ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި މިއަދު މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގުޅިގެން ހިންގި ޙާއްޞަ އޮޕަރޭޝަނުން ފެނިފައިވަނީ "ކުޅޭކުޅޭ ބަޑިއެއް" ކަމަށް ކަމާބެހޭ ފަރާތްތަކުން ވިދާޅުވެއްޖެއެވެ.
މުއިވެޔޮމަގު ބަންދުކޮށްގެން ހަތިޔާރާއެކު ފުލުހުންނާއި ސިފައިން މި އޮޕަރޭޝަން ހިންގާފައިވަނީ މިއަދު މެންދުރުއެވެ.
އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް އާޒިމް ވިދާޅުވީ، މި އޮޕަރޭޝަނަކީ ފުލުހުން ހިންގި އޮޕަރޭޝަނެއް ކަމަށާއި، ފުލުހުންގެ އެދުމުގެ މަތިން މި އޮޕަރޭޝަނުގައި ސިފައިން ހަރަކާތްތެރިވެފައިވާކަމަށެވެ. ފުލުހުން ވިދާޅުވީ، މި އޮޕަރޭޝަނަކީ ހަތިޔާރު ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށާއި، މި އޮޕަރޭޝަނުގައި މާލޭގެ ގެއެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ.
"މި އޮޕަރޭޝަނުގައި ބަލާ ފާސްކުރި ގެއިން އެފަދަ އެއްވެސް އެއްޗެއް ފެނިފައެއް ނުވޭ. މި އޮޕަރޭޝަން މިހާރު ވަނީ ނިންމާލާފައި." ފުލުހުން ވިދާޅުވިއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ، މި އޮޕަރޭޝަން ނިންމާލާފައިވާ ކަމަށާއި، އެމްއެންޑީއެފްއިން އެ ގެ ބަލާ ފާސްކުރިއިރު ފެނުނީ "ކުޅޭކުޅޭ ބަޑިއެއް" ކަމަށެވެ.
(ތަފްސީލު އަންނަނީ)



