ނިމިދިޔަ އަހަރު އާސަންދައިން ކުރި ހޭދަ ބިލިއަނަކަށްވުރެ މައްޗަށް

އާސަންދައިން ދޭ ބޭސްފަރުވާގެ ޚިދުމަތް ދިނުމަށް މިދިޔަ އަހަރު ދުއިސައްތަ ސޯޅަ ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވެފައިވާކަމަށް އާސަންދަ ކުންފުނިން ހާމަކުރައްވައިފިއެވެ.

އާސަންދައިން ވިދާޅުވީ މިދިޔަ އަހަރުގެ ބައެއް އިންވޮއިސްތައް އަދި ޕްރޮސެސްކޮށް މުޅިން ނުނިމޭކަމަށާ އެމަސައްކަތް ނިމޭއިރު މިޢަދަދު އަދި މިއަށްވުރެ އިތުރުވާނެކަމަށެވެ. 

ދިވެހި ރައްޔިތުންގެ ބޭސްފަރުވާގެ ޚަރަދުތައް ބެލެހެއްޓުމަށް ސަރުކާރުން އުފައްދާފައިވާ އާސަންދަ ކުންފުނިން ޢާއްމުކޮށްފައިވާ އެކުންފުނީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ބޭސްފަރުވާގެ އެކިކަންކަމުގައި ރާއްޖޭގައި އާސަންދަ މެދުވެރިކޮށް ހޯދި ޚިދުމަތްތަކަށް ސަތޭކަ އަށްޑިހަ ނުވަ ބިލިއަން ހަތްސަތޭކަ ހަތްދިހަ އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

އަދި ރާއްޖެއިން ބޭރުން ހޯދި ބޭސްފަރުވާގެ އެކި ޚިދުމަތްތަކަށް އާސަންދައިންވަނީ ދުއިސައްތަ ފަސްދޮޅަސް ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ.

މިދިޔަ އަހަރު ދުއިސައްތަ ސޯޅަ ބިލިއަނަށްވުރެ ގިނަ ރުފިޔާ އާސަންދާއިގެ ދަށުން ހޯދާފައިވާ ސިއްޙީ ޚިދުމަތްތަކަށް ޚަރަދުކޮށްފައިވާއިރު މިއީ އޭގެ ކުރީ އަހަރާއި އާޅާބަލާއިރު ނުވަސަތޭކަ ނުވަދިހަ ހަތް މިލިއަނަށްވުރެ އިތުރު ޢަދަދެކެވެ.

އާސަންދާއިގެ ޚިދުމަތްތަކާ ބެހޭގޮތުން މަޢުލޫމާތުދެއްވަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މަރިޔަމް ޝަފީގު ވިދާޅުވީ އާސަންދައަކީ ކޮންމެ މީހަކުވެސް ޒިންމާދާރުކަމާއެކު ބޭނުންކުރަން ޖެހޭ ޚިދުމަތެއްކަމަށެވެ. އާސަންދައިގެ ޚަރަދު ބޮޑުވެ ސަރުކާރުގެ ޚަރަދު ބޮޑުވުމަކީ ޤައުމުގެ ކުރިއެރުމަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެއްކަމަށާ އާސަންދައިގެ ޚަރަދުތައް ކުޑަކުރުމަށް ހުރިހާ އެންމެންވެސް މަސައްކަތްކުރުމަށް އޭނާވަނީ އިލްތިމާސްކުރައްވާފައެވެ.

އާސަންދައިގެ ޚަރަދުތައް އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންދާއިރު މިދިޔަ އަހަރު ތިންލައްކަ ސާޅީސް ހާސް ހަތަރުސަތޭކަ އެއް ފަރާތަކުންވަނީ އާސަންދައިން ބޭސްފަރުވާކޮށްފައެވެ. އެއީ ރާއްޖޭގައި އެކި ކަންކަމަށް ޚިދުމަތް ހޯދި ތިންލައްކަ ސާޅީސް ހާސް ދުއިސައްތަ ސާޅީސް ހަތަރު މީހުންނާއި ރާއްޖެއިން ބޭރުން ޚިދުމަތް ހޯދި ހަތަރުހާސް އެއްސަތޭކަ ފަސްދޮޅަސް ތިން މީހުންނެވެ. އޭގެ ކުރީއަހަރު ތިން ލައްކަ ބައްތިރީސް ހާސް ހަތަރު ސަތޭކަ އެއް މީހަކު އާސަންދައިގެ ޚިދުމަތް ހޯދާފައިވެއެވެ. މިޢަދަދާ އާޅާބަލާއިރު މިދިޔަ އަހަރު ޚިދުމަތް ހޯދިމީހުންގެ ޢަދަދުމިވަނީ އިތުރުވެފައެވެ. އެއީ އަށް ހާސް ހަމީހުންނެވެ. 

އަހަރަކަށްވުރެ އަހަރެއް އާސަންދައިން ކުރާ ޚަރަދު އިތުރުވަމުންދާއިރު މިޚަރަދު ކުޑަކުރުމާމެދު އެންމެވެސް ވިސްނަން ޖެހެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް