި ދިޔައެވެ. ކޮލެޖް ދޮރުމައްޗަށް އެރި ވަގުތު މަގުގެ އަނެއް ފަރާތުގައި ކާރުގައި ލެނގިލައިގެން ހުރި އަރުޝަމް ޖަންތަށް ފެނުނެވެ.

"ސޮރީ އިނގޭ. މިގަޑީގަ މަޑުކުރެވޭކަށް ނެތް. ވަރަށް އަވަހަށް ތަނަކަށް ދާން މިދަނީ. ފަހުން ކިޔާދިނަސް އޯކޭތަ؟" އަވަސްއަރުވާލާފައި ޖަންނަތު ބުންޏެވެ.

"އޯކޭ. އަހަރެން މިރޭ ގުޅާނަން." ހިނިތުންވެލާފައި ފިޒާމް ބުންޏެވެ. އޭގެ ފަހުން ފިޒާމަށް ބަލާލުމެއްވެސް ނެތި ޖަންނަތު ކުރިއަށް ހިނގައިގަތެވެ.

ޖަންނަތު އަވަހަށް މަގުގެ ދެކޮޅު ބަލާލާފައި ކާރާ ދިމާއަށް ދިޔައިރު އަރުޝަމް ކާރަށް އަރާ އިށީނދެއްޖެއެވެ. އެތެރެއަށްވަދެ ދަބަސް ބަހައްޓާފައި އަރުޝަމްއާ ދިމާއަށް ޖަންނަތު ބަލާލިއިރު ހެނދުނު އެމޫނުމަތން ފެންނަން ހުރި އުފާވެރިކަން ވަނީ ގެއްލިފައެވެ. އޭރު ފެންނަންހުރީ ހިތްހަމަނުޖެހުމުގެ ކުލަވަރެވެ.

"ދެން ބުނެބަލަ. ކޮންތާކަށްތަ މިދަނީ؟" އަޑަށް އުފާވެރިކަން ގެންނަން މަސައްކަތްކުރަމުން ޖަންނަތު ސުވާލުކޮށްލިއެވެ. ވާހަކަ ދައްކަން ފެށުމުން އަރުޝަމްގެ މޫޑު ބަދަލުވެދާނެއޭ ޖަންނަތަށް ހީވިއެވެ. ނަމަވެސް އަރުޝަމްގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނުތާނގައި ޖަންނަތާ ދިމާއަށް ބަލާވެސްނުލިއެވެ. އޭރު ކާރުގެ ސްޕީޑްވެސް ވަރަށް ބާރެވެ.

އަރުޝަމް ވާހަކަ ނުދެއްކުމުން ޖަންނަތަށް އިތުރަށް އެއްވެސް ވާހަކައެއް ދައްކާކަށް ނުކެރުނެވެ. އެކަމާ އޭނާ ވަރަށް ދެރަވިއެވެ. ހަމައެއާ އެއްވަރަށް ހިތަށް ނުތަނަވަސްކަންވެސް ވެރިވަމުންދިޔައެވެ. އެއްކޮޅުން އަރުޝަމްއާއެކު އެކަހެރިވެވޭތީއެވެ. އަނެއްކޮޅުން އަރުޝަމް ކަމަކާ ހިތްހަމަ ނުޖެހިފައި އިނީމައެވެ.

ވިއްސަކަށް މިނެޓް ދުއްވުމަށްފަހު ކާރު މަޑުކޮށްލީ ހުޅުމާލޭގެ ބޮޑު އިމާރާތެއްގެ ކުރިމައްޗަށެވެ. އެ އިމާރާތް ހުރީ ދިހަ ބުރިއަށް ނަގާފައެވެ. ބޭރުން ފެންނަ މީހަކަށްވެސް އެތަނުގެ ރީތިކަމާއި ހައިބަތު އެނގޭހާ އެތަން ފުރިހަމައެވެ. ކާރު ޕާކުކުރުމަށްފަހު އަރުޝަމް ފޭބުމުން ޖަންނަތުވެސް މަޑުމަޑުން ކާރުން ފޭބިއެވެ. މެންދުރުގެ ހޫނު ގަދަ ގަޑިކަމުން އަރުޝަމް ކާރުން ފޭބުމަށްފަހު ލޮލުގައި އަވި އައިނު އަޅާލިއެވެ. އަރުޝަމް ހުރިގޮތް ޖަންނަތަށް ރަނގަޅަށް ފެނުނީ އެވަގުތުއެވެ. އެހެން ދުވަސްދުވަހު ޖަންނަތު ކޮލެޖުން ނިމޭ ގަޑިއަށް ބަލާ ދާއިރު ރަސްމީ ހެދުމުގައި ހުންނަ މީހާ މިއަދު ހުރީ މުށިކުލައިގެ އަތް ދިގު ޓީޝާޓަކާއެކު ތިރިން ކަޅުކުލައިގެ ޖިންސެއްލާފައެވެ. އާދައިގެ ހެދުމުގައި ހުންނައިރުވެސް އަރުޝަމްގެ ރީތިކަން ވަކި ކުޑައެއް ނޫނެވެ.

ކުރިއަށް ހިނގައިގަންނަމުން އަރުޝަމް އަތުން އިޝާރާތްކޮށްލުމާއެކު ޖަންނަތު ފަހަތުން ހިނގައިގަތެވެ. އޭރު އޭނާގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައެވެ. އަރުޝަމްއާއެކު އެކަނި އެތަނަށް އައުމަކީ ހެދުނު ގޯހެއްކަމުގައި އޭނާގެ ސިކުނޑިން އިންޒާރުދެމުންދިޔައެވެ. ނަމަވެސް އަރުޝަމް ފެނުމުން ވާގޮތެއް ނޭނގެއެވެ. އަމިއްލަ ނަފްސަށް ބާރު ފޯރުވަން އޭނާ ނުކުޅެދެއެވެ. ރަނގަޅުކަމެއް ނޫންކަން އެނގުނަސް އަރުޝަމް އެދިއްޖެނަމަ ދެކޮޅުހަދަން ފަސްޖެހެވެއެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
2112
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ