ފޮޓޯ: އަވަސް

ވޯޓްލާން ކަރަންޓީން ނުވެ ރަށްރަށަށް ދެވޭ ގޮތް ހަދައިފި

ކުރިޔަށް އޮތް ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި ވޯޓްލުމަށް ކަރަންޓީން ނުވެ ރަށްރަށަށް ދެވޭ ގޮތް ހަދައިފިއެވެ.

މި ގޮތަށް ހަމަޖައްސާފައި ވާކަން ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކޮށް އެޗްޕީއޭ އިން މިއަދު ނެރެފައިވާ އެންގުމެއްގައި ވަނީ ވިދާޅުވެފައެވެ.

މި އެންގުމުގައި ވިދާޅުވެފައި ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު ގެ ދަށުން އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފައި ވާއިރު، އެ ޤާނޫނުގެ 34 ވަނަ މާއްދާގެ (ރ) އާއި، (ށ) އާއި، އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން، ކޮވިޑް-19 ގެ ހާލަތުގައި، ކުރިޔަށް އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވޯޓުލާ ފަރާތްތަކަށް، ކަރަންޓީނާ ނުލާ ރަށްރަށަށް ދަތުރު ކުރުމުގެ ހުއްދާ ދީފައިވާކަމަށެވެ.

އެގޮތުން މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅީފަޅާއި، ހުޅުލެ) އިން ރާއްޖޭގެ އެހެނިހެން ރަށްރަށަށް ދަތުރުކުރުމުގައްޔާއި، ރިސޯޓްތަކުންނާއި ސަފާރީތަކުންނާއި ގެސްޓުހައުސް ހުންނަ ރަށްރަށުންނާއި ކޮވިޑް-19 އާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރުމުގައި ކަނޑައެޅިފައިވާ ކަރަންޓީނު ކުރުމުގެ ފިޔަވަޅުތަކަށް މިއަދުން ފެށިގެން 2021 އެޕްރީލް 11 ވަނަ ދުވަހުގެ ނިޔަލަށް، ތިރީގައިވާ ބަޔާންކޮށްފައިވާ ފިޔަވަޅުތަކާއެކު، ވޯޓުލުމަށް ޓަކައި، އެ މީހަކު ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާ ރަށަށް 10 (ދިހައެއް) ދުވަހުގެ މުއްދަތުގެ ކަރަންޓީނާ ނުލައި ދަތުރުކުރުމުގެ ހުއްދަ ދިނުމަށް ނިންމައިފިކަމަށް މި އެންގުމުގައި ވަނީ ވިދާޅުވެފައެވެ.

  • ވޯޓުލާ ސަރަޙައްދު ފިޔަވައި ރަށުގެ އާންމު އެހެން ތަންތަނަށް (ހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަން ހިމެނޭގޮތަށް) ނުދިޔުން.
  • ހުރުމާއި ކެއުމުގެ އިންތިޒާމު، އެހެން މީހުންނާ ވަކިން ހަމަޖެހިފައި ހުރުން.
  • މީހުންނާ ބައްދަލު ނުކުރުމާއި، ގޭގެއަށް ޒިޔާރަތް ނުކުރުން.
  • ވޯޓުލުމަށްފަހު، ގިނަވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި އެ މީހަކު އައި ރަށަކަށް އެނބުރި ދިޔުން.
  • ރަށުގައި ކަރަންޓީނު ވެފައިވާ ނުވަތަ އެކަހެރިވެފައިވާ ފަރާތްތައް ވޯޓުލުމަށް ކަނޑައަޅާ ވަގުތުގައި ނުވަތަ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އެހެން ވަގުތެއްގައި ވޯޓްލުން.
  • ދަތުރު ފެށުމުގެ ކުރިން، ވޯޓުލާ ރަށުގެ ކަމާބެހޭ އިދާރާތަކަށް، ދަތުރު ކުރާ ތާރީޚާއި، ރަށުގައި މަޑުކުރާނެ މުއްދަތާއި، ރަށުގައި ހުންނާނެ ތަން އެންގުން.
  • ކޮވިޑް-19 ގެ ހާލަތުގައި ރައްކައުތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިޔަށް ގެންދިއުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލުގައިވާ ގޮތުގެ މަތީން ވޯޓުލުމުގައި ޢަމަލުކުރުން.

އެޗްޕީއޭއިން ވިދާޅުވެފައި ވަނީ މި ގޮތަށް ނިންމިކަމުގައި ވިޔަސް މި އެންގުމުގެ ދަށުން ރަށްރަށަށް ދަތުރުކުރެވޭނީ، ވޯޓުލުމަށް ޓަކައި ދާ ފަރާތްތަކަށް އެކަނިކަމަށާއި އަދި އެ ފަރާތްތަކުން، ކޮވިޑް-19 އިން ރައްކައުތެރިވުމަށް އަޅައިފައިވާ އެންމެހައި ފިޔަވަޅުތަކަށް ޢަމަލުކުރާންވާނެކަމަށެވެ.

ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ވިދާޅުވީ ވޯޓްލުމަށް ކަރަންޓީނާއި ނުލައި ރަށްރަށަށް ދެވެގޮތް ހެދި ނަމަވެސް، އެކަމަނާ ކަނޑައަޅާ ޚާއްޞަ ހާލަތްތަކުގައި، އަންގާ ގޮތެއްގެ މަތީން އަމަލު ކުރެވޭނެކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ