މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ރީހެބް ސެންޓަރެއް ހިންގުމުގެ ޝައުޤުވެރިކަން ޖަމިއްޔަތުއްސަލަފް އިން ފަޅު ކުރައްވައިފިއެވެ.
އެ ޖަމިއްޔާގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުޙައްމަދު އިބްރާޙިމް ވިދާޅުވެފައި ވަނީ މަސްތުވާ އެއްޗެހީގެ ޝިކާރައަކަށްވާ ޒުވާނުން ރީހެބްކޮށް، އަނބުރާ މުޖްތަމަޢުގައި ބޭނުން ހިފޭ، ފައިދާހުރި މުވާޠިނުންނަށް ހެދުމުގެ ބުރަމަސައްކަތް ހިންގުމުގެ ޝައުޤުވެރިކަން ޖަމިއްޔަތުއްސަލަފް އިން ފާޅުކުރާކަމަށެވެ.
މީގެ އިތުރުން މި މަސައްކަތް އޯގާވަންތަ މާތް ﷲގެ ޙަޟްރަތުން ވާގިއެދޭ ޙާލު، ފަށާކަމުގައި ޝެއިޙް ޢަބްދުﷲ ބިން މުޙައްމަދު އިބްރާޙިމް ވިދާޅުވިއެވެ.
ސަލަފްގެ ރައީސް މިކަމަށް ޝައުޤުވެރިކަން ފާޅު ކުރައްވާފައި މިވަނީ ނޭޝަނަލް ޑްރަގް އޭޖެންސީ އިން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން ބޭނުންވާ ފަރާތްތަކަށް ފަރުވާދޭ މަރުކަޒު ގާއިމްކުރުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކަށް ހުޅުވާލުމާއި ގުލިގެންނެވެ.
އެގޮތުން އެ އޭޖެންސީ އިން ކޮށްފައި ވާ އިޢުލަނެއްގައި ވިދާޅުވެފައި ވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާ ދިނުމަށްޓަކައި މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ 47 ވަނަ މާއްދާއިން، އަމިއްލަ ފަރާތްތަކަށް، ފަރުވާދޭ މަރުކަޒު ގާއިމްކޮށް ޚިދުމަތްދިނުމުގެ ފުރުސަތު ލިބިގެންްވާ ކަމަށެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިކަމަށްއެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޖޫން މަހުގެ 24 ވަނަ ދުވަހެވެ.



