ޑިމަކްރަސީ ނިޒާމެއްގައި އައްނަ އެންމެ މުހިންމު އެއް ހަރަކާތަކީ އިންތިހާބުތަކެވެ. އިންތިހާބުތަކުން ރައްޔިތުން އެދޭގޮތް، އެމީހުން ތާއީދުކުރާ ސިޔާސަތުތައް، އަދި ވެރިންގެ ގޮތުގައި އެ ރައްޔިތުން ބަލައިގައްނަ ފަރާތްތައް ބުނެދެއެވެ.
ކުދި ޖަޒީރާ ރައްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ދިވެހިރާއްޖެއަކީވެސް ޑިމަކްރަސީގެ ނިޒާމަކުން ވެރިކަން ހިންގާ ގައުމެކެވެ. އާބާދީގައި ި540،000 އެއްހާ މީހުން ދިރިއުޅޭ މިގައުމުގައި ސިޔާސީ ޕާޓީތައް އުފެދި ގިނަ އިންތިހާބުތަކެއް ބޭއްވުމުގެ ކުރިން ސިޔާސީ ފިކުރަކީ ކޮބައިކަމާ އަދި ކެމްޕެއިން ކުރުމަކީ ކޮބައިކަން މާގިނަ ރައްޔިތުންނަކަށް ނޭންގެއެވެ.
މިއަދު މިކަންތައްތައްވަނީ ބަދަލުވެގެން ގޮސްފައެވެ. މުޅި އާބާދީގެ ބޮޑު އިންސައްތައެއް ކޮންމެވެސް އެއް ސިޔާސީ ފިކުރަކަށް ތާއީދުކޮށް އެ ފިކުރު ތަންފީޒު ކުރުމަށް ވަކާލާތު ކުރާއިރު އިންތިހާބުތަކަށް ވޯޓު ހޯދުމަށްވެސް ގިނަ ބަޔަކު އައްނަނީ ކެމްޕެއިންތަކުގައި ފޯރީގައި ބައިވެރިވަމުންނެވެ.
ކެމްޕެއިން ކުރުމުގައި އެކިއިންތިހާބުތަކުގައި ރައްޔިތުން ބައިވެރިވާ މިންވަރު ތަފާތު ނަމަވެސް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އިންތިހާބުތަކާއި ގުޅިގެން ފޯރިގަދަ ކެމްޕެއިންތައް ކުރެވެމުން ދެއެވެ. މިގޮތުންވެސް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަކީ ކެމްޕެއިންގެ ފޯރި ރައްތަކުގައި އެތައް ގުނައަކަށް އިތުރުވެގެންދާ އިންތިހާބެކެވެ.
މި ލިޔުން ފަށަމުންވެސް ދެއްނެވި ފަދައިން ރާއްޖެއަކީ ޖަޒީރާ ރައްތަކެއްގެ މައްޗަށް އެކުލެވިގެންވާ ގައުމެކެވެ. ރާއްޖޭގެ ގިނަ ރައްތަކުގައި ދިރިއުޅޭ ރައްޔިތުންނަކީ ދެތިން އާއިލާއެއްގެ މައްޗަށް ބިނާވެފައިވާ އެކުވެރި އެއްބައެއްވަންތަ ބަޔެކެވެ. މިހެން މިކަން އޮތްނަމަވެސް ސިޔާސީ ފޯރީގައި ޖެހި އިންތިހާބުގެ ޖާދޫގައި ރައްތަކުގައި ބަޔެއް ފަހަރަށް ދެބަސްވުންތައް ހިނގަމުން ދެއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބަކީ އަމާން އޮމާން އިންތިހާބަކަށް ހެދޭނީ މިކަންކަން ކުރެވޭ މަގުސަދު ހަނދާނުން ކައްސާލިޔަނުދީ ބެހެއްޓިގެންނެވެ. އިންތިހާބުތައް ބާއްވަނީ ރައްޔިތުންގެ ބަސް ހޯދައި އެމީހުން އެދޭފަދަ ވެރިން މަގާމުތަކަށް ހޮވުމަށެވެ. ނަތީޖާ ކޮންމެ ގޮތަކަށް ނިކުތްނަމަވެސް އިންތިހާބު އިންސާފުވެރިކަމާއެކު ކުރިއަށް ދިޔަނަމަ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރަންވާނެއެވެ.
މާދަމާ އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 273،182 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވެއެވެ. މި އިންތިހާބުގައި 3،934 ކެނޑިޑޭޓަކު އެކިއެކި ދާއިރާތަކަށް ވާދަ ކުރެއެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް 1،670 ކެނޑިޑޭޓަކު ވާދަ ކުރެއެވެ. އިންތިހާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންވެސް ގަބޫލުކުރަންވީ އެންމެންނެއް ނުހޮވޭނެކަމެވެ. އަދި މިކަމާއި ހިތްބަރު ކުރުމެއްްވެސް ނެއްކަމެވެ. ވަކިވަކި ފަރުދުންތަކަކާއި ފިކުރަށްވުރެ ގައުމު ބޮޑެވެ.