ފޮޓޯ: އަވަސް

މާދަމާ ވޯޓް ލާނީ ހެނދުނު 7 އިން އިރުއޮއްސި 6 އަށް!

މާދަމާ އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގައި ވޯޓް ލުމަށް ހަމަޖެހިފައި ވަނީ ހެނދުނު 7 ޖަހާއިރުން ފެށިގެން، ހަވީރު 6 ޖަހަންދެން ކަމުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވީ މާދަމާ އޮންނަ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދާނީ ހެނދުނު 07:00 އިން ހަވީރު 5:00 އަށް ކަމަށެވެ. އަދި ކަރަންޓީނު ނުވަތަ އައިސޮލޭޝަންގައި ތިބި މީހުންނަށް ޙާއްޞަކޮށްފައިވާ ގަޑިއަކީ ހަވީރު 5:00 އިން ހަވީރު 6:00 އަށް ކަމުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

އެހެން ކަމުން އާންމު ރައްޔިތުން ވޯޓްލާ ގަޑި ހަވީރު 5 ޖަހާއިރު ހަމަވާނެއެވެ. ނަމަވެސް އޭގެ ފަހުން ކަރަންޓީންއާއި އައިސޮލޭޝަންގައި ތިބޭ ފަރާތްތަކަށް 1 ގަޑި އިރު ވޯޓް ލުމަށް އިލެކްޝަންސް ކޮމިޝަނުން މިވަނީ ދީފައެވެ. އާންމު ރައްޔިތުން ވޯޓްލާގަޑިތަކުގައި މި ފަރާތްތަކަށް ވޯޓެއް ނުލެވޭނެއެވެ.

އެޗްޕީއޭ އިން ވަނީ މާލެ ސަރަހައްދާއި، މޮނިޓަރިންގެ ހާލަތުގައިވާ ރަށްރަށުގެ އިތުރުން ރިސޯޓްތަކުންވެސް ވޯޓް ލުމަށް ކަރަންޓީން ނުވެ ރަށްރަށަށް ދެވޭނެކަމުގައި ވިދާޅުވެފައެވެ. ނަމަވެސް އެފަދަ ފަރާތްތައް ވޯޓް ލުމަށް ރަށްރަށަށް ދަތުރު ކުރިނަމަވެސް ޚާއްސަ ފިޔަވަޅު ތަކެއް ވަނީ ކަނޑައަޅާފައެވެ.

އެގޮތުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ ފިޔަވަޅު ތަކަކީ:

  • ވޯޓުލާ ސަރަޙައްދު ފިޔަވައި ރަށުގެ އާންމު އެހެން ތަންތަނަށް (ހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަން ހިމެނޭގޮތަށް) ނުދިޔުން.
  • ހުރުމާއި ކެއުމުގެ އިންތިޒާމު، އެހެން މީހުންނާ ވަކިން ހަމަޖެހިފައި ހުރުން.
  • މީހުންނާ ބައްދަލު ނުކުރުމާއި، ގޭގެއަށް ޒިޔާރަތް ނުކުރުން.
  • ވޯޓުލުމަށްފަހު، ގިނަވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި އެ މީހަކު އައި ރަށަކަށް އެނބުރި ދިޔުން.
  • ރަށުގައި ކަރަންޓީނު ވެފައިވާ ނުވަތަ އެކަހެރިވެފައިވާ ފަރާތްތައް ވޯޓުލުމަށް ކަނޑައަޅާ ވަގުތުގައި ނުވަތަ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އެހެން ވަގުތެއްގައި ވޯޓްލުން.
  • ދަތުރު ފެށުމުގެ ކުރިން، ވޯޓުލާ ރަށުގެ ކަމާބެހޭ އިދާރާތަކަށް، ދަތުރު ކުރާ ތާރީޚާއި، ރަށުގައި މަޑުކުރާނެ މުއްދަތާއި، ރަށުގައި ހުންނާނެ ތަން އެންގުން.
  • ކޮވިޑް-19 ގެ ހާލަތުގައި ރައްކައުތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިޔަށް ގެންދިއުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލުގައިވާ ގޮތުގެ މަތީން ވޯޓުލުމުގައި ޢަމަލުކުރުން

މާދަމާ އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި273،182 މީހަކަށް ވޯޓް ދިނުމުގެ ޙައްޤު ލިބިފައިވެއެވެ. މި އިންތިޚާބުގައި 3،934 ކެނޑިޑޭޓަކު އެކިއެކި ދައިރާތަކަށް ވާދަ ކުރައްވައެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް1،670 ކެނޑިޑޭޓަކު ވާދަ ކުރައްވައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ