ޞިއްޙީ ކުއްލިނުރައްކަލުގެ ހާލަތުގެ ތެރޭގައި ބާއްވާ ފުރަތަމަ ބޮޑު އިންތިޚާބުގެ ވޯޓްލުން ފަށައިފިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު 07:00 ގައި ފަށާފައިވާއިރު، މި އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި 826 ކެންޑިޑޭޓުން އަދި ޕީޕީއެމްގެ ޓިކެޓްގައި 647 ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްހޫރީ ޕާޓީން 115 ކެންޑިޑޭޓުން އަދި އަމިއްލަ ގޮތުން 609 ކެނޑިޑޭޓުން ވާދަކުރެެއެވެ.
ހެނދުނު 07:00 ގައި ވޯޓުލާންފެށި މި އިންތިހާބުގެ ވޯޓުލުން މިއަދު ހަވީރު 05:00 އާއި ހަމައަށް ކުރިއަށްދާނެއެވެ. އަދި 05:00 އިން 06:00 އަށް ވޯޓުލުމަށް ހަމަޖެހިފައިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ފަރާތްތަކާއި، ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރަމުންދާ ފަރާތްތަކުގެ އިތުރުން ކަރަންޓީނުވުމެއްނެތި ދަތުރުކޮށްފައިވާ ފަރާތްތަކުން ވޯޓުލުމަށެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަދި ރިސޯޓްތަކާއި ސިނާއީ މަސައްކަތްކުރާ ރަށްތަކުގެ އިތުރުން އަވަށްޓެރި އިންޑިއާއާއި ލަންކާގައި ވޯޓް ފޮށި ބަހައްޓާފައިވެއެވެ.
މ. ރަތްމަންދޫ އަދި ވ. ތިނަދޫގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 08:30 އިން ހަވީރު 05:00 އަށް ކަމުގައި އީސީންވަނީ ވިދާޅުވެފައިވާއިރު، އެއީ ކައިރި ރަށްރަށުން އޮފިޝަލުން ހަމަޖައްސަން ޖެހުމާއި ގުޅިގެން ކަމަށް އީސީން ވަނީ ވިދާޅުވެފައެވެ.
މި އިންތިހާބުގައި މުޅިޖުމްލަ 1912 މެންބަރުން އިންތިޚާބުކުރާއިރު، އޭގެ ތެރޭގައި ކައުންސިލްތަކަށް 982 މެންބަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް އިންތިޚާބުކުރާ 930 މެންބަރުން ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަތޮޅު ރައީސުންގެ ގޮތުގައި 18 މެންބަރުންނާއި ރަށު ކައުންސިލްތަކުގެ ރައީސުންގެ ގޮތުގައި 178 މެންބަރުންނާއި ރަށު ކައުންސިލްތަކުން އަންހެނުންނަށް ހާއްސަކުރި 370 ގޮނޑި އަދި ވަކި ޖިންސަކަށް ޚާއްޞަނުކުރާ 370 ގޮނޑިއެވެ. މީގެ އިތުރުން މާލެ ސިޓީގެ މޭޔަރާއެކު މާލޭ ސިޓީ ކައުންސިލަށް 18 މެންބަރުން، އައްޑޫ ސިޓީއަށް މޭޔަރާއެކު 12 މެންބަރުން އަދި ފުވައްމުލަކާއި ކުޅުދުއްފުށި ސިޓީއަށް މޭޔަރާއެކު ހަ މެންބަރުން އިންތިހާބު ކުރާނެ އެވެ.
(ތަފްސީލު އަންނަނީ)